"އަންނަނީ، އަންނަނީ"ގައި ދެ ދައުރު ފިތި ތާށިވެގެން ނަމަވެސް ވެލާނާ އިންޓަނޭޝަނަލްގެ އާ ޓާމިނަލް ހުޅުވޭތީ ދިވެހިން ތިބީ ވަރަށް އުފަލުންނެވެ. ދިހަވަރަކަށް އަހަރުވީ ދިގު އިންތިޒާރަށް ނިމުން އަންނާތީއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ޓާމިނަލެއް އެޅުމުން ހަމަ އެ ނިމުނީބާއެވެ؟ ނުވަތަ އާ ޓާމިނަލެއް އެޅުމުން އެތަން ދެން ހަމަ ހިނގައިގަންނާނެބާއެވެ؟ މިހާ ހިސާބުން އަންނަނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވެފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްއާ ގުޅޭގޮތުން މީޑިއާތަކަށް ތިލަ ނުވާ ވާހަކަތަކެވެ. ނުވަތަ އާންމުންނަށް ނޭނގޭ ވާހަކަތަކެވެ.

2023 ގެ ރިޔާސީ އިންތިހާބަށް ޖަހާލި ކަޑަގަނޑެއް ހެން، ވީއައިއޭގެ އާ ޓާމިނަލްގެ ދެ ފަރާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފަސާޑެއް ޖަހައި އާ ޓާމިނަލްގެ މަސައްކަތް ނިންމާލިކަމަށް ދައްކަން ލައްކަ މަސައްކަތްކުރިއެވެ. ނަމަވެސް ހަގީގަތް އެނގޭނީ އެތަނަށް ވަން މީހަކަށެވެ. އެތަނުގެ ދެ ފަރާތުގައި ފަސާޑުޖަހައި، މޫނުމަތީގައި ބިއްލޫރިކޮޅެއް ހަރުކުރުމުން ބަލަން ތިބި މީހުންނަށް ހީވީ އާ ޓާމިނަލް ނިމުނީ ކަމަށެވެ. ނަމަވެސް ކަން އޮތީ މުޅިން އިދިކޮޅަށެވެ. މިހާ ހިސާބަށް އާންމުންނަށް ނޭނގޭ، ނަމަވެސް އާ ޓާމިނަލާ ބެހޭ މުހިންމު ބައެއް ވާހަކަތައް ތިލަވާން އެބަޖެއެހެވެ.

އާ ޓާމިނަލް އޮޕަރޭޝަނަލް ވަނީ ކިހިނެއް؟

އާ ޓާމިނަލަކީ އޭގެ ޒާތުގައި ހަމަ ހިނގައިގަންނަ ތަނެއް ނޫނެވެ. އެއީ ކުޑަ ވަރެއްގެ އަވަށަކަށް ބޭނުންވާ ވަރަށް އުމްރާނީ ގިނަ ވަސީލަތްތަކެއް ގާއިމުކުރެވި، އެ ހިދުމަތްތަކުގެ ތެރެއިން ހިންގަމުން އަންނަ ތަނެކެވެ. ވިސްނާލާށެވެ. މިއުޅެނީ އަހަރަކު ހަތް މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ރާއްޖެ ގެނެސް އެމީހުންނަށް ހިދުމަތް ދޭށެވެ. އެހެންކަމަށް ވާނަމަ އެ ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ އިތުރުން ފެން ހިންދާނެ ނިޒާމުތަކުގެ އިތުރުން އެތައް އެތައް ހިދުމަތްތަކެއް އަސާސީ ގޮތެއްގައި ގާއިމުވެފައި ހުންނަންޖެހެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް އެތަނަށް ވަޑައިގެންނެވިއެވެ. އެ ދުވަހު ތިލަވެގެންދިޔައީ މުޅިން އާ ވާހަކަތަކެވެ. ސައުދީ ބިންލާދިން ގުރޫޕާއި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރި އިރު، އެ މަސައްކަތްތައް ހަވާލުކުރީ މުޅި އެއާޕޯޓަށް އިތުރުވެގެންދާނެ ކަރަންޓު ކޮންޒަމްޕްޝަނަށް ބެލުމެއް ނެތިއެވެ. މާނައަކީ އެއާޕޯޓަށް އާ ޓާމިނަލެއް އިތުރުވެގެންދާއިރު އެތަނަށް ކަރަންޓު ދެވޭނެ ގޮތެއް ނެތެވެ. އެތަނަށް ބޭނުންވާނެ ކަރަންޓު އުފައްދާނެ ގޮތެއް ނެތެވެ. އަދި އެ ކަރަންޓު އުފެއްދުމަށްފަހު ފޯރުކޮށްދެވޭނެ ގޮތެއްވެސް ނެތެވެ. އާ ޓާމިނަލް ފިނިކުރުމަށްޓަކައި ބޭނުންކުރަނީ ފެނުން ފިނި އުފައްދާ ނިޒާމެއް ކަމަށްވާ އިރު، އެތަނަށް ފެން ފޯރުކޮށްދެވޭނެ ގޮތެއްވެސް ނެތެވެ. އަދި އެ ފެން އުފެއްދޭނެ ގޮތެއްވެސް ނެތެވެ. ޖުމުލަކޮށް ހަތް މިލިއަން ފަސިންޖަރުންނަށް "ފެން" ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަމާމެދު ހިޔާލުވެސް ކޮށްފައިނެތީއެވެ. ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމުގެ ވިސްނުންވެސް ނެތީއެވެ. މި ދައްކަނީ އާ ޓާމިނަލަށް އަންނަ ހަތް މިލިއަން ފަސިންޖަރުންނަށް ފާހާނާ ބޭނުންކުރެވޭނެ އެއްވެސް ގޮތެއް ނެތް ވާހަކައެވެ.

18 މާޗް 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވީއައިއޭގެ އާ ފަސިންޖާ ޓާމިނަލްގެ މަސައްކަތްތައް ބައްލަވައިލެއްވުން -- ފޮޓޯ/ އެމްއޭސީއެލް

އޭރު އޮތް ގޮތުން މާލެއިން ކަރަންޓު ކެނޑިއްޖެ ނަމަ، ވީއައިއޭގެ ހިދުމަތްތަކަށް ބުރޫ އަރާނެއެވެ. ބެކަޕް ޖަނަރޭޓަރުން ހަތް މިލިއަން ފަސިންޖަރުންނަށް ހަތް މިނިޓަށްވެސް ކަރަންޓު ނުދެވޭނެއެވެ. އެހެންކަމަށްވާނަމަ ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި އާ ޓާމިނަލްގެ އޮޕަރޭޝަން ބޮއްސުންލާނެއެވެ. ދެން އޮތީ ފެނުގެ ނިޒާމެވެ. އެއާޕޯޓުގެ އާ ޓާމިނަލްގެ އެއާކަންޑިޝަންތައް ދައުރުވާ ފެނާ ނުލައި ފިނިކުރާނީ ކިހިނެއް ހެއްޔެވެ؟ ފަރުމާކުރެވިފައިވާ ގޮތުން، މި އެއާކޮންޑިޝަންތައް މެދުވެރިކޮށް މުޅި އާ ޓާމިނަލް ފިނިކޮށްފައި ބެހެއްޓުމަށް ގަޑިއަކު އެތައް ލީޓަރެއްގެ ފެން ފޯރުކޮށްދޭންޖެހެއެވެ. ލިސްޓު ލިޔާނަމަ، ހުރީ ހުސް ނުނިމި ނުވަތަ ހަވާލުވެސް ނުކޮށްކުރި، ނުވަތަ ފައިސާވެސް ހަމަނުޖެހި ހުރި ކަންކަމެވެ.

ރައީސް ޑރ. މުއިއްޒަށް މިކަންކަންވީ އަވަސް ހައްލުތައް ހޯދަންޖެހޭ މުހިންމު ކަންކަމަށެވެ. ވަގުތުން ފިޔަވަޅު އަޅުއްވައި އާ ޓާމިނަލް ހުޅުވުމުގެ ކުރިން މި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެންގެވިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އާ މެނޭޖްމަންޓުން މިކަމުގެ މަސައްކަތް ފަށައިގަތީ އެ ހިސާބުންނެވެ. އޭގެ ކުރިން ހުރީ ބިއްލޫރި ޖަހާފައި ހުރި އާ ޓާމިނަލްގެ ނަމުގައި ހުރި "ތޮށިގަނޑު"އެކެވެ.

އެންމެ ފުރަތަމަ ކަރަންޓު!

އާ ޓާމިނަލް އޮޕަރޭޝަނަށް ގެނެސް، ހަކަތައިގެ ރައްކާތެރިކަމާއި މިނިވަންކަން އެއާޕޯޓަށް ކަށަވަރުކުރުމަށްޓަކައި ހަތަރު ޖަނަރޭޓަރުގެ މައްޗަށް އެކުލެވޭ 16 މެގަވަޓްގެ ކަރަންޓު އުފައްދައިދޭ އެންމެ ޒަމާނީ ފެންވަރުގެ ޕަވާހައުސްއެއް އެމްއޭސީއެލުން ހުޅުލޭގައި ގާއިމުކޮށް އޮޕަރޭޝަނަލައިޒް ކުރިއެވެ. މި ޕަވާހައުސް އޮޕަރޭޝަނަލައިޒްކޮށް ފުއްދާލީއެއް ނޫނެވެ. ރަންވޭގެ ވަށައިގެންނާއި، ރަންވޭގެ ދަށުން ކަރަންޓު ފޯރުކޮށްދޭނެ ޑިސްޓްރިބިއުޝަން މެކޭނިޒަމްތައް ގާއިމުކޮށް، މުޅި އެއާޕޯޓުގެ ކަރަންޓުގެ އެއް ވިއުގައިން ގުޅުވާލީއެވެ. މާލެއިން ކަރަންޓު ދިޔަޔަސް، އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ދާއިމީ ފޯމިއުލާއެއް އެމްއޭސީއެލުން އުފެއްދީއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ޗެކިން ސިސްޓަމްގެ ޓްރަޔަލްގައި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު ބައިވެރިވެވަޑައިގަންނަވަނީ ---- ފޮޓޯ: އެމްއޭސީއެލް

އާ ޓާމިނަލަށް ފެން ފޯރުކޮށްދޭނީ އާ ޕައިޕްލައިނަކުން!

އާ ޓާމިނަލަށް ފެން ފޯރުކޮށްދޭނެ އެއްވެސް ފޯމިއުލާއެއްނެތި، އާ ޓާމިނަލްގެ މަސައްކަތް 2023 ގައި ނިންމާލި ކަމަށް ބުނާތީ ހަމަ ހައިރާންވެއެވެ. އާ ޓާމިނަލަށް ފެން ފޯރުކޮށްދިނުކުގެ ވިއުގައަކީ އަލަށް ފަރުމާކުރެވިގެން، ދިގު މުއްދަތުގެ ޕްލޭނެއްގެ ދަށުން، އެހެން އެއްވެސް ފަރާތަކަށް ބަރޯސާވުމެއްނެތި، އެއާޕޯޓާއި އާ ޓާމިނަލް ފެނަށް ޖެހުނަނުދީ ހިފަހައްޓާނެ ކެޕޭސިޓީގައި ގާއިމުކުރި މުހިންމު ވިއުގައެވެ. ދެ ކިލޯމީޓަރުގެ ދިގު މި ޕައިޕްލައިނަކީ އެއްވެސް ކޮންޓްރެކްޓަރަކަށް ބާރޯސާވުމެއްނެތި، އެމްއޭސީއެލްގެ ވޯޓާ ސަޕްލައި އެންޑް ސްވަރޭޖް ސިސްޓަމުން ކުރިއަށްގެންދިޔަ، ބުރަ އަދި މުހިންމު މަސައްކަތެކެވެ. މި ޕައިޕްލައިންގެ 635 މީޓަރު ހޮޅި އަޅާފައިވަނީ ހުޅުލޭގެ ހުޅަނގު ފަރާތު ފަޅު ތެރެއިންނެވެ. ރެކޯޑު މުއްދަތެއްގެ ތެރޭގައި އެމްއޭސީއެލުން މި މަސައްކަތް ނިންމައި އާ ޓާމިނަލާއި، ޖުމުލަކޮށް މުޅި އެއާޕޯޓަށް، އެއް ވިއުގައެއްގެ ދަށުން ފެން ފޯރުކޮށްދިނުމަށް ގުޅާލާފައިވެއެވެ.

ވީއައިއޭގެ އާ ޓާމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި އިފްތިތާހުކުރުން -- ފޮޓޯ: އެމްއޭސީއެލް

ހެޑް އޮފް ސްޓޭންޑް ރޯޑް ނުވެސް ނެތް!

އެއާޕޯޓެއްގެ ހިދުމަތުގެ މައި ނާރަކީ ހެޑް އޮފް ސްޓޭންޑް ރޯޑެވެ. މިއީ އޭރޯބްރިޖްތަކުގެ ދަށުން، ޓާމިނަލާ ޖެހިގެން އޮންނަ ފުޅާ މަގެކެވެ. މިއީ ކޭޓަރިން ޓްރަކްތަކާއި، ފަސިންޖަރުންގެ ބެގޭޖް ލޯޑުތަކާއި، އެއާކްރާފްޓު ޓަގުތަކާއި، ގްރައުންޑް ޕަވާ ޔުނިޓު (ޖީޕީޔޫ)ތަކުގެ އިތުރުން ހިދުމަތް ފޯރުކޮށްދޭ ކޮންމެ ވެހިކަލެއް ދުއްވަން ހާއްސަ ކުރެވިފައި އޮންނަ މަގެވެ. މި މަގު ނެތް ނަމަ، އެއާކްރާފްޓަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ނުވާނެ ކަމެކެވެ. އެތައް ހިދުމަތެއް ނުދެވި، ފަރުޖައްސާލަން ޖަހޭނެއެވެ. އޭރޯބްރިޖުގެ ބޭނުން ކެނޑުނީއެވެ. މިއީ އެއާޕޯޓާއި އާ ޓާމިނަލްގެ ރައްކާތެރިކަމުގެ މައި ނާރުވެސް މެއެވެ. މި މަގު ވުޖޫދުގައިވެސް ނެތީއެވެ. އެންމެ ފަހުން، ރައީސް ޑރ. މުއިއްޒުގެ ދުރުވިސްނުންފުޅުގެ ދަށުން، އަވަސް މުއްދަތެއްގެ ތެރޭގައި މި މަގުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށް މަސައްކަތް ނިންމާލީއެވެ. މިއީ ރަންވޭއެއްގެ ފަންވަރުގައި، ގާތްގަނޑަކަށް އެ ބޯމިނުގައި ހަދާފައިވާ މަގެކެވެ. މި މަގާ ނުލައި އެއާޕޯޓެއް އޮޕަރޭޓެއް ނުކުރެވޭނެއެވެ.

10 ޖުލައި 2025، ވީއައިއޭގެ އާ ޓާމިނަލްގެ ފަސިންޖަރު ޗެކިން އާއި ބޯޑިން ސިސްޓަމްގެ ޓެކްނިކަލް ޓްރަޔަލް ކުރިއަށްގެންދިއުން -- ފޮޓޯ/ އެމްއޭސީއެލް

ނަރުދަމާގެ ނިޒާމެއް ފެންނަންވެސް ނެތް!

ބޮޑު ޓާމިނަލެއް ހަދައި ނިމޭ އިރު، އޭގެ ވަށައިގެންވާ ކަންކަމާ ގުޅިފައިވާ އުމްރާނީ ހިދުމަތްތަކާއި ވަސީލަތްތަކާ މެދު ފުންކޮށް ވިސްނަން ޖެހެއެވެ. ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ތައްޔާރުވެގެން އައިއިރު ހަތް މިލިއަން ފަސިންޖަރުން ފާހާނާ ބޭނުންނުކޮށް ތިބުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ހިތާމައަކީ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރި އިރު، ޕްލޭނާ އެއްގޮތަށް މި މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިނުވާކަމެވެ. މި ހާލަތަށް އައުމުން، އެމްއޭސީއެލްގެ އިސްނެގުމުގެ މަތީން ހައިވޭގެ ދަށުން، ސެވަރޭޖް ސިސްޓަމް ގާއިމުކުރުމަށް ޑްރިލްކޮށް، ކާމިޔާބުކަމާއެކު ނިންމާލީ ޖުމުލަ 2.7 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ ނިޒާމެއް ގާއިމުކޮށްފައެވެ. މި ސިސްޓަމް މިހާރު ވަނީ އާ ޓާމިނަލާ ގުޅުވާލައިފައެވެ.

7 ޖުލައި 2025، ވީއައިއޭ، އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެއް ޓާމިނަލުން އަނެއް ޓާމިނަލަށް ތެމިގެން؟

އާ ޓާމިނަލާއެކު ޓީ ވަން، ޓީ ޓޫ ނިޒާމަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބަދަލުވެގެންދާ އިރު، ދެ ޓާމިނަލްގެ ދެމެދުގައި ފަސިންޖަރުން ހިނގަންވީ އަވީގައެވެ. ވިއްސާރަ ދުވަހެއް ނަމަ ތެމިގެންނެއެވެ. އެއީ އެކަން ވާންޖެހޭ ގޮތެއް ނޫނެވެ. އާ ޓާމިނަލް ވުޖޫދުވެގެން އައި އިރު، މިއީވެސް ނުވިސްނާ އޮތް ބޮޑު މަސައްލައެކެވެ. މިކަން ހައްލުކުރުމަށްޓަކައި އެމްއޭސީއެލްގެ ޓީމުތައް ގުޅިގެން ކުރެވުނު މަސައްކަތުން އާ ޓާމިނަލާއި މިހާރުގެ ޓާމިނަލް ޓަނަލެއް މެދުވެރިކޮށް ގުޅުވާލިއެވެ. އިންޖިނޭރިން އެކިއެކި ގޮންޖެހުންތަކާއެކުވެސް އެމްއޭސީއެލުން މިކަން ނިންމާލީ އެއާޕޯޓުގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫނާރާނެހާ އޮމާންކަމާއެކުގައެވެ.

10 ޖުލައި 2025، ވީއައިއޭގެ އާ ޓާމިނަލްގެ ފަސިންޖަރު ޗެކިން އާއި ބޯޑިން ސިސްޓަމްގެ ޓެކްނިކަލް ޓްރަޔަލް ކުރިއަށްގެންދިއުން -- ފޮޓޯ/ އެމްއޭސީއެލް

ޑްރެއިނޭޖާއި، ޓްރެފިކް ފްލޯއާއި މަގުތައް ވީ ކޮންތާކު؟

އާ ޓާމިނަލާ ގުޅުވައިގެން ގާއިމުކުރަންޖެހޭ ފެން ހިންދުމުގެ ނިޒާމު ވާހަކަދައްކައި ކޮޅުންލާކަށް ނެތެވެ. އެކަން ހިޔާލުކޮށްފައިވެސް ނެތީއެވެ. ބައިމީޓަރު ފުޅާ ހޮޅި، ޖުމުލަ ހަ ސަރަހައްދަކަށް ބަހާލައިގެން އަޅައި ނިންމާލުމަކީ ކުޑަ ކަމެއް ނޫނެވެ. 2023ގައި ނިންމާލި ކަމަށް ބުނާ އާ ޓާމިނަލްގެ މި މަސައްކަތްވެސް ކުރަންޖެހުނީ އެމްއޭސީއެލްއަށެވެ. މިކަމަށްޓަކައި ޖުމުލަ ހަ ކިލޯމީޓަރުގެ ހޮޅި ލައިނެއް ގާއިމުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެން ހިންދާލެވޭނެ ނިޒާމެއް މިހާރުވަނީ ގާއިމުކުރެވިފައެވެ. މިފަދަ ބޮޑު ސަރަހައްދަކަށް އެއާޕޯޓުގެ އާ ޓާމިނަލް ފެތުރިގެން ދާއިރު، ޓްރެފިކަށް އަންނާނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟ މިއީވެސް ދުރާލާ ވިލަރެސްކުރެވިފައިވާ ކަމެއް ނޫނެވެ. ބްރިޖާއި ހުޅުމާލެ ހައިވޭއިން ވީއައިއޭއަށް ވަންނަން އޮންނަ މަގުތައް ހެދުމާއެކު، ފަސޭހަކަމާއެކު ދެ ލޭނަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެމްއޭސީއެލުން މިހާރު އަންނަނީ އާ ޓާމިނަލްގެ ކުރިމަތީ މަގުތައް އެންމެ ޒަމާނީ ފެންވަރުގައި ތަރައްގީ ކުރަމުންނެވެ. މިއާއެކު މި ފަސޭހަތައްވެސް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

މިއީ އާ ޓާމިނަލާ ގުޅުވައިގެން ބިނާކުރަން ޖެހޭ އުމްރާނީ ވަސީލަތްތަކެވެ. ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކެވެ. އެ ކަންކަމާ ނުލައި އާ ޓާމިނަލުން ހިދުމަތް ނުދެވޭނެ ކަންކަމެވެ. މި މަސައްކަތްތައް ނުލައި ނުވަ އަހަރުން އެ ނިންމުނީ އާ ޓާމިނަލްގެ 54.63 އިންސައްތަ މަސައްކަތެވެ. އާ ޓާމިނަލްގެ މަސައްކަތްތަކުގެ ތެރެއަށް ޕަވަހައުސްގެ މަސައްކަތާއި، ފެނުގެ ނިޒާމާއި، ނަރުދަމާއާއި، ޑްރެއިނޭޖް ސިސްޓަމާއި، މަގުތަކާއި، ހެޑް އޮފް ސްޓޭންޑް މަގުގެ މަސައްކަތް ހިމަނާލުމުން، މި އިންސައްތަ އުޅޭނީ އެންމެ 40 އިންސައްތައިގައެވެ. އެހެންކަމުން، ނުވަ އަހަރު ދުވަހުން އުޅެގެން ނިންމާލެވުނީ އާ ޓާމިނަލްގެ މަސައްކަތްތަކުގެ އެންމެ 40 އިންސައްތައެވެ. ރައީސް ޑރ. މުއިއްޒު ވަޑައިގެން އެންމެ 18 މަސްދުވަހުން އެ ނިންމާލެއްވީ ގާތްގަނޑަކަށް ތަނުގެ 60 އިންސައްތަ މަސައްކަތެވެ.