ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގައި އިތުރު ތިން މީހަކަށް ދައުވާ އުފުލައިފިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މިއަދު ކޯޓަށް ހުށަހަޅާފައި ވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ އިސްހާގުގެ ދައުވާއެވެ.
އެގޮތުން ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އިސްހާގަށް ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށް ސާބިތުވެއްޖެ ނަމަ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ފަހުމީގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މީގެ އިތުރުން ނާޒިމްގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލައިގައި މީގެ ކުރިން ދައުވާ ކޮށްފައި ވަނީ ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ.
މި މައްސަލައިގައި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީން އޭނާއަށް ދައުވާކޮށްފައެއް ނުވެއެވެ. އެހެންކަމުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބަންދުގައި ދެން ތިބީ، ހއ. މުޅަދޫ، ބަހާރުގެ، އަބްދުﷲ އަލި މަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު