އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް)ގެ ނިންމުންތައް ހައިކޯޓަށް ނުބެލޭނެ ކަމަށް އެކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ފަށަން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގޮތުންނަމަ މައުލޫމާތެއް ދިނުމަށް ނުވަތަ ނުދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތަކުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު ލިބިދެއެވެ. އެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް އެމްޑަބްލިޔުއެސްސީން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން އޭޕްރީލް މަހު ހުކުމް ކުރީ އެފަދަ މައްސަލަތައް ހައިކޯޓަށް ނުބެލޭނެ ކަމަށެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި އޮތީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ވާހަކަ ކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރަކީ މުއައްސަސާއެއް ނޫން ކަމަށާއި އެހެންވެ، ކޮމިޝަނަރުގެ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން ހައިކޯޓުގެ އެ ނިންމުން އެމްޑަބްލިޔުއެސްސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުންވެސް ވަނީ ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެޓާނީ ޖެނެރަލް އޮފީހުން އެ ހުކުމް އިސްތިއުނާފަށް ހުށަހެޅި އާންމު މަސްލަހަތު ހިމެނޭ ކަމަށް ބުނެއެވެ.