ޚަބަރު

ރައީސް ޔާމީނަށް ޓަކައި ޖާމިނުވާން މިހުރީ ތައްޔާރަށް: އާދަމް ޝަރީފް

އަލީ ޔާމިން

ކަފާލާތުގެ ދަށުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ޖާމިނު ވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށާއި، މިހާރު ތަންފީޒު ކުރަމުން އަންނަ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ފަރާތުން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ، އުންމީދަކީ ސްޕްރީމް ކޯޓުގައި މިހާރު ހިނގަމުން އަންނަ، ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލަ ރައީސް ޔާމީންގެ ކޮޅަށް ނިމި، އެމަނިކުފާނު މިނިވަންވެވަޑައިގަތުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާ ކަމަށްވަނީ ނަމަ މައިގަނޑު ތިން ކަމެއް އޮންނަ ކަމަށާއި އެގޮތުން ފުރަތަމަ ކަމަކީ ޝަރުތުތަކަކާ އެކު ދޫކޮށްލުން ކަމަށާއި ދެވަނަ ކަމަކީ ފައިސާ ދީފައި ދޫކޮށްލުން ކަމަށާއި ފަހުގޮތަކީ ޖާމިނު ކޮށްފައި ދޫކޮށްލުން ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާބިތުކަމާއެކީގައި މި ދަންނަވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ރައީސް ޔާމީނަށް ކަފާލާތު ދިނުމަށް ޓަކައި ޖާމިނު ވުމަށް އަޅުގަނޑު މިހުރީ ހަމަގައިމުވެސް ތައްޔާރަށް" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން ޖެހޭ ކަމަށާއި ސުޕްރީމް ކޯޓުން މީގެ ކުރިންވެސް ކަފާލާތުގެ ދަށުން ސިޔާސީ ބައެއް ފަރާތްތައް ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އާއި އެމްއާރްއެމްގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫން ކަފާލާތުގެ ދަށުން ދޫކޮށްލި ކަމަށް ވިދާޅުވި އެވެ.

ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށާއި، ހުކުމް ފަސްކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތުން، މީގެ ކުރިން ހައިކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެއިރު ހައިކޯޓުން ނިންމީ ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫ ނުކުރުމަށެވެ.