ސާފު ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ފުޓުބޯޅައާއި ކުޅިވަރުގެ ލެޖެންޑުންގެ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އަންނަ މަހު އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމަށް ކުރިއަށްގެންދިޔަ ސެޝަންގައި ގެސްޓުންގެ ގޮތުގައި ބައިވެރިވެފައިވަނީ ކުޅިވަރުގެ ދާއިރާ އިން ޕީއެޗްޑީ ނަންގަވާފައިވާ އަދި ކާމިޔާބު އެތުލީޓު ހުސެއިން ހަލީމް (ކުޑަ ހުސެން) އާއި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި ކެޕްޓަން އައްސަދު އަބްދުލް ގަނީ އަދި ގައުމީ ޓީމުގެ ކުރީގެ އެއްވަނަ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް (ސާޔާ) އެވެ.

އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ގައުމީ ޓީމުގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ގަތަރަށް ދާ ސްކޮޑުގައި ތިބި 30 ކުޅުންތެރިންނާއި އޮފިޝަލުން އަދި އެފްއޭއެމްގެ ވެރިންނެވެ.

ސެޝަނާ ގުޅިގެން ޝާހު ވިދާޅުވީ ގައުމީ ޓީމުގެ ކުރިމަތީގައި ހުރެ ޓީމަށް ހިތްވަރު ދެވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ޝާހު ވަނީ ގައުމީ ޓީމުން ގަތަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޓްރެއިނިން ކޭމްޕާއި ސާފް ޗެމްޕިއަންޝިޕުގައި ވެސް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

ކުޑަ ހުސެން ވިދާޅުވީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމަށް ވެސް މޮޓިވޭޝަނަލް ސްޕީޗެއް ދޭން ފުރުސަތު ލިބުނު ކަމަށެވެ. އަދި އެފަހަރު ރާއްޖޭން މުބާރާތުގެ ތަށި ހޯދި ގޮތަށް މިފަހަރު ވެސް އެ ކާމިޔާބީ ތަކުރާރުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އައްސަދާއި ޝާހު އަދި ކުޑަ ހުސެން، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ވަގުތު ކޮޅެއް ހުސްކޮށްދެއްވީތީ ޝުކުރު އަދާކުރާ ކަމަށް ވިދާޅުވެފައެވެ.

އަންނަ މަހު އެކަކުން 16 އަށް މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މިއީ ރާއްޖެއިން ސާފް މުބާރާތް ހޯސްޓް ކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން ލަންކާއާއެކު ހޯސްޓް ކުރީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތް ރާއްޖެއިން ކާމިޔާބު ކޮށްފައިވާ އިރު، ފައިނަލް ކުޅުނީ ލަންކާގައެވެ.