ސީޕީ މުހައްމަދު ހަމީދު

މަސްތުވާތަކެތި ބޭނުންކުރަން ހުރި 44 ތަނެއް ރެއާއި ހަމައަށް ވަނީ ބަންދު ކޮށްފައި: ސީޕީ ހަމީދު

އިބްރާހިމް ޒަކީ

މަސްތުވާތަކެތި ބޭނުން ކުރާ 44 ތަނެއް މާލޭގައި ހުރި ކަމަށާއި، ރެއާއި ހަމައަށް އެ ހުރިހާތަނެއް ބަންދު ކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޮމިޝަނަރު ވިދާޅުވީ، އެފަދަ ތަންތަނުގެ ވެރިފަރާތްތަކާއި، އެފަދަ ތަންތަން ހިންގުމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅައި ކޯޓު އަމުރުގެ ދަށުން އެތަންތަން ބަންދު ކުރުމަަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން އެތަންތަން ބަންދުކޮށް ފިޔަވަޅު އަޅަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުން ލިބޭ ބާރުގެ ބޭނުން ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުުރުން އެކަންކަމަށް މަގުފަހިކޮށްދޭ ފަރާތްތަކުގެ ތެރެއިން އެއް ފަރާތުގެ މައްސަލަ މިހާރު ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އިތުރު ހަތަރު މައްސަލަ ޝަރީއަތަށް ހުށަހަޅަން ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ 12 ނެތްވޯކެއްގެ މައްސަލަ ފުލުހުން ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ.

ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި، މަސްތުވާތަކެއްޗާބެހޭ ކުށްތަކުގައި 8937 މީހުން ފުލުހުންގެ ހައްޔަރަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.