ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ ދެ ދަރިން ޖާމިނުކޮށް ބަންދުން ދޫކޮށްލުމަށް އޭނާ ކުރިމިނަލް ކޯޓުގައި މިއަދު އެދެފިއެވެ.

ހުޅުމާލޭގައި ފުލެޓް އިމާރާތްކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތްކޮށް ނުދީ އަދި އެ ފައިސާވެސް ދީފައިނުވާ މައްސަލައިގައި ރާއްޖޭން ބޭރުގައި ފިލައިގެން އުޅެނިކޮށް، އިންޓަޕޯލް މެދުވެރިކޮށް ހައްޔަރުކޮށްގެން ރާއްޖެ ގެނައި، އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ ކޮށްފައެވެ.

އަދި އޭނާ ރާއްޖެ ގެނަސް މައްސަލަތައް ނިމެންދެން ބަންދު ކޮށްދިނުމަށް އެދުމުން ދުވަސްތަކަކަށް ބަންދުގައި ބެހެއްޓިއެވެ. ނަމަވެސް ބަންދު ރިވިއު ކުރުމަށްފަހު ޝަރުތު ތަކަކާއެކު ޖޫން 17ގައި އޭނާ ބަންދުން ދޫކޮށްލިއެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި އޭނާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް އަލުން އޭނާ ހައްޔަރުކުރަން ހައިކޯޓުން އަމުރުކުރިއެވެ.

އައްމަޓީގެ ބަންދުގެ މުއްދަތު ރިވިއުކުރުމާ ގުޅޭ ގޮތުން ކުރިމިނަލް ކޯޓުގައި މިއަދު ބޭއްްވި އަޑުއެހުމުގައި އައްމަޓޫ އެދިފައި ވަނީ، އޭނާގެ ދެ ދަރިން ޖާމިނު ކުރުމަށްފަހު ނަމަވެސް އޭނާ ދޫކޮށް ދިނުމަށް ކޯޓުގައި އެދޭ ކަމަށެވެ.

ނަމަވެސް އައްމަޓީ އެގޮތަށް އެދުމާ ގުޅިގެން ގާޒީ ވިދާޅުވީ އައްމަޓީ ދޫކޮށްލައިފިނަމަ ކުށްކުރުން އިތުރު ވާނެ ކަމަށާއި އަނެއްކާވެސް ފިލައިގެން ގޮސްދާނެ ކަމަށެވެ. އަދި އައްމަޓީއަށް ކުރަނީ ހިޔާނާތުގެ ބޮޑު ކުށެއްގެ ތުހުމަތުކަމަށްވާތީ އޭނާ ބަންދުން ދޫކޮށްފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލިދާނެ ކަމަށްވެސް ވިދާޅުވިއެވެ.