ޚަބަރު

ސަރުކާރުން ލޯނު ނަގަނީ އެ ދެއްކޭނެކަމުގެ ގާބިލުކަން ހުރުމުން: ޔައުގޫބް

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދުނިޔޭގެ އެކި ތަންތަނުން ލޯނު ނަގަނީ އެ ލޯނުތައް ދެއްކޭނެ ގާބިލްކަން ހުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުޑް ސެކިއުރިޓީގެ ބިލާ ގުޅޭ ގޮތުން ކުރިއަށްދިޔަ ބަހުސްގައި، ސަރުކާރުން ލޯނު ނަގަމުންދާ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުމުން ރައްދު ދިނުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ލޯނު ނަގަމުންދާ މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ސުކޫކު ވިއްކައިގެން ދަރަނީގެ ގޮތުގައި ސަރުކާރުން ނެގި ލޯނުގެ އަދަދު ބައި ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވާ ފައިސާގެ ތެރެއިން ލިބިފައި ވަނީ އެންމެ 17 ޕަސެންޓް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޔައުގޫބު ވިދާޅުވީ، އެކި ފަރާތްތަކުން ސަރުކާރަކަށް ލޯނުދޭއިރު ލޯނު ދެނީ ކޮންފަރާތަކަށްތޯ އާއި އެއީ ކިހާ ފެންވަރެއްގެ ބައެއްތޯ ބަލާނެ ކަމަށެވެ. އަދި ލޯނު ދޫކުރަނީ ކޮން ކަމަކަށްތޯ އާއި ކްރެޑިޓް ރޭޓިންއާއި އެފަރާތަކީ ފައިސާ ދެއްކޭނެ ގާބިލުކަން ހުރި ބައެއްތޯވެސް ބަލާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެއަށް ލޯނު ދެނީ މި ސަރުކާރުގައި ލޯނު ދެއްކުމުގެ ގާބިލުކަން ހުރުމުން ކަމަށާއި ލޯނު ދޫކުރުމުގެ މާނައަކީވެސް ސަރުކާރުގެ ގާބިލުކަން ހުރުން ކަމަށްވެސް ވިދާޅުވިއެވެ.