ޚަބަރު

ޔާމީންގެ ހުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ ގާނޫނާ ހިލާފަށް: ދައުލަތް

1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ ގާނޫނާ ހިލާފަށް ކަމަށް ދައުލަތުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވާފައިވާ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ. އެއަށްފަހު ޔާމީންގެ ފަރާތުން ވަނީ 22 އިސްތިއުނާފީ ނުކުތާއާއެކު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ޔާމީންގެ ފަރާތުން ހުށަހަޅާ އިސްތިއުނާފީ ނުކުތާތައް މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވަނީ ހުށަހަޅައިފަ އެވެ. މިއަދު އޮތީ އިސްތިއުނާފު ރައްދުވާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ނުވަތަ ދައުލަތުން އެ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދެއްވުމެވެ.

މިއަދުގެ އަޑުއެހުމުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ދައުލަތުން ފާހަގަ ކުރީ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސައަކީ ފަނޑިޔާރުންގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ އިސްތިއުނާފެއް ކަން ފާހަގަ ކުރުމެވެ. އެކަން ތަފްސީލު ކޮށްދެއްވަމުން ދައުލަތުން ބުނީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ ހައި ކޯޓުގައި ހިނގި މައްސަލައިގައި ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކަމެއް ކޮށްފައި އޮތުމުން ކަމަށެވެ. އެކަމަކު އެފަދަ ކަމެއް ޔާމީންގެ ފަރާތުން ފާހަގަކޮށްފައި ނެތްކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ، ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ބައެއް ނުކުތާތަކަކީ، ދަށު ކޯޓުތަކުގައި އެއްވެސް ވަރަކަށް ފާހަގަ ނުކުރާ ކަންކަން ކަމަށެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކާ ހަވާލާތީ ދައުލަތުން ބުނީ، ހައި ކޯޓުގައި އެއްވެސް ވަރަކަށް ނުދައްކާ ހުރި ވާހަކަތަކެއް ސުޕްރީމް ކޯޓުގައި ނުދެއްކޭނެ ކަމަށް މީގެ ކުރިން ނިންމާފައިވާ ނިންމުތަކުން އެނގެން އެބަހުރި ކަމަށެވެ.

ޔާމިންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަކީ، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.