ދިރާސީ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގައި ފަށަން ޖެހޭ ގޮތަށް ކަނޑައެޅުމަށް، ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ހުށަހަޅުއްވާ މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ދިރާސީ އަހަރާއި ދިރާސީ ކަލަންޑަރު ކަނޑައަޅާނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީންނެވެ. އެގޮތުން ކޮންމެ އަހަރެއްގެވެސް ދިރާސީ އަހަރު ފަށަންވާނީ އެ އަހަރެއްގެ ޖެނުއަރީ މަހުން ފެށިގެންނެވެ. ނަމަވެސް އެއްވެސް ސަބަބަކާ ހުރެ ޖެނުއަރީ މަހުގައި ދިރާސީ އަހަރު ނުފެށޭ ހާލަތެއް ދިމާވި ނަމަވެސް، އެ އަހަރެއްގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކިޔެވުން ފަށަންވާނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، ކޮންމެ އަހަރެއްގެ ދިރާސީ ކަލަންޑަރު މިނިސްޓްރީން އެކުލަވާލާއިރު މަދުވެގެން އަށް ކަމެއް އޭގައި ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ދިރާސީ އަހަރު ފެށޭ ދުވަހާއި ނިމޭ ދުވަހާއި، ކިޔަވައިދޭ ދުވަސްތަކާއި ކިޔަވައި ނުދޭ ދުވަސްތަކުގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްތަކާއި އިމްތިހާނުތައް ބާއްވާނެ ދުވަސްތައް ހިމެނެއެވެ. އަދި އަލަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހުޅުވާލާ މުއްދަތާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަށް ކަނޑައެޅިފައިވާ ދުވަސްވަރާއި، ސްކޫލު ޗުއްޓީ ދުވަސްވަރުވެސް އެ ކަލަންޑަރުގައި ހިމަނަންޖެހެއެވެ.
ދިރާސީ އަހަރު ކަނޑައެޅުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީ ދުވަސްތައް ނުހިމެނޭ ގޮތުން، މަދުވެގެން 195 ދުވަސް ކަނޑައަޅަންވާނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ދިރާސީ އަހަރަށް ކަނޑައަޅާ ކަލަންޑަރު، ހިނގަމުންދާ ދިރާސީ އަހަރު ނިމުމުގެ ކުރިން ކަނޑައަޅައި އިއުލާންކުރަންވާނެ ކަމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތައުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތައާރަފުކުރުމަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ނުކުޅުދުންތެރިކަން ހުންނަ ކުދީންގެ ތެރެއިން، ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލު ނުކުރެވޭ ކުދީންނަށް އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތައުލީމު ފޯރުކޮށްދެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. ބިލުގައި އިތުރަށް ބުނެފައިވަނީ ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ނަމަ ހޯމް ސްކޫލިންގެ ދަށުން ތައުލީމު ދެވޭނެ ކަމަށެވެ.
މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި، މަދަރުސީ ތައުލީމުގެ ނިޒާމު ހިންގާ ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކުރުމަށާއި، އެނޫންވެސް ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން ހިމެނެއެވެ.
ބިލުގައި ހިމަނާފައިވާ އިތުރު ކަންކަމުގެ ތެރޭގައި، ސްކޫލް ގަޑީގައި ނާސްތާ ހޯދަން ދަތިވާ ކުދީންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުމަށް ކަނޑައެޅުން ފާހަގަކޮށްލެވެއެވެ. ބިލުގައި ތައުލީމީ ގާނޫނަށް އިތުރު ބައެއް ބަދަލުތައް ގެނައުމަށްވެސް ހިމަނާފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް