ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުުގެ ކުށުގެ ދައުވާ އުފުލި މުހައްމަދު އަމީނަށް ކުރި ދައުވާ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ، ހައިކޯޓުން ބާތިލު ކުރުމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އަމީންގެ މައްޗަށް ކުރި ދައުވާތައް ބާތިލުކުރުުމުގެ އިތުރުން އޭނާ މިނިވަންކުރަން ވެސް ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަ މިއަދު ސްޕްރީމް ކޯޓަށް އިސްތިއުނާފު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
މި މައްސަަލައިގައި އަމީންގެ މައްޗަށް ކުރި ދައުވާތަކުގެ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ މެދު ކުރިމިނަލް ކޯޓުން ނިންމި ނިންމުން ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށް ބުނެ އަމީންގެ ފަރާތުން ފުރަތަމަ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމިއެވެ. އެ މައްސަލަ ހައިކޯޓުން ނިންމީވެސް ރަޖިސްޓްރާގެ ނިންމުމަށް ތާއީދުކޮށެވެ.
އެ ނިންމުމާ ގުޅިގެން އަމީންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބަލައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރިއެވެ. އަދި ދިހަ ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް ހުށަަހަޅައިފިނަމަ މައްސަލަ ބަލައިގަންނަންވާނެ ކަމަށް ވެސް ކަނޑައެޅިއެވެ.
ހައިކޯޓުން ކުރި ހުކުމަކީ، ސުޕްރީިމް ކޯޓުގެ ނިންމުމާ ގުޅިގެން އަމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެވެ.
މި މައްސަލަ ބަލައި ހައިކޯޓުުން ކުރި ހުކުމްގައި ވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިސްޓް އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅުމާ ހަމައަށް އޭނާ ހުރީ ބަންދުގައި ކަމަށެވެ.
މީގެ އިތުރުން އަމީންގެ މައްޗަށް ތަންފީޒު ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އާއްމު އިޖުރާއަތުކަން ސާބިތުވާތީ އާއި، އެ ގާނޫނުގެ ދަށުން އެފަދަ ފަރާތެއްގެ މައްޗަށް ދައުވާ އުފުލުމަށް ލިބިދީފައިވާ މުއްދަތަކީ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރު ކުރެވޭ ދުވަހުން ފެށިގެން 30 ދުވަސްކަން އެނގެން އޮންނަ އިރު، އަމީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުވާ އުފުލާފައި ވަނީ އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އަމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ދެ ދައުވާ އަކީ މައުލޫއީ ގޮތުން ބެލޭނެ ދައުވާތަކެއް ނޫން ކަމަށް ކަނޑައަޅައި ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
އަމީން ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނެފައި ވަނީ، އޭނާ އަކީ ގިނަދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓް ކޮށް، ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ ވާގިވެރިވަމުން އަންނަ މީހެއް ކަމަށެވެ.
އޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓު ދިނުމުގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާވެސް އަމީން ގާތް ގުޅުމެއް ބާއްވާކަމަށް ފުލުހުން ބުންޏެވެ.
އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އަމީނަކީ އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށްވެސް ބުނެފައިވެއެވެ.
އަމީން އަކީ ރަހީނު ކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި މަރުތައް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި، ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރުގެ ގޮތުގައި ފާހަގަކޮށްފައިވާ މީހާއެވެ.
އަމީން ވަނީ އެމެރިކާއިން ކަނޑައަޅާ ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމެނިފައެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި އެ ލިސްޓުގައި ދިވެއްސަކު ހިމެނުނު އެއީ ފުރަތަމަ ފަހަރެވެ.
އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ހައިކޯޓުން އިއްޔެ ވަނީ ނެރިފަ އެވެ. އެ އަމުރުގައިވާ ގޮތުން، ފުލުހުންގެ ހުއްދަނެތި އޭނާއަށް މާލެއިން ބޭރަކަށް ނުދެވޭނެ އެވެ. ހެނދުނު 6:00 އިން ހަވީރު 6:00 ގެއިން ބޭރަށް ނުކުތުންވެސް މަނާ ވާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު