ޖުޑިޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަން ކުރުމަށް ޓަކައި އެ ކޮމިޝަންގެ މެންބަރުކަން ދޫކޮށްލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ އަދުލު އިންސާފު ކަމަށެވެ.

ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސި) މިިނިވަން ކުރުން މުހިއްމު ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އޭނާގެ ބަރުލަމާނީ ހަޔާތުގައި މިއަދަކީ އެންމެ އުފާވެރި ދުވަސް ކަމަށެވެ. އެއީ ޖޭއެސްސީގެ މެންބަރުކަން ދޫކޮށްލެއްވުމަށް މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގަތުމުން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު އެކަމަށް އެއްބަސްވެވަޑައިގެންނެވީ ކޮން ގޮތަކުން ކަމެއް ވިދާޅެއް ނުވެއެވެ.

ޖޭއެސްސީގެ މިނިވަންވުމަށް ދޫކޮށްލެއްވުމަށް އެއްބަސްވެވަޑައިގެންނެވުމާ ގުޅިގެން ރައީސް ނަޝީދަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށާއި، "އެމަނިކުފާނަށް ދޭނީ ޖުޑީޝަރީ މިނިވަން ކުރުުގެ ބާނީގެ ލަގަބު،" ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން ޖޭއެސްސީގެ ރައީސްގެ ގޮތުގައި އެ ކޮމިޝަންގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންނާއި، ދެން ވެސް އެ ކޮމިޝަނުގައި ތިއްބެވި ސިޔާސީ ބޭފުޅުން މިއަދުން މިއަދަށް ކޮމިޝަނުން އިސްތިއުފާ ދެއްވުމަށްވެސް ޖާބިރު ގޮވައިލެއްވިއެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.