ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވާ އުފުލި މުހައްމަދު އަމީނަށް ކުރި ދައުވާ ހައިކޯޓުން ބާތިލުކޮށް އޭނާ ދޫކޮށްލާފައިވަނީ އިދާރާއެއްގެ ފަރުވާކުޑަ ކަމުން ކަމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
އެކަމާއި ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަމީން ދޫކޮށްލާފައިވަނީ ތުހުމަތުކުރާ ކުށުގެ ސީރިއަސް ކަމާއި ހެއްކާއި ގާރީނާގެ މައްޗަށް ބެލުމެއް ނެތި ކަމަށެވެ. އަދި އޭނާ ދޫކޮށްލުމަށް ނިންމާފައިވަނީ އިޖުރާއީ ހުއްޖަތެއް ކަމަށްވާ، ހައްޔަރުކުރުމާ ގުޅޭ ދެ ގާނޫނެއްގެ ދެމެދުގައި އުފެއްދި ސުވާލަކާ ގުޅުވައިގެން ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
"މިފަދަ ސީރިއަސް އަދި ބޮޑު ޓެރަރިޒްމްގެ މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު މި ބާވަތުގެ ގާނޫނީ ހުއްޖަތެއްގައި ދޫވެދިއުމަކީ ތަހުގީގުކުރާ އިދާރާ ނުވަތަ ޕްރޮސިކިޔުޓާ ޖެނެރަލް ނުވަތަ ކޯޓުން ކުރެ ކޮންމެ ވެސް ފަރާތަކުން ޓެރަރިޒަމްގެ މައްސަލަތަކުގައި ސަމާލުވެ ފަރުވާތެރިވެ ނުވަތަ ސީރިއަސް ވާންޖެހޭ މިންވަރަށް އަމަލުނުކުރުމުގެ ސަބަބުންކަމަށް ދެކެން،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިޒަމުގެ ހަމަލާދިން ފަރާތްތަކުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކާއި އެމީހުންގެ ބަންދާމެދު ކަންވެގެންދާނޭ ގޮތާމެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްޔިތުންނަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާމެދު އަމަލުކުރުމުގައި ސަމާލުކަން ދިނުމަށާއި ފަރުވާތެރިވުމުގައި އިހުމާލުނުވުމަށާއި އަދި އެކަންކަމުގައި ސީރިއަސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށްވެސް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.
އަމީނަށް ކުރި ދައުވާ ހައިކޯޓުން ބާތިލުކޮށް އޭނާ ދޫކޮށްލީ، ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލަކާ ހިލާފަށް ކަމަަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ޕީޖީ ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު