ދުނިޔެ

ޑަބްލިޔުއެޗްއޯގެ އިންޒާރު: ވެކްސިން ޕްރޮގްރާމް ލަސްވާނަމަ ވެކްސިނަށް ނުގުޑާ ގިނަ ވޭރިއަންޓްތަކެއް ފެތުރިދާނެ

ވެކްސިނަށް ނުގުޑާނެ ފަދަ ކޮވިޑްގެ ގިނަ ވޭރިއަންޓް ތަކެއް ފެތުރިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން އެޖައްމިޔާގެ ހާއްސަ މަންދޫބު ޑޭވިޑް ނަބާރޯ މިހެން ބުނެފައިވަނީ އިނގިރޭސިވިލާތް ހިމެނޭހެން ބައެއް ގައުމުތަކުން ކޮވިޑުން ދިފާއު ވުމަށް ބޫސްޓާ ޑޯޒުގެ ގޮތުގައި ތިން ވަނަ ޑޯޒެއް ދިނުމަށް ތައްޔާރު ވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ކޮވިޑް ވެކްސިންގެ ބާރު ކަނޑުވާލާ ވަރުގެ ވޭރިއަންޓުތައް އުފެދިގެން އައުމަކީ ވަރަށް ގާތްކަމެއް ކަމުގައި ޑަބްލިޔުއެޗްއޯ އިން ބުނެފައިވާއިރު ދުނިޔޭގެ ބައެއް ހިސާބުތަކުގައި، ކޮވިޑުން ދިފާއުވުމަށް އަދިވެސް ވެކްސިން ފުރިހަމަ ކުރެވިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ވެކްސިން ފުރިހަމަކުރެވެންދެން މުއްސަނދި ގައުމުތަކުން ތިންވަނަ ޑޯޒެއް ދިނުން މަޑުޖައްސާލުމަށް އެޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.

ހޯމަ ދުވަހު ބްލޫމްބާގް ޓީވީއަށް ދިން އިންޓަވިއުއެއްގައި ޑަބްލިއުއެޗްއޯގެ ހާއްސަ މަންދޫބު ޑޭވިޑް ނަބާރޯ ބުނެފައިވަނީ ވެކްސިނުން ދޭ ރައްކާތެރިކަން ނެތިކޮށްލާވަރުގެ ވޭރިއަންޓްތައް ދުނިޔޭގެ އެކިކަންކޮޅުތަކުން ކުރިއަށް އޮތް ދުވަސްތަކާއި އަހަރުތަކުގައި ފެންނަމުން ދާނެ ކަމަށެވެ. އަދި މިއީ ދިގުދެމިގެންދާނެ ހަނގުރާމައެއް ކަމަށާއި އެންމެން ގުޅިގެން މިކަމާ ކުރިމަތި ލާން ޖެހޭކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި ބަލާއާފާތުގައި، ދުނިޔޭގައި މިއަދާއި ހަމައަށް 20 މަސްދުވަސް ވެއަތުވެފައިވާއިރު ކޮންމެ ދުވަހަކީވެސް އެތައް ހާސް މީހުންގެ ފުރާނަ މިބަލީގައި ގެއްލެމުންދާ ދުވަސްތަކެކެވެ. އަދި ސިއްހީ މާހިރުން އަންނަނީ ގައުމުންތަކުންނާއި ވެކްސިން އުފައްދާ ފަރާތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހުރި ފަރަގު ކުޑަކުރުމަށް މަސައްކަތްކޮށްދިނުމަށް ގޮވާލަމުންނެވެ.

ޑޭވިޑް ވަނީ ގައުމުތަކުގެ އަމިއްލަ އެޖެންޑާއަށް ވުރެ ބޮޑަށް ދުނިޔޭގެ ޒަރޫރީ ބޭނުންތަކަށް އިސްކަން ދިނުމަށް ގޮވާލާފައެވެ.

ކޮވިޑް ފެތުރުމަށް މަޑުޖެހުމެއް އައިސްފައި ނުވާއިރު އަލަށް ފެންނަމުންދާ ވޭރިއަންޓުތަކުގެ ބާރު ގަދަވެ، ވެކްސިނަށް ނުގުޑާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

''ދުނިޔެ ކުރިމަތިލާން ޖެހިފައި މިވަނީ ބަދަލުވަމުން އަންނަ ގޮތް ނޭނގޭ ވައިރަހަކަށްވާއިރު އޭގެ ވޭރިއަންޓްތައް ވެސް އަންނަނީ އިތުރުވަމުން.'' ޑޭވިޑްގެ ވާހަކައިގައި ވަނީ ބުނެފައެވެ. އަދި މިވައިރަހަކީ އަވަހަށް ދުނިޔެއިން ފިލައިގެން ހިނގައިދާނެ ވައިރަހެއް ނޫން ކަމުގައިވެސް އޭނާވަނީ ފާހަގަކޮށްފައެވެ.