އެޑްވަޓޯރިއަލް

ކުރީ ސަރުކާރުން ގެންގުޅުނު ދުނިޔެއާ "ބީރައްޓެހި ހާރިޖީ ސިޔާސަތު"ން އަރައިގަނެވިއްޖެބާ؟

ސިޔާސީ އަދި ހާރިޖީ ގޮތުން ރާއްޖެ ގެންގުޅެމުން އައި އެންމެނާވެސް ގުޅޭ ސިޔާސަތު ބަދަލު ކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މޫނު އަނބުރައިލެއްވީ ދެ ދިމާއަކަށެވެ. ޗައިނާ އާއި ދުނިޔޭގެ އިރުމައްޗަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޒަމާންވީ ގުޅުންތަކެއް ރޫޅި، ލާމެހިފައި އޮތް އެތައް އެކުވެރިކަމެއް ނިއުޅެން ފެށިއެވެ. އެންމެ ފަހުން ކުރިން ނުވެ ހުރި އެތައް ތުރާތަކެއް ކުރިމަތި ވެ، ދިގުލައިދާން ފެށި އެވެ.

ރައީސް ޔާމީންގެ ސަރުކާރުންވަނީ ހާރިޖީ ގޮތުންނާއި ސިޔާސީ ގޮތުން އެކުވެރި އެތައް ދައުލަތަކާއެކު ގުޅުން ކަނޑާލައިފަ އެވެ. ކިރިޔާ ކަމެއްވިޔަސް އެންމެ އަވަހަށް އަތްދިގުކޮށްލެވެން ތިބި އެންމެ ގާތް އިންޑިޔާ އަށް އޮޅުވާލައި، އެމީހުންނަށް ޖެއްސުން ކުރުމަށް ވާދަވެރިންނާ ގުޅުން ބަދަހި ކުރަން ފެށި އެވެ. ރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލަށް ޕާކިސްތާނުގެ ބޮޑުވަޒީރަށް ދައުވަތު ދެއްވީ އިންޑިޔާއަށް މައްލަވަ ކުރުމަށެވެ. ރާއްޖޭގައި ތިބި އިންޑިޔާގެ އެތައް ފަންނީ މީހުންނެއްގެ ވިސާ އާ ނުކޮށް ހިފެހެއްޓި އެވެ.

ފ. އަތޮޅުން ބައެއް ވިއްކާލުމަށް ސައޫދީ އަރަބިއާ ރުއްސަން ބޭނުން ވެގެން އިސްލާމީ މުހިންމު ދެ ގައުމު ކަމަށްވާ ގަތަރާއި އިރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލި އެވެ. މީގެ ތެރެއިން ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން ސަރުކާރުން އިއުލާނު ކުރީ އެ ގުޅުން ބަދަހިކުރަން ބޭނުން ކަމަށް ބުނެ ދެ ފަރާތުން ކުރިއަށްގެންދިޔަ ވާހަކަތަކަށް އެއްދުވަސް ފަހުންނެވެ.

ސޮއި ކޮށްފައި ހުރި ބައިނަލް އަގްވާމީ މުއާހަދާތަކަށް އަމަލުކުރުމަށް ބައިނަލް އަގްވާމީ ޖަމާއަތްތަކުން ފިއްތަން ފެށުމުން ގޮތް ހުސްވެ ކޮމަންވެލްތު ފަދަ ނުފޫޒު ގަދަ ޖަމާއަތްތަކުން ރާއްޖެ ވަކިވީ އެވެ. ކުރުކޮށް ބުނާ ނަމަ 2013 އިން 2018 އަށް ރާއްޖެ ގެންގުޅުނީ އެކަހެރި އަދި ބޯހަރު ސިޔާސަތެކެވެ. އެ އިރެއްގައި އޮޔާއި ވައިހުރި ދިމާއަކަށް މިސްރާބު ކުރަމުން ރާއްޖެއިން ނިންމި މިފަދަ ކޮންމެ ނިންމުމަކާ އެކު އެތައް ގިނަ ލޮޅުންތައް ގައުމުގެ އިގްތިސޯދަށް ކުރަމުންދިޔަ އެވެ.

ނަމަވެސް ރައީސް ޔާމީންގެ ފޮރިން މިނިސްޓަރު އަހުމަދު އާސިމް އެއިރު ވިދާޅުވަމުން ގެންދެވީ ކޮމަންވެލްތު ފަދަ ޖަމާއަތްތަކުން ވަކިވިޔަސް ވާނެ ގެއްލުމެއް ނެތް ކަމަށެވެ. އެކަމަކު އެއާ ޖެހިގެން ވިދާޅުވީ އިގްތިސޯދީ ދުވެލި ހަލުވި ކުރުމަށް ރާއްޖެއަށް ބޭނުންވާ ބޭރުގެ އެހީ ހޯދަން ބަލާއިރު ކަންކަން ރޭވިފައި ހުރީ ރާއްޖެ އަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ގޮތަށް ކަމަށެވެ. އޭނާ އެ ވިދާޅުވި ބަހުގެ މާނައަކީ ގުޅުންތަކެއް އޮވެގެން ފަސް ރުފިޔާ އަށް ލިބެން އޮތް ޕާން ފޮތި އެފަދަ ގުޅުމެއް ނެތި 10 ރުފިޔާ އަށް ވެސް އެއިރު ލިބެން ނެތް ވާހަކަ އެވެ.

ކުރީ ސަރުކާރުގެ މިފަދަ ކޮންމެ ނިންމުމަކީ ޖެހިގެން އަންނަ ދުވަހު ހެނދުނު އެކަމުގެ ނޭދެވޭ އަސަރު ގައުމުގެ އާއްމު ފަރުދުންނަށް ފެނިގެންދިޔަ ކަމެއް ނޫނެވެ. އެއީ ދިގު މުއްދަތުން ބޮޑެތި ގެއްލުންތަކެއް ފެނިގެންދާނެ ފަދަ ނިންމުން ތަކެކެވެ.

2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވުމުން ލިބުނު ގެއްލުންތައް ފާޅުވާން ފެށީ މިހާރުގެ ސަރުކާރުން ގައުމާ ހަވާލުވިތަނާ އެވެ. ރާއްޖޭގެ އެތައް އެތްލީޓުންނަށް ފުރުސަތުތަކެއް ގެއްލުނެވެ. އިގްތިސޯދީ ގޮތުން ލޯނު ހޯދުމަށް ކުރި މަސައްކަތުގައި ދުނިޔޭގެ ބޭންކު ތަކުގެ އިތުބާރު ގެއްލިގެންދިޔަ އެވެ. ތަހުޒީބު ވެފައިވާ ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރު ކުރުމަށް ދިވެހީންނަށް ލިބިފައި ހުރި އެތައް ފަސޭހަތަކެއް ގެއްލިގެންދިޔަ އެވެ. އަރަބި އަދި އިސްލާމުންގެ އެހީއަށް އެދެން ޖެހުނުއިރު ކުރިން ނުހަނު އެކުވެރި ގިނަ ގައުމުތަކަކުން ތިބީ ރާއްޖެއާ މެދު ޝައްކުގެ ނަޒަރަކުން ބަލާށެވެ. މިހެންވެ ރޫޅާލާފައި ހުރި މުހިންމު ހާރިޖީ އަދި ސިޔާސީ ނިންމުންތައް އަލުން އެކުލެވާލެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަވަސްވެވަޑައިގަންނަވަން ޖެހިވަޑައިގަތެވެ.

ހަގީގަތުގައި ވެސް ކުރީ ސަރުކާރުގެ މިފަދަ ހައްސާސް ނިންމުންތައް ކުރިމަތި ވީ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ތަރައްގީގެ ހަރުގަނޑުން މައްޗަށް އެރުމަށް، ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ނުހަނު ބޭނުން ވި ވަގުތެއްގަ އެވެ. އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ލިސްޓުން ރާއްޖެ އުނިކޮށް، އެއަށްވުރެ މަތީ ދަރަޖައަށް ރާއްޖެ ޕްރޮމޯޓް ކުރި ނާޒުކު ވަގުތެއްގަ އެވެ. ނަމަވެސް އަވަށްޓެރީންނާއި ދުރުތިބީންނާ ވެސް އެކަހެރި ވުމަށް ރާއްޖެ ނިންމި ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވިއެވެ. ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލިގެންދިޔަ، ލޯނުތަކުގެ އިންޓްރެސްޓް ރޭޓް އިންތިހާ އަށް ބޮޑުވި އެވެ.

އުމްރާނީ ތަރައްގީގެ ގޮތުން ބިޔަ ކޮންގްރީޓްތަކެއް ފެނުން މައްޗަށް ފެންނަން ހުއްޓަސް ހަގީގަތުގައި ރައީސް ޔާމީންގެ ހާރިޖީ އަދި ސިޔާސީ ސިޔާސަތު އޮތީ އިތުބާރު ގެއްލިފަ އެވެ.