ޚަބަރު

ހިޔާ ފުލެޓުގައި ކުނި ނެގޭނެ ވަސީލަތެއް ނެތް! ފުލެޓުވެރީން ޖެހޭނީ އެންމެ ތިރިޔަށް ކުނި ބާލަން!

1

ހިޔާ ފުލެޓުތަކުގެ ދޮރުމަތިން ކުނި ނުނެގޭނެ ކަމަށާއި ކޮންމެ މީހަކު ވެސް ކުނި ނެރެން ޖެހޭނީ ފްލެޓްތަކުގެ އެންމެ ތިރިއަށް ކަމަށް ވެމްކޯ އިން ބުނެފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ހިޔާ ޓަވަރުތަކުން ކުނި ނެގޭނެ ގޮތްތަކާ ގުޅޭ ގޮތުން މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ، ކޮންމެ ޓަވަރެއްގައި ހުންނަ ފުލެޓުތަކުގެ އަދަދަށް ބަލާ އިރު، ޑަސްބިންތަކެއް ބޭނުން ކޮށްގެން ލިފްޓުން އަރައި ފުލެޓުތަކުގެ ދޮރުމަތިން ކުނި ނަގާ ނަމަ، ލިފްޓުތައް ބޭނުން ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

އެހެންކަމުން އެޗްޑީސީއާ އެކު ބޭއްވި މަޝްވަރާތަކަށްފަހު، ކޮންމެ ފުލެޓަކުން ވެސް ޓަވަރުގެ އެންމެ ތިރިއަށް ކުނި ގެންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވެސް ވިދާޅުވީ، ހިޔާ ޓަވަރުތަކުގައި ކުނި ނެގޭނެ އެއްވެސް ވަސީލަތެއް ނެތީ މަޝްރޫއުގެ އެއްބަސްވުން އެކުލަވާލާފައިވާ ގޮތުން ކަމަށެވެ. ނަމަވެސް މިހާރު ކޮންމެ ޓަވަރެއްގެ ތިރީގައި ކުނި އަޅާނެ ތަނެއް ހާއްސަކޮށްފައި ވާ ކަމަށް ވިދާޅުވިއެވެ.

ހިޔާގެ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތަކުގައި ބުރިއެއްގައި 16 އަދި އަނެއްބައި ޓަވަރުތަކުގައި ބުރިއެއްގައި 20 ފުލެޓް ހުންނަ އިރު، 16 ފުލެޓް ހުންނަ ޓަވަރުތަކުގައި ހުންނަނީ ތިން ލިފްޓެވެ. އަދި 20 ފުލެޓް ހުންނަ ޓަވަރުތަކުގައި ހަތަރު ލިފްޓު ބަހައްޓާފައި ހުރެއެވެ. ނަމަވެސް ސާވިސް ލިފްޓެއް ނުހުރެއެވެ.