އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލަން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ އުމުރުން ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 3 އޮގަސްޓް 2020 ގައި ގދ. ތިނަދޫ/ ގްރީންވާޑް، ޝުއާއު ޝަރީފު ހައްޔަރުކުރި މައްސަލައެކެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުކުރުމަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތާއި ހިލާފަށް ކަމަށް ބުނެ އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރާނެ ތަނެއް ނެތް ކަމަށް އެންގިއެވެ.
އެކަމާ ގުޅިގެން އޭނާގެ ބަންދު މުރާޖައާ ކޮށްދިނުމަށް ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ކޯޓުގައި އެދުމުން 6 އޮގަސްޓު 2020 އިން ފެށިގެން ރިމާންޑު ޖަލެއްގައި އޭނާ ބަންދު ކުރަން ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ.
ނަމަވެސް އޭނާގެ ބަންދު މުރާޖައާނުކޮށް ގިނަ ދުވަސްވެފައިވާތީ އޭނާ ހުށަހެޅި މައްސަލައަކާ ގުޅިގެން 19 އޯގަސްޓް 2021ގައި ބޭއްވި އަޑުއެހުމުގައި ޝަރީފު ބަންދުނުް ދޫކޮށްލަން ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ. އެކަމާ ގުޅިގެން އެ މައްސަލަ ޕްރޮސިކިއުޓަރު ޖެނެެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލަ ބެލުމަށްފަހު އޭނާ ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.