އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރި ކަޅު ދަބަހެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފުއްލެވި ކަމަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރެއްވި ނަމަވެސް އެކަމަކީ ޔަގީނުންވެސް ރައީސް ކުރައްވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރި ކަޅު ދަބަހެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފުއްލެވި ކަމަށާއި އޭގެ ވީޑިއޯތައް ފުލުސް އޮފީހުގައި ހުންނާނެ ކަމަށް، އިނގިރޭސި ވިލާތުގައި ހުންނަވައިގެން، އޮންލައިން ކޮށް ރޭ ކުރިއަށް ގެންދިޔަ ނިއުސްކޮންފަރެންސެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ތުހުމަތު ކުރައްވައިފައެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ބޮންޑޭ ވިދާޅުވީ، އަލީ ވަހީދުގެ އެ ވާހަކަތައް ގަބޫލު ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާނެ ކަންތަކާއި ނުކުރައްވާނެ ކަންތައް އެނގިވަޑައިގަންނަވާ ކަމަށް ވެސް، ރައީސް ސޯލިހަށް އެމްޑީޕީގެ ތެރެއިން އެންމެ ބޮޑަށް ފާޑު ވިދާޅުވާ، ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ، މީގެ ކުރިން އަލީ ވަހީދު ވާހަކަ ދެއްކެވީ، މުޅިން އެހެން ގޮތަކަށް ކަމަށެވެ. ނަމަވެސް ޓޫރިޒަމް މިިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ އަންހެން މުވައްޒިފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކޮށްފައިވާއިރު، މިހާރު އަލީ ވަހީދު ދައްކަވާ ވާހަކަ ބަދަލު ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މުޅި ގައުމުގައި ޝައްކު އުފެއްދުމަށް އަލީ ވަހީދު ދައްކަވާ ވާހަކަ ތަކަކީ ނުރައްކާ ވާހަކަތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު