ލ. ގަން ރީޖަނަލް ހޮސްޕިޓަލް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެ ހޮސްޕިޓަލް އިން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ލ.ގަމު ކައުންސިލު މެންބަރު އަބްދުﷲ އާސިފް ވިދާޅުވީ، އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވީ މީހަކީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް، ގަމު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ވޮޗަރެއް ކަމަށެވެ. އަދި އެއީ މަތިމަރަދުއަށް ނިސްބަތްވާ މީހެއް ކަމަށާއި، ވަރަށް ފަހުން ތ. އަތޮޅަށް ނިސްބަތްވާ ބަޔަކު އެގޭގައި ތިބެފައި އިއްޔެ ފުރައިގެން ގޮސްފައިވާ ކަމަށެވެ. އެއަށް ފަހުން، އޭނާގެ ކޮވިޑް އަލާމާތްތައް ހުރުމުން ޓެސްޓު ކުރުމުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"ވަން' އަށް މައުލޫމާތު ދެއްވަމުން ލ.ގަން ރީޖަނަލް ހޮސްޕިޓަލު މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ، 14 ސެޕްޓެމްބަރ 2021 ދުވަހު، ކޮވިޑް19 ގެ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޕޮޒިޓިވް ވީ ހޮސްޕިޓަލުގެ މުވައްޒަފެއް ކަމަށާއި އެ މުވައްޒަފަކީ ޓްރަވެލް ހިސްޓްރީއެއް ނެތް މުވައްޒަފެއް ކަމަށެވެ.
"އަލާމާތްތައް ފެނިގެން އިއްޔެއިން ފެށިގެން ވާނީ އަޅަން ވާ ފިޔަވަޅުތައް އަޅާފައި، ނަތީޖާ ލިބުނީ ރޭ ދަންވަރު. މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ހޮސްޕިޓަލުގެ މުވައްޒަފަކު ޕޮޒިޓިވް ވީ ނަަމަވެސް، ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް އައުމުގައި ހުރަހެއް ނެތް ކަމަށާއި އަދި އާންމުންނަށް ކުރިއެކޭވެސް އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުންނަށް ފްލޫ ކްލިނިކަށް ދެއްކޭނެ ކަމަށާއި ފްލޫ ކްލިނިކްގައި މިހާރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްވެސް ބައްލަވާނެ ކަމަށެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް އަދި އެއްވެސް ރެންޑަމް ސާމްޕަލެއް ނަގާފައި ނުވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މި ކޭހާއި ގުޅިގެން ގަން މޮނީޓަރިން ހާލަތަށް ގެންދިއުމަށް އަދި ނިންމާފައި ނުވާ ކަމަށާއި، އެހެން ނަމަވެސް އިތުރު ކޭސްތައް ފެނިއްޖެ ނަމަ ރަށް މޮނީޓަރިން އަށް ލުމުގެ ފުރުސަތު އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ގަމުން ކޮވިޑް ކޭހެއް ދެ މަހަށްވުރެ ގިނަ ދުވަހަށްފަހު އިއްޔެ ފެނިފައިވާއިރު ނަޝީދު ވިދާޅުވީ އެރަށުގެ ވެކްސިން ޖަހާފައި ތިބި އާބާދީ 70 ޕަސެންޓަށް ވުރެން މަތިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު