ފަންނީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑައިލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމާއެކު، އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި އައިޖިއެމްއެޗުގެ 491 ޑޮކްޓަރަކާއި ނަރުހުންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ރައީސަށް ހުށަހެޅި ޕެޓިޝަނުގައި ބުނީ، ފަންނީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑައިލުމަށް ސީއެސްސީން ނިންމީ ބޭއިންސާފުން ކަމަށެވެ.
ޕެޓިޝަންގައި ބުނީ، ކޮވިޑް 19ގެ ރާޅުތަކުން އަރައިގަތުމަށް ވަރުބަލިކަމާއެކުވެސް، އެންމެ ކުރީ ސަފުގައި، ފަސްޖެހުމެއްނެތި ރެޔާއި ދުވާލު މަސައްކަތް ކުރަމުން އަންނަ އެއްބަޔަކީ ސިއްހީ ދާއިރާގެ މުވައްޒަފުންކަމުގައި މުޅި ދުނިޔެ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިޔާވެސް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ކަންމިހެން އޮތްއިރު ރާއްޖެ ފަދަ ޒަމާނީ ވަސީލަތްތަކާއި ފަންނީ މުވައްޒަފުން މަދު ގައުމެއްގައި، އެންމެހާ ރައްޔިތުންނަށް ލިބިދޭންޖެހޭ ސިއްހީ ހިދުމަތްތައް އަދި ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ހުއްޓުމެއްނެތި އަދިއަދާ ޖެހެންދެންވެސް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންނަށް އިތުރު ހިތްވަރެއް ނުވަތަ ކުރިއެރުމެއްގެ ބަދަލުގައި، މިފަދަ ހަރުކަށި ނިންމުމެއް ނިންމެވުމަކީ މިވަގުތު އެ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ މުވައްޒަފުންނަށް ދެވޭނެ ހިތި އަދަބެއް ކަމުގައި ދެކޭ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އެ ޕެޓިޝަނުގައި ބުނީ އައިޖީއެމްއެޗަކީ ސަރުކާރުގެ މައި ހޮސްޕިޓަލަށްވެފައި، ސިވިލް ސާވިސްގެ ދަށުން ދެވޭ މުސާރައަކީ ކުރެވޭ މަސައްކަތާއި އަޅާކިޔޭ ވަރުގެ މުސާރައެއް ނޫން ކަމުގައި ގަބޫލު ކުރާ އެތައް މުވައްޒަފުންނެއް މިހާރުވެސް އަމިއްލަ ކުންފުނިތަކަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑާލުމަކީ މުވައްޒަފުން ވަޒީފާއިން ކެނޑުމަށް ކޮށައިދެވޭ މަގެއް ކަމަށެވެ.
"މިފަދައިން މުވައްޒަފުން ވަކިވެގެންދާނަމަ، މި ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކަށް ބޮޑެތި ހީނަރުކަމެއް އައިސް، ބައެއް ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ ދުރުކަމެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ސިވިލް ސާވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަކި މުއްދަތަކަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން ގްރޭޑުގެ އަދި މަގާމުގެ ކުރިއެރުން ލިބުމަކީ އެ މުވައްޒަފަކަށް ލިބިގެންވާ ހައްގެކެވެ..،" ޕެޓިޝަނުގައި ބުންޏެވެ.
އެ ޕެޓިޝަނުގައި ޑޮކްޓަރުންނާއި ނަރުހުން ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ އޮނިގަނޑުގެ ތެރެއިން ހިދުމަތުގެ މުއްދަތަށާއި މަސައްކަތުގެ ފެންވަރަށް (ޕަފޯމަންސް އެޕްރައިސަލްއަށް) ރިއާޔަތްކޮށް ދެވޭ ގްރޭޑުގެ ކުރިއެރުން މަޑުޖެއްސެވުމަށް ނިންމެވި ނިންމެވުން އަނބުރާ ގެންދެވުމަށް ގޮވާލައިފައެވެ.