މާލޭގައި ހުންނަ ސްޓެލްކޯ މައި އިމާރާތުގައި ހުންނަ އިންޖީނުތަކުން އުނދަގޫވެ އެކި ބާވަތުގެ ގެއްލުން ލިބެމުންދާތީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް ލިބެމުންދާ އުނދަގޫތަކުން ސަލާމަތް ކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެތަނުގައި ހުރި އިންޖީނުތަކުގެ ވައިބްރޭޝަން ކޮންޓްރޯލްކޮށް ދުންހޮޅިތައް އުސްކުރަން ސްޓެލްކޯއަށް އެންގުމަށް، އެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ އާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ފާސްކޮށްފިއެެވެ.
ވައިބްރޭޝަން ކޮންޓްރޯލް ކުރުމާއި ދުން ހޮޅިތައް މައްޗަށް ޖެއްސުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އެންގުމުގެ އިތުރުން އެހެން ކަންތައްތަކެއް ކުރުމަށް ސްޓެލްކޯއަށް އެންގުމަށް ވެސް އެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
އޭގެ ތެރޭގައި އެތަނުގައި ހުރި ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލައި އެސްއޯއީ ކޮމިޓީއަށް ހުށަހެޅުމާއި، އިންޖީނުގެތައް ރީލޮކޭޓް ނުކުރެވޭ ނަމަ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމުމަށް ދެންނެވުން ހިމެނެއެވެ. ކުރިއަށް އޮތްތަނުގައި، މާލެއަށް ކަރަންޓް ދޭނީ، ތިލަފުއްޓާއި ހުޅުމާލެ އިން ކަމަށް ވާތީ، އެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ސުންގަނޑިތަކަށް އެ މަސައްކަތް ނިންމަށް އެންގުންވެސް ހިމެނެއެވެ.
މީގެ އިތުރުން ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރު ކުރުމަށާއި، ވަގުތީ ގޮތުން ބޭނުން ކުރުމަށް ޓަކައި ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަގުތައް ހުޅުވާލުމަށާއި، އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މި މައްސަލައަކީ، މާލޭގައި ހުންނަ ސްޓެލްކޯ އިންޖީނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް، ނުވަތަ ސްޓެލްކޯ އިންޖީނުގެ މާލެއިން އެހެން ތަނަކަށް ބަދަލުކޮށް، މާލެ އަކީ ކާބަން އެމިޝަން ފްރީ ސިޓީއަކަށް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި ގަރާރަކާ ބެހޭ ގޮތުން ކޮމެޓީން ބެލި މައްސަލައެކެވެ.
އެކަންތައްތައް ހައްލުކޮށްދިނުމަށް އެދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް