ކޮވިޑް ޖެހިގެން ގދ. ތިނަދޫން އިތުރު މީހަކު މަރުވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ބުނީ އެރަށު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 89 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު 4:52 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ތިނަދޫން ކޮވިޑް ބަލީގައި މަރުވި ހަތަރު ވަނަ މީހާއެވެ. މީގެ ކުރިން ކޮވިޑް ބަލީގައި ތިނަދޫން މަރުވީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 79 އަހަރުގެ ފިރިހެނެކެވެ. އެންމެ ފަހުން އެރަށުން ކޮވިޑް ބަލީގައި މީހަކު މަރުވެފައިވަނީ މިދިޔަ މަހުގެ 28ގައެވެ.

މިއަދުގެ މަރާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 228 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 211 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.