ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޕޯޗުގަލްގެ ރައީސް، ހިޒް އެކްސެލެންސީ މާސެލޯ ރެބެލޯ ޑިސޯޒާއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގަ އެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިއްޔެ އދ. ގެ މައި އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުންނާއި، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ކާމިޔާބު ފިޔަވަޅުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ވެކްސިން ދެވޭ މުޅި އާބާދީއަށް ވީހާ އަވަހަށް ވެކްސިން ފޯރުކޮށްދީ ނިންމުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ކޮވިޑް-19ގެ އެކްޓިވް ކޭސްތައް ރާއްޖޭގައި މަދުވަމުން އަންނަކަން ފާހަގަކުރައްވަމުން، ރައީސް ސޯލިހު ވަނީ އެކަމާ ގުޅިގެން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ފަތުރުވެރިންނަށް ލުއިތައް ދީފައިވާކަންވެސް ފާހަގަކުރައްވާފަ އެވެ.

ޕޯޗުގަލްގެ ރައީސް ވަނީ އެ ގައުމުގެ އާބާދީގެ 95 އިންސައްތައަށް ވެކްސިން ދީފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ކާމިޔާބުކޮށްފައިވާތީ އެކަމަށް މަރުހަބާ ވިދާޅު ވެ، ކޮވިޑް-19 ޕެންޑަމިކަށްފަހު އިޖުތިމާއީ ގޮތުންނާއި އިގުތިސާދީގޮތުން ދުނިޔޭގެ ގައުމުތައް އާރާސްތުކުރުމަށް ކުރިޔަށްދާ މަސައްކަތުގައި އދ.ގެ ރިޔާސަތުގެ ހިއްސާ ފާހަގަކުރެއްވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ޕޯޗުގަލްގެ ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތައް މިހާރު ތިއަރީތަކުން ފެންނަން ހުރި ހަގީގަތްތަކަށްވުރެ ފުޅާވެ އިން ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. ޕޯޗްގަލް އާއި ދިވެހިރާއްޖެއަކީވެސް ކަނޑާ ގުޅިފައިވާ ދެ ގައުމުކަމުގައިވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރަނގަޅު އަސަރުތައް ދެ ގައުމަށްވެސް ފޯރާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޕޯޗުގަލްގެ ރައީސް ވަނީ އެ ގައުމާއި ކެންޔާ ގުޅިގެން އަންނަ އަހަރު ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި އިންތިޒާމުކޮށް ބާއްވާ އޯޝަންސް ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި، އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުވަތު އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޕްލާސްޓިކް ކުނިބުނިން ކަނޑުތައް ސަލާމަތް ކޮށް ކަނޑުގެ ދިރުން ދެމެހެއްޓުމުގެ މުހިންމު ކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އޯޝަންސް ކޮންފަރެންސަކީ އުފެއްދުންތެރި ހައްލުތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ ކޮންފަރެންސަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ އިގުތިސޯދީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން ޕޯޗުގަލްގެ ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ފާހަގަކުރައްވާފަ އެވެ. އޭގެ ތެރެއިން ޑިޖިޓަލައިޒޭޝަންގެ ދާއިރާއަށް އިޝާރާތް ކުރައްވައި، މި އަހަރު "ވެބް ސަމިޓު"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓެކްނޮލޮޖީ ކޮންފަރެންސަކީ ރާއްޖެއިން ޝައުވެރިވާ ނަމަ ބައިވެރިވުން މުހިންމު ކޮންފަރެންސެއް ކަން ޕޯޗުގަލްގެ ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދޭތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމަށް ދެ ބޭފުޅުންވެސް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އަދި، ޕޯޗުގަލްއާއި ޔޫރަޕުގެ އިއްތިހާދަށްވެސް ފައިދާ ކުރަނިވި އިންވެސްޓްމެންޓް ފުރުސަތުތައް ފަހިކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން ހިޔާލު ބަދަލުކުރެއްވި އެވެ.

ނޫ އިގްތިސޯދު ފަދަ، ދެ ގައުމުން ޝައުވެރިކަން ބޮޑު ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ދިވެހިރާއްޖެ އާއި ޕޯޗުގަލްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ މީގެ 26 އަހަރު ކުރިން، 1995 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ.