ޚަބަރު

މަރުގެ މައްސަލައެއްގައި އުމުރަށް ޖަލަށްލި ނަޒާހާ މިހާރު ބޭނުން ވަނީ އިންސާފު ހޯދަން

މުހައްމަދު އިޝާން

ކުރީގެ ފިރިމީހާގެ ގަޔަށް ވަޅި ހަރައި މަރާލި ކަމުގެ ކުށް ސާބިތު ވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މަރިޔަމް ނަޒާހާ، ހ. ބައިކަނޑިގޭ, މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުހެމުގައި އިސްތިއުނާފު ކުރުމުގެ ހައްގު ދޫކޮށްލި ސަބަބު ކިޔައީދީފި އެވެ.

ނަޒާހާ އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު (ޝާޑު) މއ. އެދުރުގޭ، ބުރަކައްޓަށް ފަސް އިންޗީގެ ތިލައެއް ހުރި ވަޅިއެއް ހެރިކަމުގެ ކުށް ސާބިތު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. އެ ކުށް ކުރިކަމަށް ނަޒާހާ ވަނީ ކްރިމިނަލް ކޯޓު އަދި ހައި ކޯޓުގައި ވެސް އިއުތިރާފު ވެފަ އެވެ. އެ ކުށަށް އިއުރިރާފު ވަމުން ނަޒާހާ ހައި ކޯޓުގައި ބުނެފައި ވަނީ، ފިރިމީހާއަށް ހަމަލާ ދެވުނީ އޭރު ތަހައްމަލު ކުރަން ޖެހިފައިވާ އަނިޔާގެ ސަބަބުން ނަފުސާނީ ހާލަތެއްގައި ހުރެގެން ކަމަށެވެ. ނަމަވެސް ނަފުސާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ހެކި ނަޒާހާގެ ފަރާތުން ޝަރީއަތަށް ހުށަނާޅާތީ ނަޒާހާގެ އެ ވާހަކަތަކަށް ހައި ކޯޓުން ރިއާޔަތް ނުކުރެ އެވެ.

ބުރަކައްޓަށް ވަޅި ހެރުމުގެ ސަބަބުން ހަސަން ޝާހިދު ވަނީ މަރުވެފަ އެވެ. ނަޒާހާގެ މައްޗަށް މަރުގެ ހުކުމް ޝަރީއަތުން އިއްވާފައި ނުވަނީ ހަސަން ޝާހިދުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެވެ. މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށް ވާރިސުން ބުނުމުން ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމެއް ނަޒާހާ އަޑް އިއްވި އެވެ.

ހައި ކޯޓުން ނަޒާހަތު އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2015 ވަނަ އަހަރު އެވެ. އެކޯޓުގެ ހުކުމެއް އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ, 60 ދުވަހުގެ ތެރޭ އެކަމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް, ނަޒާހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަހަރުގެ ޖުލައި މަހު އެވެ.

އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ސުޕްރީމްކޯޓަށް ހައި ކޯޓުގެ ހުކުމް އިސްތިއުނާފު ކުރަން ހުށަހެޅުމުން، ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ބަލައި ނުގަތުމަށެވެ. ނަމަވެސް އެ ނިންމުން ނަޒާހާގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކޮށްފައިވާތީ, މިއަދު ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ. އަޑުއެހުމުގައި ނަޒާހާ ވަނީ އިސްތިއުނާފީ ހައްގު އޭރު ދޫކޮށްލި ސަބަބުތައް ކިޔައިދީފަ އެވެ.

އެގޮތުން އިސްތިއުނާފީ ހައްގު އޭރު ދޫކޮށްލަން ނިންމި ކަމުގެ ސަބަބެއް ކަމަށް ނަޒާހަތު މިއަދު ބުނީ، އޭނާގެ ޝަރީއަތުގެ ވާހަކަތައް ނޫސްތަކުގައި ލިޔާތީ އޭނާގެ ފިރިހެން ދަރިފުޅަށް އޭގެ ސަބަބުން ފުރައްސާރަތައް ކުރިމަތި ވެ, ނަފުސާނީ އަސަރުތައް ކުރަމުންދާތީ ކަމަށެވެ. އަދި ބުނީ ސްކޫލުގައި ވެސް ދަރިފުޅަށް އެކަމާ ގުޅޭ ސުވާލުތައް އަމާޒުވަމުން އޭރު ދިޔަ ކަމަށެވެ.

ނަމަވެސް ހަ އަހަރު ފަހުން އަލުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިހާރު އޭނާގެ ދަރިފުޅު ފުރާވަރަށް އަރައިފައި ވުމުން މީގެކުރިން ދިމާވި ފުރައްސާރަތަކާއި ކުރިމަތިލާން ދަރިފުޅަށް އެނގޭނޭތީ ކަމަށެވެ. އަދި މިހާރު ގާނޫނުތަކަށް ބަދަލު އައިސްފައި ވުމުން އޭނާއަށް އިންސާފު ލިބޭނެކަން ޔަގީން ކުރެވުމަކީވެސް އަހަރުތަކެއް ފަހުން މައްސަލަ ހުށަހެޅުއްވި ސަބަބުކަމަށް ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ނަޒާހާ ވަނީ ކްލެމެންސީ ބޯޑަށް ހުށަހަޅައިގެން ހުކުމަށް ލުޔެއް ހޯދުމަށް މަސައްކަތްކޮށްފަ އެވެ. ހައިކޯޓުން ވަނީ ނަޒާހާ އެދިއްޖެ ނަމަ އޭނާގެ ހުކުމް ލުއިކޮށްދެވިދާނެ ކަމަށް ވެސް ކަނޑައަޅައިފަ އެވެ. ހައި ކޯޓުގެ ނިންމުމާ އެއްގޮތަށް ކްލެމެންސީ ބޯޑުން ވަނީ ނަޒާހާގެ ޖަލު ހުކުމުން ފަސް އަހަރު އުނި ކުރުމަށް ނިންމާފަ އެވެ.

މިއަދު ސްޕްރީމް ކޯޓުގައި ނަޒާހާ ބުނީ، ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ޝަރީއަތް ހިންގާފައި ވަނީ އޭނާ ކުށްވެރި ކުރެވޭ ގޮތަށް އެކަނި ކަމަށެވެ. އަދި އޭރު ތަހައްމަލު ކުރަމުން ދިޔަ ނަފުސާނީ ހާލަތަށް ދަށު ކޯޓުތަކުން ރިއާޔަތް ނުކުރާ ކަމަށެވެ.

އެއަށްފަހު ވާހަކަ ދެއްކީ ނަޒާހާގެ ވަކީލު ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ މަރިޔަމް ނިހާޔަތު އެވެ. އޭނާ ކޯޓުގައި ވިދާޅުވީ، ހަ އަހަރު ފަހުން ކަމުގައި ވިޔަސް ނަޒާހާގެ އަޑު ޝަރީއަތަށް އިއްވަން ޖެހޭ ކަމަށެވެ. ނިހާޔަތު ވިދާޅުވީ، ހަސަން ޝާހިދުގެ ފަރާތުން ނަޒާހާ އަށް ގެވެށި އަނިޔާ ލިބިފައިވާ ކަމަށެވެ. އެއިން އެއްވެސް މައްސަލައެއް ތަހުގީގު ކުރެވިފައި ނުވާ ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި, ހައިކޯޓަށް މައްސަލަ ލައިގެން ނަޒާހާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހާލަތަށް ވެސް ބަލައި އިންސާފު ލިބޭނެ ކަމަށް އެ ހިތްވަރާ އެކު އެވެ. ނަމަވެސް, އަލި މަގެއް ނުފެނި އޭނާ މާޔޫސް ވެގެން ދިޔަ ކަމަށެވެ.

ނަޒާހާގެ ހާލަތު ބުނެދޭން އޭނާގެ ފަރާތުން ހެކި ހުށަހެޅި ނަމަވެސް, އެ ހެކިން އެއްވެސް މަރުހަލާއެއްގައި ހާޒިރުކޮށްފައި ނުވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އެހެންކަމުން ނަޒާހާ މާޔޫސްވެ އިތުރަށް މައްސަލާގައި އޭރު ކުރިއަށް ދާން ބޭނުން ނުވީ ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ.

ނަޒާހާ މިހާރު ހުރީ ޝަރުއީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާއި ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އާ ހިތްވަރަކާއެކު މައްސަލައިގެން ކުރިއަށް ދާން ބޭނުންވެފައިވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ހަސަން ޝާހިދަށް ހަމަލާދިނުމަށް އެ ދުވަހު ވަޅި ނެގުމަށް ނަޒާހާ އަށް ބައިވަރު ސަބަބުތައް ހުއްޓެވެ. ވަށައިގެންވާ ހުރިހާ ކަމަކަށް ޝަރީއަތުން ބަލަން ޖެހޭ ކަމާއި ނަމަވެސް, މިހާތަނަށް އެކަން ބަލާފައި ނެތް ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އެއީ ނަޒާހާއަށް އިންސާފު ލިބުމުގައި އޮތް ވަރަށް ބޮޑު އުނިކަމެއްގެ ގޮތުގައި ނިހާޔަތު ސިފަ ކުރެއްވި އެވެ.

ނަޒާހާގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލު ނުވަތަ ދައުލަތުން ބުނީ، އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގެ ބޭރުން މައްސަލައެއް ބަލައިގަނެވޭނީ އަމިއްލަ ބާރު ނުހިނގާ ފަދަ މަގުބޫލު ސަބަބެއް އޮންނަ ހާލަތްތަކުގައި އެކަނި ކަމަށެވެ. ނަމަވެސް ނަޒާހާ ދައްކާ ވާހަކަތަކުން އެފަދަ ސަބަބެއް އޮތް ކަމަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ދައުލަތުން ވިދާޅުވި އެވެ.

ކްލެމެންސީ ބޯޑުން ނަޒާހާއަށް އަދަބު ލުއިކޮށްދީފައިވާ ކަން ވެސް ދައުލަތުން ވަނީ ފާހަގަކުރައްވައިފަ އެވެ. އެހެންވެ މި މައްސަލަ އިސްތިއުނާފު މުއްދަތު ހަމަވިތާ ހަ އަހަރު ފަހުން ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭތީ, ރަޖިސްޓްރާގެ ނިންމުމަށް ތާއިދުކޮށްދޭން ފަނޑިޔާރުންގެ އަރިހުން ދައުލަތުން ވަނީ އެދިފަ އެވެ.

ދައުލަތުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ނިހާޔަތު ވިދާޅުވީ، ކްލެމެންސީ ބޯޑުން ނަޒާހާ އަށް ލުޔެއް ލިބިފައިވުމަކީ އޭނާގެ އިސްތިއުނާފީ ހައްގަށް ހުރަސް އެޅިގެންވާނެ ކަމެއް ނޫން ކަމަށެވެ.

އުމުރުން 21 އަހަރުގައި ނަޒާހާގެ މައްޗަށް އުމުރު ދުވަހުގެ އަހަރުގެ ހުކުމެއް އައިރު, މިހާރު އޭނާ ވަނީ ޖަލުގައި 11 އަހަރާއި ތިން މަސް ހޭދަކޮށްފަ އެވެ. އަދަބުން ފަސް އަހަރު މާފު ކޮށްދީފައިވާއިރު އަދިވެސް އޭނާގެ ޖަލު ހުކުމްގައި ނުވަ އަހަރެއްހައި ދުވަސް ބާކީ އެބަ އޮތެވެ.

ދެ ފަރާތުން ދެއްކެވި ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ބެންޗުންގައި ތިއްބެވި ފަނޑިޔާރުން ނިންމެވީ ބަހުސް ކުރެއްވުމަށްފަހު އެކަމުގައި ގޮތެއް ނިންމަވައި, ދެ ފަރާތަށް ވެސް ލިޔުމުން އެކަން އެންގުމަށެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މުހައްމަދު އިބްރާހީމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އެވެ. ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރަކީ އަލީ ރަޝީދު ހުސެއިން އެވެ.