ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ އިނގިރޭސި ވިލާތުގައި މިހާރު ހައްޔަރު ކޮށްފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކެންސަލް ވެފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމަށް ކަމަށް ހައިކޯޓުން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން، އޭނާއާ ގުޅުން އޮންނަ އަހުމަދު އަބްދުﷲއާ ބައިވެރިވެގެން އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާކޮށް، ޖިންސީ ގޯނާކޮށް، ޖިންސީ އަމަލު ހިންގާފައިވާ މައްސަލައިގައި، އަލީ ވަހީދު ފުރުން މީގެކުރިިން ކުރިމިނަލް ކޯޓުން މަނާ ކުރިއެވެ. ނަމަވެސް ދިމާވި ސިއްހީ ކަންތައްތަކަކާ ގުޅިގެން އެ އަމުރު ނިމުމަކަށް ގެނަސް ހަތަރު މަހުގެ މުއްދަތަކަށް ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައެއް ދިނެވެ.

އެ ހުއްދައިގެން ދަށުން މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް، އެ މުއްދަތު ފަހަނަޅާ ދިޔައިރުވެސް އޭނާ ރާއްޖެ އައިސްފައެއް ނުވެއެވެ. އެކަމާ ގުޅިގެން ޝަރީއަތުގައި ހިނގަމުންދާ މައްސަލައަށް ހުރަސްއެޅިދާނެތީ އަލީ ވަހީދުގެ ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމުގެ އަމުރަކަށް އެދި ފުލުހުންގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތްކަަށް ކުރިމިނަލް ކޯޓުން ނިންމިއެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑީޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައި ވަނީ، ހިފަހައްޓަން އެދިފައިވާ ޕާސްޕޯޓަކީ، ޑިޕްލޮމެޓިކް ޕާސްޕޯޓެއް ކަމަށާއި އެއީ އޭނާގެ ފަރާތުން މިނިސްޓަރުކަން ނެގުމާ ގުޅިގެން 11 އޯގަސްޓް 2020ގައި ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށެވެ. އަދި ޕާސްޕޯޓު ކެންސަލްކުރުމުގެ މާނައަކީ ބާތިލްކުރުން ކަމަށް ބުނެފައިވެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ހުށަހެޅި އިރު، ހިފެހެއްޓުމަށް އެދުނީ ކޮން ޕާސްޕޯޓެއް ކަމެއް ދައުލަތުން ބަލާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ގާނޫނު ތަންފީޒުކުރާ އިދާރާ މެދުވެރިވެގެން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ނަމުގައި ކޯޓުތަކަށް ހުށަހަޅައިގެން ޕްރޮސިކިއުޝަނުން ކުރަމުން ގެންދަނީ، ސީރިއަސް ނަތީޖާއެއް ނެރުމުގެ މަގުސަދުގައި ކުރަމުންދާ މަސައްކަތެއް ކަމަށް ބުރަ ނުވެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން އެ މައްސަލައިގައި ފާހަގަވާ ކަންތައްތަކަށް ބަލައި، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރައުޔަށް ފަނޑިޔާރު މުހައްމަދު ނިޔާޒު ކުރެއްވި ތާއީދާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހުކުމް ކުރިއެވެ. ނަމަވެސް ފަނޑިޔާރު އަލީ ސަމީރުގެ ރައުޔު އެ ދެ ފަނޑީޔާރުންގެ ރައުޔާ ތަފާތެވެ.

ފަނޑިޔާރު އަލީ ސަމީރު ވިދާޅުވެފައި ވަނީ، އަލީ ވަހީދަށް ރާއްޖެއިން ދޫކޮށްފައިވާ ޕާސްޕޯޓުތަކާއި ޓްރެވަލް ޑޮކިއުމެންޓުތައް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމުގެ ޖާގަ އެބަ އޮތް ކަމަށާއި އެފަދަ އަމުރެއް ކޯޓުން ނެރެދޭންޖެހޭ ކަމަށެވެ.