މޮރިޝަސް އާއި ހަންގޭރީ އަދި އާޖެންޓީނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން، އެބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މޮރިޝަސް އިން ރާއްޖެ އަށް ކަނޑައެޅުއްވި އާ ނޮން ރެޒިޑެންޓް ސަފީރު، ސާންތީ ބާއީ ހަނޫމާންޖީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ވަނީ ރައީސް ސޯލިހަށް އަރުވާފަ އެވެ. ދެން ފަތްކޮޅު އެރުވީ އާޖެންޓީނާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޑރ. އޫގޯ ހާވިއެރް ގޯބީ އާއި ހަންގޭރީ އިން ރާއްޖެ ކަނޑައެޅި އާ ސަފީރު
އަންޑުރޭޒް ލެސްޒްލޯ ކިރަލީ އެވެ.
މި ރަސްމިއްޔާތުގައި އެބޭފުޅުން ވަނީ އެ ގައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކޮށް ބަދަހި ކުރުމަށް އިތުރަށް ވެސް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާ ކުރައްވާފަ އެވެ.
އެގޮތުން ހަންގޭރީގެ ސަފީރު ވަނީ ތައުލީމީ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހި ކުރެއްވުމުގެ ގޮތުން ސްކޮލާޝިޕް ފުރުސަތުތަކެއް ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ހަންގޭރީގެ ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.
އާޖެންޓީނާގެ ސަފީރު ވިދާޅުވީ އާޖެންޓީނާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ އިސް ދައުރެއް އަދާކުރާތަން ދެކިވަޑައިގަތުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާ ގުޅޭ ގޮތުން، ހާއްސަކޮށް ކަނޑުފަޅު ހިމާޔަތްކުރުމާ ގުޅިގެން ދިވެހިރާއްޖެ މިސާލަކަށް ބަލައި މަސައްކަތްކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މޮރިޝަސް އާއި ރާއްޖެއާ ދެގައުމަކީވެސް ކުދި ޖަޒީރާ ދެގައުމަށް ވުމާއެކު ރައީސުލްޖުމްހޫރިއްޔާ އާއި، މޮރިޝަސްގެ ސަފީރު ވަނީ ދެގައުމުން ޝައުގުވެރިވާ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން ދެބޭފުޅުން ވަނީ ވިޔަފާރި އާއި އިގުތިސޯދީ ދާއިރާއިންނާއި، އިމްޕޯޓް އެކްސްޕޯޓް އިތުރުކުރުމާ ގުޅޭ ގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުންނާއި، ދެމެހެއްޓެނިވި ތަރައްގީ އާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންނާއި، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުންދެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު