ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަނުން ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާ ހިއްސާކޮށްފިއެވެ.
މިއަދު ހެނދުނު ޕީޖީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމާ ގުޅިގެން އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޖީއާއެކު ބޭއްވި ބައްދަލުވުމުގައި ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯތަކާއި ގުޅިގެން ހުރި ކަނބޮޑުވުންތަކާއި ރައީސް ޔާމީނުގެ ޝަރީއަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރި ކަމަށެވެ.
އެގޮތުން އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއްކަން ޔަގީންކުރުމަށް ފޮރެންސިކު ތަހުގީގެއް ހިންގުމަށް އެދިފައިވާނެ ކަމަށާއި އަދި އެ އޯޑިއޯތަކުގެ މައްސަލަ އިންސާފުވެރިކޮށް ތަހުގީގު ކޮށްގެން ނޫނީ ރައީސް ޔާމީނަށް އިންސާފުވެރި ހުކުމެއް ނީއްވޭނެ ކަމަށް ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ލީކުވެފައިވާ އޯޑިއޯތަކަކީ ރައީސް ޔާމީނަށް ދަށު ކޯޓުން ހުކުމް އިއްވި ފަނޑިޔާރުންގެ އޯޑިއޯތަކެއްކަން ޔަގީންކުރެވޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އިދިކޮޅުން ހިއްސާކުރި ކަންބޮޑުވުންތައް ގާތުން ބައްލަވާނެ ކަމަށް ޕީޖީ ވިދާޅުވި ކަމަށެވެ. އެގޮތުން ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލަ ބައްލަވައި އެކަން ހިއްސާ ކުރައްވާނެ ކަމަށާއި ނަމަވެސް މިހާރު ކޯޓުގައި ހިނގަމުންދާ ޝަރީއަތް ހުއްޓުވުމަށް ޕީޖީއަށް އެއްވެސް ކަމެއް ނުކުރެއްވޭނެކަން ފާހަގަކުރެއްވި ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު