ކުޅިވަރު

އުމުރުން 11 އަހަރުން ފެށިގެން ލުކާކޫ ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ހޯމްގައި ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން އެސްޓޮން ވިލާ ބަލިކޮށްފިއެވެ.

މެޗުގައި ޗެލްސީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބު ކޮށްދިނީ ބެލްޖިއަމްގެ ފޯވަޑު ރޮމެލޫ ލުކާކޫއެވެ. ރޭގެ މެޗުގައި ޖެހި ފުރަތަމަ ގޯލަކީ ޗެލްސީގެ ދަނޑުގައި ލުކާކޫ ޖެހި ފުރަތަމަ ގޯލެވެ. ޅަ ދުވަހުން ފެށިގެންވެސް ޗެލްސީއަށް ސަޕޯޓަރުކުރަމުން އަންނަ ލުކާކޫ، ކުރިން ޗެލްސީއަށް ކުޅުނުއިރު ހޯމްގައި ގޯލެއް ޖެހިފައިނުވާއިރު، އެތައް ތަޖުރިބާއަކަށްފަހު އެ ލުކާކޫ އެނބުރި ޗެލްސީ އަށް ދިޔައީ މި ސީޒަނަށެވެ. އިންޓަ މިލާނާއި މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުމަށްފަހު މި ސީޒަނަށް ލުކާކޫ އެނބުރި ޗެލްސީ ގޮސް، މިހާތަނަށް ކުޅުނު ތިން މެޗުގައި ތިން ގޯލް ޖަހާފައިވެއެވެ.

"އެއީ 11 އަހަރުން ފެށިގެން އަހަރެން ދެކެމުން އައި ހުވަފެން. އަހަރެން މި ވަގުތަށް ވަރަށް ބުރަކޮށް މަސައްކަތް ކުރިން،" ރޭގެ މެޗަށްފަހު ލުކާކޫ ބުނެފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ލުކާކޫ ވަނީ ކޮވަސިޗްގެ ބޯޅައަކުން ޗެލްސީއަށް ލީޑު ނަގައިދީފައެވެ. އެ ހާފްގެ ބާކީބައިގައި އެސްޓޮން ވިލާއިން މޮޅަށް ކުޅެ ހަމަލާތައް އުފެއްދި ނަމަވެސް ޗެލްސީގެ ގޯލްކީޕަރު އެޑުއާޑު މެންޑީ ވަނީ މޮޅަށް ކުޅެ، ގިނަ ސޭވްތަކެއް ކޮށްފައެވެ. ދެވަނަ ހާފްގައި ޗެލްސީއަށް ލީޑު ފުޅާކޮށްދިނީ ކޮވަސިޗެވެ. އަދި މެޗު ނިމެން ދަނިކޮށް ލުކާކޫ ވަނީ މޮޅު ގޯލެއް ޖަހައި ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.

އަހަރެން ކެރިއަރު ފެށިއިރު އަބަދު އެއް ފޯމެއްގައި ހިފަހައްޓަން އުނދަގޫވި. އެކަމަކު މިދިޔަ ދެތިން އަހަރު އަހަންނަށް ފޯމު ދެމެހެއްޓިއްޖެ. ތަޖުރިބާ އާއި ބުރަ މަސައްކަތުން އެކަން ކުރެވުނީ. މިއީ ރަނގަޅު ފެށުމެއް. އެކަމަކު ވާދަވެރި ވަރުގަދަ އެތައް ޓީމެއް ލީގުގައި އޮންނައިރު، ކޮންމެ މެޗެއްވެސް އުނދަގޫވާނެ،" ލުކާކޫ މެޗަށްފަހު އިތުރަށް ބުނެފައިވެ އެވެ.

މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލި ނުވެ، ޗެލްސީ އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުންނާއި ފައިދާ ގޯލުންވެސް ޗެލްސީ ހަމަހަމަކޮށް އޮތްއިރު، ޔުނައިޓެޑަށް އެއްވަނަ ލިބެނީ ޖެހި ގޯލުގެ ތަފާތުންނެވެ. ރޭގެ މޮޅަކީ ޗެލްސީ ތާރީހުގައި އެޓީމުން ހޯދި 600 ވަނަ މޮޅެވެ. މިހާތަނަށް ޕްރިމިއާ ލީގުގައި އެންމެ ގިނަ މޮޅު ހޯދާފައިވާ ކްލަބަކީ 690 މޮޅު ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ.