ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީކާޑުގެ ނިޒާމެއް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތެއްގައި ވެސް ސަރުކާރުގެ އޮފީސްތަކަށް ޝަކުވާ ހުށަހެޅޭނެ ގަވްޑޮޓްއެމްވީ މެސެޖުގެ ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަޅުގަނޑުމެންގެ ވަށައިގެން މުޅި ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލް ވަމުން ކަމަށެވެ. ދިރިއުޅުމުގެ އަސާސީ ހުރިހާ ހިދުމަތެއް ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން އަންނައިރު، ފައިސާގެ މުއާމަލާތްތަކާއި، ގައުމުތަކަށް އެތެރެ ވެ ބޭރުވުމާއި، ދަރީންނަށް ކިޔަވައިދިނުމާއި، ބޭސްފަރުވާގެ ހިދުމަތްތައް ވެސް ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަ ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، ކޮންމެ މީހަކަށް ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ޒަމާނަށް އެކަށީގެން ވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގާއިމު ކުރުމަށް މިއަންނަނީ މަސައްކަތް ކުރަމުން. ޑިޖިޓަލް އައިޑެންޓިޓީ ތައާރަފު ކުރުމުން، ހިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ. ޑިޖިޓަލް އައިޑެންޓިޓީގެ ހިދުމަތް ތައާރަފު ވެގެން އަންނައިރު، ގާނޫނީ ގޮތުން ވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ. އެކަމަށް ދުރާލައި ހައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލެއް މިހާރުވާނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި،"
ރައީސް ވިދާޅުވީ، ކޮވިޑް 19ގެ ދަތިކަމުގައި ހޭދަކުރި ދޮޅު އަހަރުގެ ތެރޭގައި، ޑިޖިޓަލްކޮށް ހިދުމަތް ފޯރުކޮށްދިނުމާއި ހިދުމަތް ލިބިގަތުމުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގިގެންދިޔަ ކަމަށެވެ.
އެގޮތުން ފުރަބަންދުގައި ތިބެގެން ކިޔަވައިދިނީ ޑިޖިޓަލް ކްލާސްރޫމްތަކެއްގައި ކަމަށާއި، ވިޔަފާރި އާއި އިގްތިސޯދީ ކިތަންމެ މުއާމަލާތްތަކެއް ޑިޖިޓަލް ވަސީލަތްތަކުން ހިންގިއިރު، ސަރުކާރުގެ ވަރަށް ގިނަ ހިދުމަތްތައް ދެމުން އައީ އޮންލައިން ކޮށް ކަމަށްވެސް ވިދާޅުވިއެވެ.
"މީގެ އިތުރުން އިގްތިސޯދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށް ޓަކައި، ޑިޖިޓަލް އިގްތިސޯދަކާ ދިމާލަށް ގައުމު ގެންދިއުމަކީވެސް، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް. އެކަމަށްޓަކައި، ކުރަން ޖެހޭ މަސައްކަތް މިއަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.
ހިދުމަތްތައް ޑިޖިޓަލްވެގެން އަންނަ އިރު، ސަރުކާރު އޮފީސްތަކަށް އާންމު ރައްޔިތުން ހުށަހަޅާ ކަންކަން އިތުރުވެ، ސަރުކާރުގެ ހިދުމަތްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއީ، ރައްޔިތުންނަށް ހިދުމަތް ދެއްވަން ތިއްބެވި، ސަރުކާރުގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަން ޖެހޭނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު