ސާފް ޗެމްޕިއަންޝިޕް

އަންމަޓީގެ ސާފް 2008ގެ ހަނދާންތައް: ގައުމުގެ އެކުވެރިކަމުން ފާއްދާލި ކަރުނަ!

ކޮންމެ ސާފް ޗެމްޕިއަންޝިޕަކާ ދިމާކޮށް، 2008 ހަނދާންތައް އާވާނެކަން ޔަގީނެވެ. އެއީ ސާފްގައި ރާއްޖޭގެ އެންމެ ފުރަތަމަ ރަން މެޑަލްއެވެ. އެ ރަން މެޑަލްއާއެކު ގައުމުން ފެނުނު ފެއްސާއި ރަތާއި ހުދުގެ މަންޒަރަކީ އަބަދު ތަކުރާރު ކުރުމަށް ކޮންމެ ރައްޔިތަކު އެދެމުންދާ މަންޒަރެވެ. އެކުވެރިކަމާއި އެއްބައެއްވަންތަ ދިވެހި ރާއްޖެއަކަށް ފުޓުބޯޅައިން ކޮށައިދިން އެ މަގަށް ދާން އެންމެހާ ރައްޔިތުން ދަނީ އެދެމުންނެވެ. އެއީ ގައުމީ ރޫހުގެ ވިސްނުމުގައެވެ. އޭރުގެ ޓީމުގެ ހަނދާންތަކާއި އިހުސާސްތައް ކޮންމެ ސާފް ޗެމްޕިއަންޝިޕަކަށް ވެސް މުހިއްމު ވަނީ އެ ސަބަބަށްޓަކައެވެ. ފުޓުބޯޅައަށް ރޫހު ގެނައުމަށް އެ ތަރިން ފަދަ ދެވަނަ ބައެއް އަދިވެސް ނެތެވެ.

"އަން ސަންގް ހީރޯ" އިންނަކީ މުހިއްމު ވަގުތުގައި ވަރުގަދަ މަސައްކަތްތަކެއް ކުރި ނަމަވެސް، މާ ބޮޑަށް އެމީހެއްގެ ވާހަކަތައް ނުދައްކާ ތިބި މީހުންނަށް ނިސްބަތްކޮށް ބުނެ އުޅޭ ބަހެކެވެ. ދަނޑުމަތީގައި އާންމުކޮށް އެފަދަ "ހީރޯ" އިން ފެންނަ ފަހަރު ގިނަ ވާނެއެވެ. 2008 ވަނަ އަހަރު ރާއްޖެއިން ކުޅުނު ސާފް ޗެމްޕިއަންޝިޕް ޓީމަށް ބަލާ އިރު، ކޮންމެ ކުޅުންތެރިޔަކީ ބަތަލެއް ނަމަވެސް، އެކި ކުޅުންތެރިންގެ ވާހަކަދައްކާނީ އެކި ވަރަށެވެ. އެއީ ފޭމް، ނޫނީ ޕޮޕިއުލާރިޓީގައި އެކަން އޮންނަ ހަމަވެސް މެއެވެ. އެ ރަން ޓީމުގެ އަހުމަދު ސައީދު (އަންމަޓީ) ގެ ހަނދާން އެބަހުރި ހެއްޔެވެ. އެއީ އިތުބާރާއެކު ގައުމީ ޓީމުގެ އެއް އަރިމަތިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ހުނަރުވެރި ޑިފެންޑަރެވެ.

މުބާރާތުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ދައްކާލި މޮޅު އުކުޅަކުންވެސް އެތަކެއް ދިވެހީންނެއްގެ ހިތް ދަމައިގަތް އަންމަޓީއަކީ ކާމިޔާބީގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެއް ނަމަވެސް ފުޓުބޯޅައިގެ މަންޒަރުން ބޭރުވެ، އަންމަޓީ ދުރުގައި ހުރުމުން އޭނާގެ ވާހަކަތައް ދައްކާ ނިސްބަތް މިހާރު މަދެވެ. އަމިއްލަ ގައުމުގައި ސާފް ޗެމްޕިއަންޝިޕަކަށް ނުކުންނަ އިރު، ގައުމީ ޓީމުގެ ހިތްވަރަށް އަންމަޓީގެ ނަޒަރު މުހިއްމު ކަމަށް ދެކި، "ވަން" އިން އޭނާގެ ހިޔާލުތައް ބަލައިލީ އެހެންވެއެވެ.

"ގައުމީ ޓީމުގެ ސްކޮޑުގައި ލައްވާލައި ކުރިންވެސް. އޭރު ދެން ޓީމު ތެރޭގައި އޮތް ނުފޫޒެއް، ތަފާތު ކުރުމެއް. ބައެއް ސީނިއާ ކުޅުންތެރިންނާއި މެނޭޖުމަންޓާ އޭރު އޮންނާނެ ނުފޫޒެއް. އެހެންވެ ދެން ގައުމީ ޓީމަށް ކުޅެން އޭރު ހުންނަނީ ފޫހިވެސް ވެފައި. އެކަމަކު 2008 ވަނަ އަހަރު އެއީ ތަފާތުތަކެއް އައި އަހަރެއް. ކޯޗު ރަނގަޅުވުން އެއީ އެންމެ ބޮޑު ތަފާތު. އޭނާ ނުބަލާނެ މޫނަކަށް، ކާކުތޯއެއް. ހުރިހާ ކުޅުންތެރިން އެއްވަރުވާނެ އޭރުގެ ކޯޗަށް. ފަރުވާ ކުޑަ މީހުންނަށް ޓީމަށް ފުރުސަތެއް ނޯންނާނެ،" އަންމަޓީ ވަރަށް ސީދާކޮށް އޭރު ހަނދާންތައް އާކުރަން ފެށިއެވެ.

1997 ވަނަ އަހަރު އަންމަޓީގެ ރަށް، އައްޑޫ ފޭދުއަށް 19 އަހަރުން ދަށުގެ ގައުމީ ޓީމު ދިޔަ ޓުއާއެއްގައި، ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުނު އެކުވެރިކަމުގެ މެޗަކުން އެތަކެއް ކޯޗުންގެ ލޮލުގައި އަޅައިގަނެގެން އަންމަޓީ މާލެ ދިޔައީ އެ އަހަރު ނިއު ރޭޑިއަންޓަށެވެ. އޭގެ ފަހުން ވިކްޓަރީއާއި ނިއުއަށް ކުޅުމަށްފަހު ވީބީ ސްޕޯޓްސް ކްލަބަށްވެސް ކުޅުނު އަންމަޓީ ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް ރާއްޖެ ތަމްސީލުކޮށްފައެވެ.

"ރަށުގައި އަދިވެސް ކުޅެން. އެކިއެކި މުބާރާތްތަކާއި، މިނިވަން ޗެމްޕިއަންޝިޕް ކަހަލަ މުބާރާތްތައް. ފުޓްސަލް ކަހަލަ މުބާރާތްތައްވެސް ކުޅެން. އަސްލު ގައުމީ ޓީމުން ރިޓަޔާ ކޮށްގެން ހުއްޓަސް ފާހަގަކޮށްލަން ޖެހޭ، ޝަރަފުވެރިކަމާއެކު ރިޓަޔާކުރީ މަދު ބައެއް. މިހާރު އަހަރެމެން ކުޅުނުކަން ގިނަ މީހުންނަށް ނުވެސް އެނގޭނެ. ރާއްޖޭގެ ގިނަ ބަޔަކަށް ނުވެސް އެނގޭނެ ކުޅުނުކަންވެސް. 2012 ގައި މި ހުއްޓާލީ، އެކަން މާ ބޮޑަކަށް ނޭނގޭ މީހުންނަކަށް،" އަންމަޓީ އޭނާގެ ކެރިއަރު ނިންމާލި ހިސާބުގެ ވާހަކަތަކެއް ހިއްސާކުރަމުން ބުންޏެވެ.

2008 ގެ ރަން ހަނދާންތަކާއި، ތަށީގެ ފަހުން އައި ގައުމީ ރޫހުގެ ވަގުތުތައް

އަންމަޓީގެ ފުޓުބޯޅަ ކެރިއަރުގެވެސް އެންމެ މުހިއްމު ވަގުތަކީ ސާފް ޗެމްޕިއަންޝިޕްގެ ތަށީގެ ވަގުތު ކޮޅުކަން ޔަގީނެވެ. ނުތަވަސްކަމުގެ އެތައް ވަގުތުތަކެއްގެ ތެރެއިން، ގައުމީ ރޫހުގެ ޖޯޝުން ފުރިގެން ދިޔަ ވަގުތަކާ ހަމައަށް އަންމަޓީ ކުރި ދަތުރުގެ ވާހަކަތައްވެސް އޭނާ ހިއްސާކުރިއެވެ. އެއީ މިއަދު ޓީމުގައި ތިބި ކޮންމެ ކުޅުންތެރިންއަކަށް ޖަޒުބާތި ވާހަކަތަކަކަށް ވާނެކަންވެސް ޔަގީނެވެ.

"ސިޔާސީ ޕްރެޝަރުތައް ބޮޑުކޮށް ދިޔަ ފަހަރެއް އެއީ. ބައެއް ނޫސްވެރިންވެސް ބުނެފައިވޭ ތަށި ނުލިބޭނެ ކަމަށް. އެކަމަކު ދެން މީހުން ދައްކާ ވާހަކަ އަޑުއަހައިގެން ކުޅޭ މީހެއް ނޫން މިއީ އޭރުވެސް. ބަލިވާން ދިޔަ މުބާރާތެކޭވެސް ކިޔައި އުޅުނު އޭރު. އެއީ މުބާރާތުގެ ކުރިން ދިމާވި މައްސަލަތައް. އޭރު ކުރި ކަމަކީ ބޭރުގެ ޕްރެޝަރަށް ނުބަލައި، ހަމަ ސީދާ ސީރިއަސްކޮށް މުޅި ޓީމު ދިޔައީ ތަށްޓަށް. އޭރު ޓީމު އޮތީ ވަރަށް ވަރުގަދަކޮށް. ވަރަށް ކޮންފިޑެންސްގައި ކުޅެވުނު،" މުބާރާތުގެ ކުރިން ދިމާވި ކަންކަމަށް ބަލާލައި އަންމަޓީ ފާހަގަކުރިއެވެ.

ފެށުމުގެ ކުރިން ދިމާވި އެތައް ކަމެއް ފަތަހަކޮށް، ލަންކާގައި ކުޅުނު ފައިނަލުގެ އިހުސާސްވެސް އަންމަޓީ ކިޔައިދިނީ ފަހުރުވެރިކަމާއެކުގައެވެ. ފައިނަލުގައި އިންޑިއާ ކޮޅަށް މުހުތާރު ނަސީރު (ޓޫކިލޯ) ޖެހި ގޯލާއި، އެ ގޯލާއެކު ގައުމަށް ގެނުވި އުފާވެރިކަން ދުލުން ބަޔާންކުރަންވެސް އަންމަޓީއަށް ދައްޗެވެ.

ވަރަށް، ވަރަށް އުފާވި. ފައިނަލް މެޗުގެ ހަނދާންވެސް އެބަހުރި ވަރަށް ބޮޑަށް. ޓޫކިލޯ ކައިރީގައި އެރޭވެސް އެތައް ފަހަރަކު ހަޅޭލަވާފައި ބުނެވުނު ޖަހާށޭ ގޯލަށް. 86 ވަނަ މިނެޓު ޖެހުނު ގޯލާއެކު ޖާނުން ފިދާވެގެން މޮޅުވާން، ރޫހުގައި ކުޅުނީ. ފަހު ވަގުތު އިންޑިއާ ކުޅުންތެރިން ތަޅައިގެންވެސް މޮޅުވާން ކުޅުނީ. އެކަމަކު ފަހު ކަށިގަނޑާ ޖެހެންދެން ތިބީ ކޮންފިޑެންސްގައި. ޕްރެޝަރެއް ނެތް އެވަގުތު. ރޫހު ވަރުގަދަ ކަމުން.
އަންމަޓީ

ޝަރަފުވެރިކަމާއެކު އަންމަޓީ ފާހަގަކުރި ގޮތުގައި ތަށްޓާއެކު ގައުމަށް އައިސް ފޭބި ވަގުތަކީ އޭނާގެ ހަނދާނުން ނައްތައިނުލެވޭނެ މުހިއްމު ވަގުތުކޮޅެކެވެ.

"ވަރަށް އުފާވި. އުފަލުން ކުރެވުނު އިހުސާސް ނުވެސް އެނގޭ. އެއްބައިވަންތަކަން ފެނި ވަރަށް ބޮޑަށް އުފާވި. ލޮލުން ކަރުނަ ހިލިގެން ދިޔަ،" އަންމަޓީއަށް އެ ވަގުތު ކޮޅުގެ އިހުސާސް ބުނެދޭންވެސް ދަތިއެވެ. އޭނާގެ ވިސްނުމުގައި ކުޅިވަރުން ސިޔާސީ ބޭރުކޮށްލީމަ އެ އެކުވެރިކަން އަދިވެސް އަންނާނެއެވެ.

މިހާރުގެ ފުޓުބޯޅައާއި ޓީމަށް އޮތް އުންމީދު

ރިސޯޓު މަސައްކަތްތަކުގައި މިވަގުތު ހުރި ނަމަވެސް އަަންމަޓީ އަދިވެސް ފުޓުބޯޅައަށް ލޯބިކޮށް، ފުޓުބޯޅައަށް ނަޒަރު ހިންގާ ކަމަށް އޭނާ ބުނެފައިވެއެވެ. އަންމަޓީގެ ނަޒަރުގައި ގައުމީ ޓީމަށް ޒުވާން ކުޅުންތެރިން ނެރުން އިތުރުކޮށް، ފުޓުބޯޅައަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ.

"އަސްލު ކާމިޔާބީ ހޯދަން ދާ ސްކޮޑެއް ވެއްޖެއްޔާ ހަމަހަމަ ވާން ޖެހޭނެ ހުރިހާ ކުޅުންތެރިން. އެއީ މުހިއްމު ކަމެއް. މިހާރު އޮތް ޓީމުގައި އުމުރުން ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިން ތަންކޮޅެއް ގިނަކަން ފާހަގަވޭ. އަހަރެންނާއެކު ކުޅުނު ކުޅުންތެރިންވެސް އަދި އެބަތިބި. އަދިވެސް ބޮޑަށް ޒުވާން ކުޅުންތެރިންނަށް މުބާރާތުގެ ތަޖުރިބާ ދޭން ޖެހޭ ކަމަށް ގަބޫލުކުރަން. އެކަމަކު އެދެނީ އަބަދުވެސް ކާމިޔާބީއަށް. ތަށި ލިބުން މިހާރުވެސް އުންމީދަކީ. އަދިވެސް ޒުވާން ކުޅުންތެރިން އުފައްދަން ޖެހޭ. އެކަމަކު ވަރަށް ބޮޑަށް އުންމީދު ކުރަން ޓީމު މޮޅުވާން،" އަންމަޓީ ބުންޏެވެ.

ޖުމުލަކޮށް ދިވެހި ފުޓުބޯޅައަށް އަންމަޓީ ދިން ވިސްނުމަކީ އަތޮޅުތެރޭގެ ވިސްނުމެވެ. ހޯމް އެންޑް އަވޭގެ ވިސްނުމަށް އަންމަޓީ ވަނީ ތައުރީފުކޮށްފައެވެ. އަތޮޅުތެރޭގެ ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު ލިބި، އެ ކުޅުންތެރިން ގައުމީ ޓީމާ ހަމައަށް ގެންދެވިއްޖެނަމަ، އަންމަޓީގެ ނަޒަރުގައި ފުޓުބޯޅައަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގެ ލީގުތަކުން ވެސް ފެންނަ މިސާލު ކަމަށް އަންމަޓީ ފާހަގަކުރިއެވެ.