އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާ މިއަދު ރާއްޖޭ ގަޑިން އިރުއޮއްސި 6:00ގައި ފަށާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވާނީ ތިން ވަނަ އަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ސޯލިހު މިއަދު ތަގުރީރު ކުރައްވާނީ ދިވެހި ބަހުންނެވެ. އަދި މި ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މިއަދު އިރުއޮއްސި 6:00ގައި އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާ ފެށޭނެ ކަމަށާއި މިޖަލްސާ ހުޅުވައި ދެއްވާނީ އދ ގެ އާންމު މަޖިލީހުގެ ރައީސް، ރާއްޖޭގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ކަމަށެވެ. އަދި ރައީސް ސޯލިހު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ރައީސްގެ ވާހަކަފުޅަށް ފަހު ކަމަށް ވިދާޅުވި އެވެ. އެމެރިކާގެ ރައީސް ވާހަކަފުޅުދައްކަވާނީ ދެވަނައަށެވެ. އެއްވަނަ އަށް އޮތީ ބްރެޒިލް އެވެ.

އދ.ގެ އާންމު މަޖިލީހުގެ އުސޫލުގައިވާ ގޮތުން އަބަދުވެސް ތިން ވަނަ އަށް ތަގުރީރު ކުރައްވާނީ އެ ފަހަރެއްގައި އދ.ގެ މަޖިލީހުގެ ރައީސް ނުވަތަ ޖަލްސާގެ ރިޔާސަތު ބަަލަހައްޓާ ގައުމުގެ ފަރާތުންނެވެ.