އާންމުކޮށްވެސް އަޑު އިވޭ ވާހަކައެވެ. ރަހީނު ކުރުމަށްފަހު އެތައް ބަޔަކު އެތައް ކުދީނެއް މަރާލާ ކަމުގެ ވާހަކަތަކެވެ. ނަމަވެސް ބޭރުގެ ގައުމުތަކުގަ އެވެ. ރާއްޖޭގައި މިއީ އާންމު ކަމެއް ނޫނެވެ. ރާއްޖޭގައި މިކަހަލަ އަޑުތައް ވެސް ވަނީ ބިރުވެރި އަޑު ތަކަކަށެވެ. ގަބޫލުކުރާން އުނދަގޫ ވާހަކަ ތަކަކަށެވެ.
އެކަމަކު މުޅި ރާއްޖެ ސިއްސުވާލީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުތެރެއިން މަރާލާފައި ފޮށްޓަކަށް ލައި އެއްލާލާފައި އޮތް 13 އަހަރުގެ ކުޑަ ކުއްޖެއް ފެނުނު ހަބަރުންނެވެ. އެންމެނަށް ހައިރާންކަން ލިބުނީ މިއީ ރަހީނު ކުރުމަށްފަހު މަރާލާފައި އޮތް ކުއްޖެއްކަން އެނގުމުންނެވެ. މިއީ ދުވަހަކުވެސް ރާއްޖޭގައި ހިނގާފައި ނުވާ ފަދަ ބޮޑު ލާއިންސާނީ އަމަލެކެވެ.
މި މަރާއެކު ގިނަ ބަޔަކު ކަންބޮޑުވި އެވެ. މި ކަމުގއި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް މިކަމުގެ އަޑީގައި ގިނަ ބަޔަކު ތިބޭނެ ކަމަށް ގިނަ ބަޔަކު ބުނަމުންދެ އެވެ.
އެވާހަކަތަކަށް މާގިނަ ދުވަހެއް ނުވަނީސް މިދިޔަ ބުދަ ދުވަހުގެ ރޭ އަޑު އިވިގެން ދިޔައީ އުމުރުން 14 އަހަރުގެ ކުއްޖަކު ރަހީނު ކުރި ވާހަކަ އެވެ. ފުލުހުން ބުނީ 14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އެރޭ ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެ ކުއްޖާ ފެނިފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވަނީ ބުނެފަ އެވެ. އޭގެ އިތުރުން އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ކުއްޖާގެ ބައްޕަ އަށް "ވަން" އިން ގުޅުމުން ބުނީ އެ ކުއްޖާ ގެއްލުނީ ނޫން ކަމަށާއި ބަޔަކު އޭނާގެ ދަރިފުޅު ރަހީނު ކުރީ ކަމަށެވެ.
ކުއްޖާގެ ބައްޕަ ބުނީ އެ ކުއްޖާ ރަހީނު ކޮށްފައިވަނީ މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ބަޔާން ދިނުމުން ކަމަށެވެ. އަދި ކުއްޖާ ރަހީނު ކުރަން ޖެހޭ އިތުރު ކަމެއް ނޯންނާނެ ކަމަށްވެސް ބުންޏެވެ.
"އެންމެ ފަހުން މަރާލާފައި އޮއްވާ ފެނުނު ކުއްޖާ އަކީ ވަރަށް ގިނައިން އަޅުގަނޑުމެން ގެއަށް އަންނަ ކުއްޖެއް. ދެން އެގޮތުން ވަރަށް ގާތް ގުޅުމެއް އެކުއްޖާ އާ އަޅުގަނޑުމެންނާ އުފެދިފަ ހުންނަނީ. ހާއްސަކޮށް އަޅުގަނޑުގެ ދަރިފުޅާ. ދަރިފުޅު ގޭ ކައިރީގަ ހުއްޓާ ގެއްލުނީ. ގާތްގަނޑަކަށް 8:30 ހާއިރު އެއީ. ދެން ފުލުހަށް މައްސަލަ ހުށަހެޅީ. އަނެއްހެން ތަނަކަށް ދާއިރު ބުނެފަ ދާތީ ގެއްލުނީ ކަމަށް ޝައްކުވާތީ ރިޕޯޓު ކުރީ." އޭނާ ބުންޏެވެ.
ކުއްޖާގެ ބައްޕަ ބުނީ އެރޭ ގާތްގަނޑަކަށް 10:30 ހާއިރު އޭނާގެ ދަރިފުޅު ސަލާމަތުން ގެއަށް އައިސް ކަން ހިނގައި ދިޔަ ގޮތް ކިޔައިދިން ކަމަށެވެ. އެގޮތުން އޭނާ ގޭ ކައިރީގައި ހުއްޓާ ކާރެއްގައި އައި ބަޔަކު އޭނާ އެ ކާރަށް އަރުވައިގެން ހުޅުމާލެއަށް ގެންދިޔަ ކަމަށެވެ. އަދި ހުޅުމާލޭ ގެއަކަށް ވައްދާފައި އެ މީހުން ކާ އެއްޗެއް ގަންނަން ކަމަށް ބުނެ ފިހާރައަށް ދިޔަ ކަމަށާއި އެވަގުތު އޭނާ އާއިލާ މީހަކަށް ގުޅައި ސަލާމަތަށް އެދުނު ކަމަށެވެ.
"ދަރިފުޅު މިގުޅީ އޭނާގެ ކަޒިން އަކަށް މިހެން ވެއްޖެއޭ ކިޔާފަ. ދެން އެ ކުއްޖާ މި ގުޅަނީ މީނަގެ ބޭބެ އަށް ގުޅާފަ މިބުނީ މިހެން ވެގެންނޭ މިއުޅެނީ. ކިޔާފަ މި ބުނާ ކަޒިން ކުއްޖާ ދިޔައީ ދަރިފުޅު އެ ބުނާ ދިމާލަކަށް. އޭނާ އައުމުގެ ކުރީން ދަރިފުޅު އޭނަ ބަހައްޓާފަ ހުރި ތަނުން ނިކުމެގެން ދުވެފަ ގޮސްފި. އެ މީހުން އެއްޗެހި ގަންނަން ފިހާރައިގަ ތިބީމަ މާ ބޮޑު ކަމެއް ނުކުރެވި ދަރިފުޅު ސަލާމަތް ވެއްޖެ. ދެން އޭނާގެ ކަޒިން އޭނަ މާލެ ގެނެސް ގެއަށް ގެނެސްދިނީ." ކަން ހިނގައި ދިޔަ ގޮތް ހިއްސާ ކުރަމުން ބައްޕަ ބުންޏެވެ.
އޭނާ ބުނީ ދަރިފުޅު ގެއަށް އައި އިރު އެއްވެސް އަނިޔާއެއް ދީފައި ނުވާ ކަމަށެވެ. އަދި ދަރިފުޅު ކިޔައިދިން ހުރިހާ ވާހަކަ ތަކާއި އޭނާ ރަހީނު ކުރި މީހުންގެ ފޮޓޯ އާއި ފޯނު ނަންބަރުވެސް ފުލުހުންނަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. އެހެން ކަމުން ތިންވަނަ މީހަކު މިކަމުގެ ޝިކާރައަކަށް ހެދުމުގެ ކުރިން އެމީހުން ހައްޔަރު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުންޏެވެ.
ކުއްޖާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅަކީ މާލޭގެ އެއްވެސް ގޭންގަކަށް ނިސްބަތްވާ އަދި އެފަދަ ބަޔަކާ އެކީ އުޅޭ މީހެއްވެސް ނޫން ކަމަށެވެ. އެހެން ކަމުން ޔަގީނާ ގާތަށް ބުނަން އެނގެނީ ކުއްޖާ ރަހީނު ކުރީ 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ބަޔާން ދިނުމުން ކަމަށް އޭނާ ބުންޏެވެ.
އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާ ގެއްލިގެން އާއިލާއިން ރިޕޯޓު ކުރީ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ. ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އޭގެ ގިނަ އިރު ތަކެއް ނުވެ މަރުގެ މި މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރި އެވެ. މި ދެމީހުންނަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް