Close
ޚަބަރު

އަލީ ވަހީދުގެ ޕްރެސް ކޮންފަރެންސް: ސަރުކާރަށް ގިނަ ތުހުމަތުތަކެއް، ރައީސް ޔާމީން ދިފާއު ކުރެއްވި

އަލީ އަފާފު ރަމީޒު

ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ދައުވާ އުފުލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގެ ޖަލުން މިނިވަންވުމާއެކު ރޭ އޮންލައިން ކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އޭނާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް މިދިޔަ އަހަރުގެ ޖުލައި އަށްވަނަ ދުވަހުގެ އޭނާއަށް ގުޅުއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށެވެ. އިސްތިއުފާ ދޭން އެންގުމުން، އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށާއި ނުކުރާ ކަމެއްގައި އޭނާ އިސްތިއުފާ ނުދެއްވާނެ ކަމަށް ވަަރަށް ސާފުކޮށް ރައީސަށް ވިދާޅުވެފައިވާނެ ކަމަށް އަލީ ވިދާޅުވިއެވެ.

"ރައީސް ގުޅުއްވައި ވިދާޅުވީ އެ ކުދިން އައިސް ދެއްކި ވާހަކައިން ރަނގަޅީ މިވަގުތު ދުރަށް ޖެހުނިއްޔާއޭޭ. އަޅުގަނޑު ދެންނެވިން ވަރަށް ބުރަކޮށް އިހުލާސްތެރިކޮށޭ މަސައްކަތް ކުރަމުންދަނީ. އެހެންވީމަ ކޮންކަމަކާތޯއޭ އަޅުގަނޑު އިސްތިއުފާ ދޭންވީ... އަޅުގަނޑު ކޮމްޕްރަމައިޒް ކުރާނެ ކަމެއް ނުވަތަ ރައީސް ކޮމްޕްރޮމައިޒް ކުރަން ޖެހޭނެ ކަމެއް ވެސް ނޯންނާނެއޭ. ތި އިސްތިއުފާގެ ސިޓީ ލިޔާނެ ހިތްވަރެއް އަޅުގަނޑުގެ ނެތޭ ދެންނެވިން،" އަލީ ވަހީދު ވިދާޅުވިއެވެ.

ތަހުގީގުގައި އެއްވެސް އިދާރާއަކުން ސުވާލު ނުކުރޭ

އަލީ ވަހީދުގެ މައްޗަށް ކުރި ތުހުމަތާ ގުޅިގެން ތަފާތު އެކި ވާހަކަތައް ދެކެވުނު ނަމަވެސް ފުލުހަށް ހާޒިރުކޮށް ބަޔާނެއް ނެގީ އޭގެ 19 ދުވަސް ފަހުން، މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ކުރިން ޖުލައި 11، 2020 ގައި އަލީ ވަހީދު އުޅުއްވާ ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އަލީ ވިދާޅުވީ އެ ދުވަހުވެސް ފުލުހަށް ހާޒިރުކޮށް އޭނާއާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށާއި އެކަން ތަހުގީގީ ވީޑިއޯ ރެކޯޑުތަކުން އެނގޭނެ ކަމަށެވެ. އަދި މިހާތަނަށްވެސް އޭނާއަށް އެއްވެސް އިދާރާއަކުން ސުވާލުކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"ދައުލަތުގެ ވަޒީރެއްގެ ގޮތުގައި މަސައްކަތްކޮށް ވަކިކުރުމާ ހަމައަށް އަދި މިއަދާ ހަމައަށް ވެސް އަޅުގަނޑާ ސުވާލެއް ނުކުރޭ ދިވެހި ދައުލަތުގެ އެއްވެސް ގާނޫނީ އިދާރާއަކުން އަޅުގަނޑުގެ މައްޗަށް މި ތުހުމަތުކުރާ ދައުވާތަކުގައި ހިމެނޭ އެއްވެސް ސުވާލެއް،" އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ ތުހުމަތުތަކެއް ކަމަށާއި އެއީ އޭނާ ވަޒީރުކަމުން "ދުއްވާލަން" ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި އުންސުރު ހަމަކޮށްގެން އޭނާގެ މައްޗަށް ދައުވާ ކުރި ނަމަވެސް ސާބިތު ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ މާގިރި ހޮޓަލުގައި އާންމުވި ވީޑިއޯގައި ފެންނާނީ އޭނާ ނޫން ކަމަށާއި އެ ވީޑިއޯގައި ފެންނަނީ އެމްޑީޕީގެ ސިޔާސީ ބޭފުޅުންތަކެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އަލީ ވިދާޅުވީ ރޯދަ މަހު އެމްޑީޕީގެ ބައެއް ސިޔާސީ ބޭފުޅުން އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ މައުލޫމާތު ލިބުމުން އެކަން އެންމެ ފުރަތަމަ ރިޕޯޓް ކުރީ އޭނާ ކަމަށާއި އެކަމަށް އެތަނުގެ މުވައްޒަފުން ހެކިބަސް ދޭނެ ކަމަށެވެ. އަދި މިއަދު އޭނާއަށް ދައުވާ ކުރަނީ އެކަން ރިޕޯޓް ކުރުމުގެ ސަބަބުން ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

"މާގިރި ހޮޓެލްގައި އާންމުވި ވީޑިއޯގައި ފެންނާނީ އަޅުގަނޑެއް ނޫން. އެއީ އެމްޑީޕީގެ ސިޔާސީ މީހުން. އެ ވީޑިއޯވެސް ފުލުސް އޮފީހުން ގެއްލުވާލައިފި މިހާރު. ރޯދަ މަހު އެމްޑީޕީގެ ބައެއް ސިޔާސީ ބޭފުޅުން އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ އަޑުއިވިގެން އެ މައްސަލަ ޖެއްސީ އަޅުގަނޑު. އެކަމުގެ ސަބަބުން އަޅުގަނޑުގެ މައްސަލައެއް އުފައްދައި ފެންމަތީ ކުރުވީ،" އަލީ ވިދާޅުވިއެވެ.

މާތް ﷲ ގަންދީ ހުވާކުރެއްވުމަށްފަހު އަލީ ވަހީދު ވަނީ އެއްވެސް މުވައްޒަފަކަށް ޖިންސީ ގޯނާ ނުކުރާ ކަމަށާއި ޖިންސީ ފުރައްސާރަވެސް އަދި ރޭޕް ކުރަންވެސް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ އަނބިކަނބަލުންގެ ގައިގައިވެސް އަތްލަނީ އޭނާގެ ހުއްދައާ އެކު ކަމަށްވެސް އަލީ ވިދާޅުވިއެވެ.

ރައީސް، އެމްއެމްޕީއާރުސީ ފައިސާ ނެންގެވިކަމުގެ ތުހުމަތު

އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ، އެމްޑީޕީގެ އިސް ފަސް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ރެހެންދި ފްލެޓަށް ވަޑައިގެން ގެންދެވި ކަމަށެވެ. ނަމަވެސް އެބޭފުޅާގެ ނަން ހާމަކުރައްވަން ބޭނުން ނުވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ނޫސްވެރިން ވަނީ އެ ފައިސާ ގެންދެވީ ރައީސް ސޯލިހުތޯ ސުވާލުކޮށްފައެވެ. އެއަށް ޖަވާބުދެއްވަމުން އަލީ ވިދާޅުވީ ރައީސް ސޯލިހުވެސް ކަޅު ދަބަހެއް އުފުއްލެއްވި ކަމަށާއި އެ ފައިސާ ގެންދެވީ ރައީސް ސޯލިހު ކަމަށެވެ.

"އެމްޑީޕީ ހިންގަންތޯ ނުވަތަ ނޫންތޯ އެނގޭނީ އެ ގެންދެވި ބޭފުޅަކަށް. އަޅުގަނޑަށް ހަމަ ދަންނަވަން ކެރިދާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ހުރީ ކަޅު ދަބަސް އުފުލާފައި. ވަރަށް ސާފުކޮށް މި ދަންނަވަނީ. އާދެ އެބޭފުޅާ (ރައީސް) ގެންދިޔަ ކަޅު ދަބަހެއް،" އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ރައީސް އެ ފައިސާ ދަބަސް ގެންދަވާ ވީޑިއޯ ފުލުސް އޮފީހުގައި ހުންނާނެ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރެއްވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު، އިސްކޮށް ހުންނަވައި އެމްއެމްޕީއާރުސީ މައްސަލައިގައި ހެކިބަސް ދިން ބައެއް ހެކީންގެ ބަޔާންތަކުން ރައީސް ސޯލިހުގެ ނަންފުޅު އުނިކޮށްފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އެބޭފުޅާ (ރައީސް) ކަޅު ދަބަސް ގެންދިޔަ ވީޑިއޯ ހުންނާނެ ޕޮލިހުގައިވެސް. މުހައްމަދު ރިޔާޒް އިސްކޮށް ހުރެގެން ބައެއް ބޭފުޅުންގެ ބަޔާނުން ހުރީ އެބޭފުޅާގެ ނަންވެސް އުނިކޮށްފައި. އަޅުގަނޑަކަށް ނޭނގޭ ރައީސް ގެންގޮސް އޭގެން ކުރީ ކޮންކަމެއް ކަމެއް. އަޅުގަނޑަށް އެނގޭ އެއްޗަކީ ރައީސް ސޯލިހު ކަޅު ދަބަސް އުފުލާފައިވަނީ،" އަލީ ވިދާޅުވީއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހު 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ނެންގެވި ކަމަށެވެ. 35 މިލިއަން ރުފިޔާ ނެންގެވީ އެއް ފަހަރަކު ކަމަށާއި އޭގެ ފަހުންވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެމަނިކުފާނު ނަންގަވާފައިވާ ކަމަށްވެސް އަލީ ވިދާޅުވިއެވެ.

އަލީގެ ފާޑުކިޔުން ސަރުކާރަށް

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވިތާ ތިން އަހަރުވާން ގާތްވެފައިވާ ކަމަށާއި އެމަނިކުފާނުގެ ވެރިކަން ބަދަލު ކުރަން އެންމެ އިސްކޮށް އުޅުއްވި އެއް ފާރަތަކީ އޭނާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރެވުނީތީ މިއަދު ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް ޔާމީންގެ ވެރިކަން ރައްޔިތުންގެ އިންތިހާބުން ބަދަލު ކުރަން މަސައްކަތް ކުރިން. އެ ވެރިކަމުގައި ހުރި މައްސަލަތައް. މިހާރު އެބަ އެނގޭ ގައުމެއްގެ ރައީސަކާ ހަމައިން އެކަންޏެއް ނޫން މައްސަލަތައް މި އަންނަނީ،" އަލީ ވަހީދު ވިދާޅުވިއެވެ.

ސަރުކާރަށް ފާޑު ވިދާޅުވެ އަލީ ވިދާޅުވީ މި ސަރުކާރު ގެނެސްގެން ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށާއި މި ސަރުކާރަށް ކުރެވޭ ކަމަކީ ކޮށްދޭނެ ކަމަށް ވާހަކަ ދެއްކުން ކަމަށެވެ. އެ މަސައްކަތް އަމަލީ ގޮތުން ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ސަރުކާރު ގެނެސްގެން ކީއްތޯ މި ކުރެވުނީ. މި ސަރުކާރުން އެޅި އެންމެ ބޮޑު މަޝަރޫއަކީ ޓެކްސީ ސްޓޭންޑެއް ހުޅުވުން. ހިޔާ ފްލެޓުތައް ކައިރީ ވަގުތީ މިސްކިތް އަޅަން އެދުން. އެކަންވެސް ނުވި، މި ސަރުކާރުން މުޅިންވެސް ވާހަކަ ދެއްކުނީ، އަމަލީ މަސައްކަތެއް ނުފެނޭ،" އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ޝަރުއީ ނިޒާމަށްވެސް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން މިއަދު ލަދުގަންނަން ޖެހޭނެ ކަމަށާއި ވެރިކަން ލިބުމުން ވެރިކަން ގެންނަން މަސައްކަތް ކުރި މީހުން މަތިން ހަނދާން ނެތިއްޖެ ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުންވެސް ސިޔާސީ މަސައްކަތް ކުރުމުގައި އަވަދިނެތް ބަޔަކު ގައުމަށް ހެޔޮ ނޭދޭނެ ކަމަށްވެސް އަލީ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކުރާ ތުހުމަތުތައް ދިފާއު ކުރެއްވި

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެންވެސް އަލީ ވަހީދު ވަރަށް ގިނަ ވާހަކަތައް ދެއްކެވިއެވެ. އެގޮތުން އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ނިންމި ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް އެކަން ނުވެދިޔައީ ރައީސް ޔާމީނަށް އެމްއެމްޕީއާރުސީ ފައިސާ ލިބުނު ކަމަށް ޓްރޭސް ކުރެވޭނެ އެއްވެސް ގޮތެއް ދުނިޔޭގެ އެންމެ ބޮޑެތި ތަހުގީގީ އިދާރާތަކުން ތަހުގީގު ކޮށްގެންވެސް ނުކުރެވުނު، ނުގުޅުވުނު، އަޅުގަނޑު ހަތިމުގައި އަތްލައި ހުވާވެސް ކޮށްފާނަން،" އަލީ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމިންގެ އެކައުންޓަށް ފައިސާ ވަދެފައިވާނީ ފިނިފެންމާ ލޯންޗު ގޮއްވާލި ފަހުން ކަމަށާއި އެއީ އެމްއެމްޕީއާރުސީގެ ފައިސާ ބޭނުން ވެގެން ނުވަތަ ނުހައްގު ފައިސާ ރައީސް ޔާމީން ބޭނުން ވެގެން ފޮނުވާފައިވާ ފައިސާއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ އެމްއެމްޕީއާރުސީ މައްސަލައިގައި އުޅޭ ފަރާތްތަކުން ފޮނުވާފައިވާ ފައިސާ. ރައީސް ޔާމީނަށް އެއީ ގޯސް ފައިސާކަން ނުވެސް އެނގޭނެ. އެހެން މީހަކަށް ފޮނުވި ނަމަވެސް އެފަރާތަށްވެސް ނޭނގޭނެ އެއީ ގޯސް ފައިސާ ކަމެއް،" އަލީ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ އިންސާފުވެރިކޮށް ޝަރީއަތްކޮށް، މިރެއިން މިރެއަށްވެސް ރައީސް ޔާމިން މިނިވަން ކުރަން ޖެހޭނެ ކަމަށެވެ. އަދި ސްޕްރީމް ކޯޓުން ރައީސް ޔާމީންގެ މައްސަލަ ވަގުތުން ބާތިލު ކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް އަލީ ވަނީ ގޮވާލައިފައެވެ.

"ރައީސް ޔާމީނަށް އެމްއެމްޕީއާރުސީ މައްސަލައިގައި އުންސުރު ހަމަކޮށްގެންވެސް ކުރެވޭނެ ޝަރީއަތެއް ނޯންނާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވިދާޅުވީ މި ސަރުކާރު ފެށިގެން އައި އިރު ރައީސް ޔާމީން ހައްޔަރުކޮށް، ޖަލަށްލުމަށް އެއްވެސް ގޮތަކަށް ރޭވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމުން ގިނަ އަދަދެއްގެ މީހުންނާ އެކު ތިން ޖަލްސާ ބޭއްވުމުން، ރައީސް ޔާމީނަށް އޮތް ތާއީދު ފެނި އެމަނިކުފާނު ޖަލަށް ލުމަށް މި ސަރުކާރުން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.