ސަބްސިޑީގެ ގޮތުގައި ފައިސާ ލައިގެން ނަމަވެސް، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފޭހުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި، 5،000 ރުފިޔާއަށް ކުޑަކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އެ ފްލެޓްތަކުގެ އަގުން ކޮންމެ މަހަކަށް، 7،500 ދެއްކުމަށާއި، ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ހިމަނައިގެން ކޮންމެ މަހަކު ޖުމުލަ 8،500 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅައިފައެވެ.

ނަމަވެސް ހިޔާ ފްލެޓްތަކުގެ އަގު 5،600 އަށް ކުޑަކޮށް ދިނުމަށާއި، ގްރޭސް ޕީރިއަޑް އެއް އަހަރަށް ދަމާލުގެ އިތުރުން ފްލެޓްގެ މުޅި އަގުން އެއްލައްކަ ރުފިޔާ ކަނޑައިދިނުމަށް އެދި ފްލެޓް ލިބުނު ފަރާތްތައް އެކުވެގެން އުފައްދާފައިވާ، ހިޔާ ޔޫނިއަނުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ ކޮމެޓީން މިއަދު ވަނީ ކަމާބެހޭ ފަރާތްތަކާ ބައްދަލު ކޮށްފައެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި، ހައުސިން މިނިސްޓްރީ އާއި އެޗްޑީސީ އާއި ކުރީގެ ހައުސިން މިިނިސްޓަރު އަދި މިހާރުގެ މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި، ފުލުހުންނާއި ވެމްކޯ އިން ބައިވެރިވެފައިވެ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މެންބަރު ސަލީމް ވިދާޅުވީ، ހުސް ފާރުތަކެއް ހުރި ތަނެއް ބޮޑު ކުލީގައި ނިކަމެތި ރައްޔިތުންނަށް ދިނުމަކީ ބޮޑު އަނިޔާއެއް ކަމަށެވެ. އަތުން ބޮޑު ހަރަދެއް ކުރުމަށްފަހު، ކުޑަ ކޮޓަރިއަކަށް ވަންނަން ޖެހިފައި ވަނީ، 5،000 ރުފިޔާ ދައްކައިގެން ކަމަށާއި، 5،000 އަކީ އެތަނަށް ބޮޑު އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން އިތުރަށް ފައިސާ ލައިގެން ނަމަވެސް 5،000 އަށް ވުރެ އެތަނުގެ ކުލި ކުޑަކޮށްދިނުމަށް އޮތީ ކޮން ހުރަހެއްތޯ، ސަލީމް ސުވާލު ކުރެއްވިއެވެ.

ސަލީމް ވިދާޅުވީ ހިޔާ ފްލެޓުތައް އިމާރާތް ކޮށްފައި ވަނީވެސް ރައޔިތުންގެ ފައިސާއިން ކަމަށާއި، އަނެއްކާ ރައްިޔތުން އެތަނަށް ވަންނަން މިޖެހެނީވެސް ފައިސާ ހަރަދު ކޮށްގެން ކަމަށެވެ. އެތަންތަނުގެ ކުލި ބޮޑުވީ މަޝްރޫއުގައި ހިޔާނާތް ހިމެނޭތީ ކަމަށްވެސް ވިދާޅުވިއެވެ.

ޕެޓިޝަންގައި އެދިފައިވާ ގޮތަށް ފްލެޓްތަކުގެ ގްރޭސް ޕީރިއަޑަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ސަރުކާރުން ދޭން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ކަންކަން އަގުހެޔޮ ކުރުމަށް ޓަކައި، ސަރުކާރުން ހަ ބިލިއަން ރުފިޔާ އާ ގާތަށް ސަބްސިޑީ ދޭއިރު، ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށްވެސް ލުއި ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.