ސްޕެނިޝް ލަލީގާ

ބެންޒެމާއާއި އަސެންސިއޯގެ ވިދުމާއެކު ރެއާލް އަނެއްކާވެސް އެއްވަނައަށް

މާކަސް އަސެންސިއޯއާއި ކަރިމް ބެންޒެމާ ޖެހި ގޯލުތަކާއެކު މަލޯކާ ބަލިކޮށް، ރެއާލް މެޑްރިޑުން އަލުން ލަލީގާ ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ރެއާލުން ކުޅުނު މެޗު 6-1 އިން ކާމިޔާބު ކޮށްފައިވާ އިރު، މެޗުގައި އެސެންސިއޯ ވަނީ ހެޓްރިކް ހަދައިފައެވެ. މެޗުގައި ބެންޒެމާ ދެ ގޯލު ޖަހައިފައިވާ އިރު، އަނެއް ގޯލު ޖެހީ އިސްކޯއެވެ.

މެޗުގެ ތިންވަނަ މިނެޓުގައި ބެންޒެމާ ގޯލް ޖަހައި ރެއާލްއަށް ލީޑު ނަގައިދިންއިރު، 24 ވަނަ މިނެޓުގައި އެސެންސިއޯ ވަނީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ދެމިނެޓް ފަހުން ލީ ކޭންގް ގޯލާއެކު މަލޯކާއިން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް އެސެންސިއޯ ވަނީ ހާފް ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހައިފައެވެ.

ދެވަނަ ހާފަށް ނުކުމެ އެސެންސިއޯގެ ހެޓްރިކް ފުރިހަމަ ކޮށްފައިވާ އިރު، އިސްކޯ ވަނީ މެޗުގެ ހަވަނަ ގޯލުވެސް ޖަހައިފައެވެ.

ރޭގެ މެޗަށް ނުކުތްއިރު ލަލީގާގެ އެއްވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެޓީމުން މި ހަފުތާގައި ކުޅުނު މެޗުގައި 2-1 އިން ގެޓާފޭ ބަލިކޮށްފައިވާ އިރު، އެ ދެޓީމުވެސް މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުން ބަލިވެފައެއް ނުވެއެވެ. ހަ މެޗުން 16 ޕޮއިންޓާއެކު ރެއާލް މިވަގުތު އެއްވަނައިގައި އޮތްއިރު، އެތުލެޓީކޯއިން 14 ޕޮއިންޓާއެކު އޮތީ ދެވަނައިގައެވެ.

ރޭގެ މެޗުގައި ދެ ގޯލާއެކު ދެ އެސިސްޓް ހެދި ބެންޒެމާ މިހާތަނަށް މި ސީޒަންގައި ވަނީ އަށް ގޯލު ޖަހައި، ހަތް އެސިސްޓް ހަދައިފައެވެ. މިވަގުތު ބެންޒެމާއަކީ ލަލީގާގައި އެންމެ ފޯމު ރަނގަޅު ކުޅުންތެރިޔާއެވެ.