ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
އެމްއެންޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެޕާޓީ ރަޖިސްޓްރީ ކުރުމަށް މިއަދު ހެނދުނު ހުށަހެޅީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް 5000 އަށްވުރެ ގިނަ މެންބަރުންގެ ފޯމާއެކުގައި ކަމަށެވެ.
އިލެކްޝަންސް އަށް ފޯމު ހުށަހެޅުއްވީ އެޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. އެބޭފުޅުންނާ އެކު ޕާޓީގެ ބައެއް މެންބަރުންވެސް ބައިވެރިވި އެވެ.
އެމްއެންޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް އިން ދީފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.
އެމްއެންޕީން ބުނީ، އެޕާޓީ އުފެއްދުމުގެ މަގުސަދަކީ ދިވެހީންގެ ތެރޭގައި ގައުމީ ފިކުރު އާލާކޮށް، ދިވެހިން އެދޭ ކަންކަން ފުރިހަމައަށް ހާސިލުކުރުމަށްޓަކައި، ގާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިހުތިޔާރާއި ހައްގުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ. އަދި އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެންބަރުން ހަމަކޮށް އެމްއެންޕީއަކީ ރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ހެދުން ކަމަށްވެސް އެޕާޓީން ބުންޏެވެ.
ޚަބަރު
ޚަބަރު