އިންޑިއާގެ މެޑިކަލް ކޮލެޖުތަކަށް ވަނުމަށް ހަދާ ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރެންސް ޓެސްޓް (ނީޓް) ގެ ކަރުދާސް ލީކުވުމުގެ ބޮޑު މައްސަލައަކާ ގުޅިގެން، 2 މިލިއަނަށްވުރެ ގިނަ ދަރިވަރުން މިއަދު އަލުން އެ އިމްތިހާނު ހަދަން ފަށައިފިއެވެ. މެއި މަހު ބޭއްވި އިމްތިހާނު ބާތިލުކުރަން ޖެހުނީ ޓެލެގްރާމް ފަދަ މަންސަތައް މެދުވެރިކޮށް އިމްތިހާނު ކަރުދާސް ވިއްކާފައިވާކަން ފަޅާއެރުމާ ގުޅިގެންނެވެ.
މިފަހަރުގެ އިމްތިހާނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ އިމްތިހާނު ކަރުދާސްތައް އެކި ސަރަހައްދުތަކަށް އުފުލުމުގައި އިންޑިއަން އެއާ ފޯސްގެ އެހީތެރިކަން ހޯދާފައެވެ. އިންޑިއާގެ 551 ސިޓީއެއްގައި ގާއިމުކޮށްފައިވާ 5،400 އަށްވުރެ ގިނަ އިމްތިހާނު މަރުކަޒުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. މީގެ ތެރޭގައި ދަރިވަރުން މަރުކަޒަށް ވަންނައިރު ބަޔޯމެޓްރިކް އަދި މޫނު ދެނެގަންނަ ނިޒާމު ބޭނުންކުރުމާއި، މެޓަލް ޑިޓެކްޓަރު ބޭނުންކޮށްގެން ހަށިގަނޑު ފާސްކުރުން ހިމެނެއެވެ.
ނޭޝަނަލް ޓެސްޓިން އެޖެންސީ (އެންޓީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އަބީޝެކް ސިންގް ވިދާޅުވި ގޮތުގައި، އިމްތިހާނުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ގިނަ އިދާރާތަކެއް ގުޅިގެން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އަލުން ކަރުދާސް ލީކުވި ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށާއި، ކަރުދާސްތައް ހުރީ ރައްކާތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ބައެއް ދަރިވަރުންނާއި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަލުން އިމްތިހާނަށް ތައްޔާރުވާން ޖެހުމުން ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށާއި، ނަމަވެސް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަކީ ކުރިންވެސް އަޅަންޖެހޭނެ ފިޔަވަޅުތަކެއް ކަމަށް ދަރިވަރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އިމްތިހާނު ކަރުދާސް ލީކުވި މައްސަލަ އިންޑިއާގެ ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ ތަހުގީގުކުރަމުންނެވެ. އެކަމާ ގުޅިގެން އިންޑިއާގައި ވަނީ ޓެލެގްރާމްވެސް ބަންދުކޮށްކޮށްފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް