ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޔޫރަޕުގެ ގަދަ ބާރުތަކުން ރޭ ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބު ކޮށްފިއެވެ.
ކޮލިފިކޭޝަންގައި ރޭ ޔޫރަޕުގެ ޗެމްޕިއަން އިޓަލީން ކުޅުނު މެޗުގައި ލިތުއޭނިއާގެ މައްޗަށް ކުރި ހޯދީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޖަރުމަނުން 4-0 އިން އައިސްލޭންޑް ބަލިކޮށްފައިވާ އިރު، ސްޕެއިން އިން ކޮސޯވޯ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ.
އިޓަލީން އަމިއްލަ ގައުމުގައި ރޭ ކުޅުނު މެޗުގައި ގޯލުތައް ޖަހައި ދިނީ މޮއިސް ކީންއާއި ޖިއޮކޯމޯ ރަސްޕަޑޯރީ އަދި ޖިއޮވާނީ ޑި ލޮރެންޒޯއެވެ. މެޗުގައި މޮއިސް ކީން ދެ ގޯލް ޖަހައިދީފައިވާ އިރު، ލިތުއޭނިއާގެ ޑިފެންޑަރު އެޑަގަރޫސް އުޓްކޫސް އަތުން ބައިކޮޅަށްވެސް ގޯލު ވަދެފައިވެއެވެ.
ރޭގެ މެޗާއެކު އިޓަލީން ބަލިނުވެ 37 މެޗު ހަމަކޮށްފައިވާ އިރު، އެޓީމަކީ މިހާރު ތާރީހުގައިވެސް ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރި ޓީމެވެ. އިޓަލީން ކޯޗު ރޮނާޓޯ މަންޗީނީއާއެކު އެންމެ ފަހުން ބައްޔަކާ ކުރިމަތިލީ 2018 ވަނަ އަހަރު ސެޕްޓެންބަރު މަހު ކުޅުނު ނޭޝަންސް ލީގު މެޗެއްގައެވެ. އެ މެޗުގައި ބަލިވީ ޕޯޗުގަލް އަތުންނެވެ. އެއަށްފަހު މިދިޔަ ތިން އަހަރު ދުވަހު ތެރޭ އިޓަލީ ކުޅުނު 37 މެޗުން ބަލިނުވެއެވެ. އޭގެ ތެރެއިން 28 މެޗުން އިޓަލީ މޮޅުވި އިރު، އަނެއް ނުވަ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ޖަރުމަނުން ރޭ ކުޅުނު މެޗުގައި އައިސްލޭންޑުގައި އެގައުމު ބަލިކުރީ ސާޖް ނަބެރީއާއި ޓީމޯ ވާނާގެ އިތުރުން އެންޓޯނިއޯ ރުޑިގާ އަދި ލެރޮއި ސާނޭ ޖެހި ގޯލުތަކުންނެވެ. މެޗުގައި ޖަރުމަނަށް އިތުރު ފުރުސަތުތައްވެސް ފަހިވެފައިވާ އިރު، ވާނާއަށް ލިބުނު ހުސް ދެތިން ފުރުސަތެއް އޭނާ ބޭކާރު ކޮށްލިތަން ފެނިގެން ދިޔައެވެ.
ސްޕެއިން އިން ކޮސޯވޯގައި ކުޅުނު މެޗުގައި ގޯލުތައް ޖަހައި ދިނީ ޕަބްލޯ ފޯނާލްސްއާއި ފެރާން ޓޮރޭސްއެވެ. ސްޕެއިން އިން ގުރޫޕު ބީގެ އެއްވަނައިގައި މިވަގުތު އޮތީ ހަ މެޗުން 13 ޕޮއިންޓާ އެކުގައެވެ. އެ ގުރޫޕުގެ ދެވަނައިގައި އޮތީ ސްވިޑެންއެވެ. މިވަގުތު އިޓަލީ ގުރޫޕު ސީގެ އެއްވަނައިގައި އޮތް އިރު، ޖަރުމަނު އޮތީ ގުރޫޕު ޖޭގެ އެއްވަނައިގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު