ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހެޅުއްވި އިސްތިއުނާފީ ބައެއް ނުކުތާތަކަށް ދައުލަތުން ޖަވާބުދާރީވާން ދެކޮޅު ހެދުމުން އެ ނުކުތާތަކަށް ވެސް ޖަވާބުދާރީ ވުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އަންގަވައިފި އެވެ.
ދައުލަތުން ދެކޮޅު ހެދީ، ކްރިމިނަލް ކޯޓުން ޔާމީނަށް ޖަލު ހުކުމްކުރި ގޮތާއިމެދު ޔާމީންގެ ފަރާތުން ހުށަހެޅުއްވި ނުކުތާ އާއި މަނީ ލޯންޑަރިންގެ ގާނޫނު މާނަ ކުރުމުގައި އަމަލު ކުރެވުނު ގޮތާއި ގުޅޭ ގޮތުން ޔާމީންގެ ފަރާތުން ހުށަހެޅުއްވި އިސްތިއުނާފީ ނުކުތާއަށެވެ. އެ ނުކުތާއަށް އަނގަބަހުން ޖަވާބުދާރީ ވުމަށް ދައުލަތުން ބޭނުން ނުވާ ކަމަށް ވިދާޅުވުމުން، ފަނޑިޔާރުންގެ ބެންޗުން ވަނީ އަނގަބަހުން ޖަވާބުދާރީ ވުމަށް ދައުލަތުން ދެކޮޅު ހަދާ ސަބަބު ސާފުކޮށް ދިނުމަށް އެދިފަ އެވެ.
އެކަން ފަނޑިޔާރުންގެ ބެންޗަށް ސާފުކޮށްދެއްވަމުން ދައުލަތުން ވިދާޅުވީ، އަނގަބަހުން އެ ނުކުތާއަށް ޖަވާބުދާރީ ވުމަށް ބޭނުން ނުވާ ސަބަބަކީ، އަދަބު ކަނޑައެޅުނީ އާދަޔާ ހިލާފަށް ގާނޫނާ ހިލާފު ވެގެން އަދަބު ކަނޑައެޅުނު ގޮތް ޔާމީންގެ ފަރާތުން ކިޔައިދެވިފައި ނުވާތީ އާއި، މަނީ ލޯންޑަރިންގެ ގާނޫނު މާނަ ކުރާ ގޮތް ލިޔުމުން ވެސް ވަރަށް ތަފްސީލު ކޮށް ޖަވާބު ދެއްވާފައިވާތީ ކަމަށެވެ. ނަމަވެސް ދައުލަތުގެ އެ ސަބަބު ގާބުލު ކުރަން ފަނޑިޔާރުން ބެންޗުން ދެކޮޅު ހައްދަވައި އެންގެވީ، ޔާމީންގެ ފަރާތުން ހުށަހެޅުއްވި 22 އިސްތިއުނާފީ ނުކުތާއަށް ވެސް ދައުލަތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެ ގޮތުން ދައުލަތުން ފާހަގަ ކުރައްވާ ނުކުތާތަކަށް ވެސް ޖަވާބު ދެއްވަން ޖެހޭނެ ކަމަށެވެ.
ފަނޑިޔާރުންގެ އެންގެވުމާ އެއްގޮތަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގެ ގާނޫނު މާނަ ކުރި ނުކުތާއާ ގުޅޭ ގޮތުން ރައްދު ދެއްވައިފަ އެވެ. ނަމަވެސް އެއީ ވަރަށް ކުރުކޮށް އަދި ވަރަށް ދުރުދުރުން ދެއްވި ޖަވާބުތަކެވެ. އެގޮތުން އެ ނުކުތާއަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ދައުލަތުން ވިދާޅުވީ، ރާއްޖޭގައި އޮންނަ މަނީ ލޯންޑަރިންގެ ގާނޫނު ފުރިހަމަ ނުވާ ކަމަށް ބުނެ އެހެން ގައުމުތަކުގެ އެފަދަ ގާނޫނު ތަކަށް ރިއާޔަތް ކުރަން ނުޖެހޭ ކަމަށާއި، ރާއްޖެއަކީ މިނިވަން ދައުލަތެއް ކަމުން ރާއްޖޭގައި އަމަލު ކުރުމުގައި ބަލަން ޖެހޭނީ ރާއްޖޭގެ ގާނޫނަށް ކަމަށާއި އަދި ރާއްޖޭގެ ގާނޫނު މާނަ ކުރުމުގައި ބޭރު ގައުމެއްގެ ގާނޫނަށް ބަލާ ނަމަ، ބަލަން ޖެހޭނީ ރާއްޖޭގެ ގާނޫނާ ދާދި އެއް ގޮތް ގާނޫނެއް ކަމަށެވެ.
މަނީ ލޯންޑްރިންގެ ގާނޫނު ރާއްޖޭގައި އެކުލަވައިލުމުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގައި ދުނިޔޭގެ ގައުމުތަކުގައި އެ ކުށާ ދެކޮޅަށް އަމަލު ކުރާނެ ގޮތުގެ ނަމޫނާ ގާނޫނަށް ރިއާޔަތްކޮށްފައި ވާނެ ކަމަށާއި، އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގައި ހިމެނޭ މަނީލޯންޑަރިން ކުށުގެ އެންމެ ހަރުކަށި އެއް އޮނިގަނޑު ކަމުގައިވާ "ވޭރިއަންޓް 3" ރާއްޖޭގެ ގާނޫނުގައި ހިމަނާފައި ވާނެ ކަމަށް ވެސް ދައުލަތުން ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ ޔާމީންގެ އިސްތިއުނާފު ސުޕްރީމް ކޯޓަށް ހުށަހެޅީ ގާނޫނާ ހިލާފަށް ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތަށް ދައުލަތުން ވިދާޅުވީ، ހައި ކޯޓުގައި ފާހަގަ ނުކުރާ ނުކުތާތަކެއް ސްޕްރީމްކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ހިމެނޭތީ އެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބި ތުވެއްޖެ ކަމަށް ކަނޑައަޅަ އެވެ. ހައި ކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ބައްލަވާ ފަނޑިޔާރުންނަކީ، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އިބްރާހީމް ދީދީ އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ މަހާޒު ޒާހިރު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު