ދިވެހިި ފިލްމީތަރި ފައުޒިއްޔާ ހަސަނާއި އޭނާގެ އެކުވެރިޔާ މަރިޔަމް ރަޝީދާ އިންޑިއާގައި ޖާސޫސް ކުރިކަމަށް ބުނެ، ނުހައްގުން ޖަލަށްލި މައްސަލައިގެ ތަހުގީގަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ ޓީމެއް ރާއްޖެ އަންނަން ނިންމައިފިއެވެ.

އިންޑިއަން ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ)ގެ ސިއްރުތަކެއް ދިވެހި ސަރުކާރު މެދުވެރިކޮށް، ޕާސްކިތާނަށް ފޯރުކޮށްދޭން އުޅުނު ކަމަށް ތުހުމަތުކޮށް ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާގެ އިތުރުން އިސްރޯގެ އޭރުގެ އިސް ސައިންސްވެރިއެއް ކަމަށްވާ ނަމްބީ ނާރަޔަން ހައްޔަރުކޮށް ޖަލަށްލީ، 1994 ވަނަ އަހަރުއެވެ.

ނަމަވެސް ޖަލުގައި ދެ އަހަރުވި ފަހުން އެއީ ކެރަލާ ފުލުހުން އަމިއްލައަށް އުފައްދައިގެން އުޅުނު މައްސަލައެއް ކަން އެނގުމުން އެ މީހުން ދޫކޮށްލި އެވެ. އަދި ކެރެލާގެ ފުލުހުންގެ ބައިވެރިވުން އޮތް މިންވަރު ބެލުމަށް މި އަހަރުގެ ތެރޭގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ސީބީއައި އަށް އަންގައިފައެވެ.

ސީބީއައިިގެ މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން ސީބީއައި އިން ރާއްޖެ އަންނަނީ އެ މައްސަލައިގައި އަނިޔާ ލިބުނު މަރިޔަމް ރަޝީދާގެ ބަޔާން ނެގުމަށެވެ. އަދި ލަންކާގައި ދިރިއުޅޭ ފައުޒިއްޔާގެ ބަޔާން ނެގުމަށްވެސް އެ ބިއުރޯގެ ޓީމެއް އެގައުމަށް ދާނެއެވެ.

އެގޮތަށް ނިންމީ ފައުޒިއްޔާގެ ސިއްހީ ހާލަތު ދަށްކަމުން، އިންޑިއާއަށް ދާން އުނދަގޫ ވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ސީބީއައިގެ ޓީމެއް ރާއްޖެ އަންނަން ނިންމި އިރު، ސީބީއައި އިން ވަނީ ކެރަލާ ފުލުހުންނާއި ސީބީއައި އޮފިޝަލުން ހިމެނޭހެން 18 މީހެއްގެ މައްސަލަ ޓްރިވެންޑްރަމް ޗީފް ޖަސްޓިސް މެޖިސްޓްރޭޓް ކޯޓަށް މިދިޔަ މަހު ހުށަހަޅައިފައެވެ. އަދި ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމަކާ ގުުޅިގެން އެ މައްސަލައިގައި ހައްޔަރުކުރި ސައިންސްވެރިޔާ ނަބްމީ އަށް ބަދަލުގެ ގޮތުގައި 1.9 ކުރޯޑް ރުޕީސް ވަނީ ލިބިފައެވެ.