"މިނިވަންކަމުގެ ދިފާއުގައި"ގެ ނަމުގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޮޑު ކެމްޕެއިނެއް ފަށަން ނިންމައިފިއެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެހުންނެވި އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ވަރަށް ބޮޑު ކެމްޕެއިނަކަށް ތައްޔާރުވަމުންދާ ކަމަށާއި ވަރަށް އަވަހަށް ކެމްޕެއިން ލޯންޗު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިމަހުގެ ތެރޭގައި ކެމްޕެއިން ފަށާނެ ކަމަށާއި ތާރީހު ފަހުން އިއުލާނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިއީ މި ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށާއި އިސްލާމްދީން ހިމާޔަތްކޮށް ގައުމުގެ މިނިވަންކަން ނެގެހެއްޓުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކެމްޕެއިނެއް ކަމަށެވެ.

މި ކެމްޕެއިނަކީ ފެއްސާއި ރަތާއި ހުދު ރަމްޒުކޮށްދޭ ކެމްޕެއިނެއް ކަމަށާއި މި ކެމްޕެއިނަކީ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ކެމްޕެއިނެއް ކަމަށެވެ. އަދުރޭ ވަނީ ސިޔާސީ ހުރިހާ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކަށް މި ކެމްޕެއިންގައި ބައިވެރިވުމަށް ގޮވާލައިފައެވެ.

އަދުރޭ ވިދާޅުވީ މި ހަރަކާތުގައި ވަރަށް ބޮޑަށް އަނިޔާވެސް ލިބޭނެ ކަމަށާއި ޖަލަށްލައި ބަންދުކޮށް، މުދާވެސް ފޭރިގެންފާނެ ކަމަށެވެ. ނަމަވެސް މީގެން އެއްވެސް ކަމަކަށް ޖެހިލުންވާނެ ކަމެއްނެތް ކަމަށާއި މިއަދު މުހިންމީ އިސްލާމް ދީނާއި ދިވެހި ގައުމު ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅުން ބޮޑު ކެމްޕެއިނެއް ފަށަން ނިންމާފައިވާ އިރު، މިދިޔަ ހުކުރު ދުވަހުވެސް އިދިކޮޅުން ވަނީ އިންސާފު ހޯދުމުގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވައިފައެވެ. މި ހަރަކާތުގައި ރައީސް ޔާމީންވެސް ވަނީ ނުސީދާ ގޮތަކަށް ބައިވެރިވެވަޑައިގެން، ކުޑަދޮރުން ބޭރަށް ބޯދިއްކުރައްވައި ޕީޕިއެމްގެ ދިދައަކާއި ގައުމީ ދިދައެއް ސަޕޯޓަރުންނަށް ވިހުރުއްވައިފައެވެ. އަދި އެ މީހުންނަށް އަތްޕުޅުން އިޝާރާތް ކުރައްވައި ވާހަކަފުޅުތަކެއް ދައްކަވާތަންވެސް ފެނުނެވެ.