ފާޑުކިޔާ ގައުމުތަކާ ވަކިވެގަތުމުގެ ބަދަލުގައި، ގުޅިގެން އުޅޭ، ޒިންމާދާރު ބައެއްގެ ގޮތުގައި އަނެއްކާވެސް ރާއްޖެ އުޅެން ފަށައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގުރާމްގައި މަބްރޫކް ރޭ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރަށް ބޮޑަށް ހަރުދަނާ ވެގެންގޮސްފައިވާ ކަމަށާއި މީގެ ކުރިން އެއްވެސް ދައުރެއްގައި ތިން އަހަރު ތެރޭގައި ހާސިލުކޮށްފައި ނުވާ މިންވަރަށް މި ދައުރުގައި ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރާއްޖޭން ކުރިން ނުދެކޭހާ ބާރުމިނުގައި ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރިވަމުން އަންނަކަމުގެ ބައިވަރު ހެކި ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން ތިން އަހަރު ތެރޭގައި ހަތް ގައުމަކާ އެކު ގުޅުން ބަދަހިކޮށްފައިވާ ކަމަށާއި ކޮމަންވެލްތާ އެކު އަލުން ގުޅުން ބަދަހިކޮށް، ގަތަރާ އެކުވެސް މި ސަރުކާރުން އަލުން ގުޅުން ބަދަހިކޮށްފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖެއަށް ލިބޭ ސްކޮލާޝިޕްގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރަވަމުން އަންނަ ކަމަށާއި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށާއި މީގެ ކުރީ ދައުރުތަކުގައި ތިން އަހަރު ދުވަހުގެ ތެރޭގައި ނުލިބޭ ވަރަށް މި ދައުރުގައި އެކި ގައުމުތަކުން ފައިސާގެ އެހީ ލިބިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
"ރާއްޖެ ވަރަށް ބާރުމިނުގައި މަސައްކަތް އެބަ ކުރޭ. އެއާ އެކީގައި ފާހަގަކޮށްލަން ބޭނުންވާ އަނެއް ކަމަކީ ބައިނަލް އަގުވާމީ މައިދާނުގައި ޒިންމާދާރު ބައެއްގެ ގޮތުގައި ރާއްޖެ އުޅެން އަނެއްކާވެސް ފަށައިފި،" މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަންތައް ކުރާކަން މުޅި ދުނިޔެއަށް ފެންނަ ކަމަށެވެ. އެހެންވެ ޕްރެސް އިންޑެކްސް އިން ކުރިއެރުން ލިބި، ހިއުމަން ރައިޓްސް ވޮޗް އިންވެސް ރާއްޖެއިން ކުރާ ކަންކަން ފާހަގަކުރަމުން އަންނަ ކަމަށެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި ރާއްޖެ މީގެ ކުރިން އޮތީ ހިއުމަން ރައިޓްސްގެ ވޮޗް ލިސްޓްގެ ފުލުގައި ކަމަށާއި ނަމަވެސް މިހާރު ކުރިއެރުންތައް ހޯދަމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ ރާއްޖެއަށް ފާޑު ކިޔުމުން ދުނިޔެއާ ވަކިން އުޅުމުގެ ވިސްނުން އަނެއްކާވެސް ދޫކޮށްލައި އެކީގައި މަސައްކަތް ކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ އައުމުން ދުނިޔެއިން މަރުހަބާ ކިޔާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ދުނިޔޭ އެކު މަސައްކަތް ކުރަން އޮތް ސަރުކާރެއްކަން މުޅި ދުނިޔެވެސް ބަލައިގެންފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު