ކޮލަމް

ކޮލަމް އަލިފު ސީނު: ސިޔާސީ އެތައް ބައްޔަކަށްފަހު ރައީސް ނަޝީދަށް ދެން އެހެން ގޮތެއް ނެތް

އަލިފު ސީނު

1

ރައީސް މުހަންމަދު ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އާންމުވުމާ އެކު، އެންމެންގެ ހިތަށް ވެސް އެރި އެކައްޗަކީ އެމަނިކުފާނު ދައްކަވާނީ ކޮން ވާހަކަފުޅުތަކެއްތޯ އެވެ. ބައެއް މީހުން ގަބޫލު ކުރީ އެމްޑީޕީގެ އެތެރޭގައި މިހާރު އޮތް މައްސަލަތަކާ ދޭތެރޭ ވަރަށް ގިނަ ވާހަކަފުޅުތައް ވަރަށް ތަފްސީލު ކޮށް ދައްކަވާނެ ކަމަށެވެ. ނުވަތަ ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ އެކު އޮތް ސިޔާސީ ގުޅުން ކަނޑައިލެއްވި ކަން އާންމުކޮށް އިއުލާނު ކުރައްވާނެ ކަމަށެވެ.

އާންމުކޮށް ވެސް ގަދަ ބަސްތައްފުޅުތައް ވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދަށް މި ވަގުތު ވަރަށް ގިނަ ވާހަކަފުޅުތައް ދެއްކެވިދާނެ އެވެ. ސިޔާސީ ގޮތުން އެމަނިކުފާނު އެ ހުންނެވީ ޑިސިޝަނެއް ނަންގަވަން ޖެހިވަޑައިގަންނަވާ ހާލަތެއްގަ އެވެ. އަދި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ވެސް ތިބީ އެމަނިކުފާނު ދެން އަޅުއްވާނެ ފިޔަވަޅެއްގެ އިންތިޒާރުގަ އެވެ. އެހެންވެ ވަރަށް ގިނަ މީހުންގެ ނަޒަރު އެމަނިކުފާނުގެ ޕްރެސް ކޮންފަރެންސަށް އަމާޒުވިކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އެކަމަކު، ގަޑިއެއްހާ އިރުގެ ޕްރެސް ކޮންފަރެންސް ނިމުނު އިރު ރައީސް ނަޝީދު ފެނުނީ އެހެން މޭރުމަކުން ވާހަކަފުޅުތައް ދެއްކެވި ތަނެވެ. ބަލަން ހުރި މިހާ އަށް އިހުސާސް ކުރެވުނީ އެމަނިކުފާނު "ސައިޒް"ވެފައި ހުރި ތަނެވެ. ދެއްކެވީ، ސިޔާސީ ގޮތުން މީގެ ކުރިން ވާހަކަފުޅު ދައްކަވާ ގޮތަކަށް ނޫނެވެ. އަދި އެމަނިކުފާނުގެ ސަޕޯޓަރުންނަށް އިވުނީ ވެސް ބޭނުންވާ ބަސްފުޅުތަކެއް ނޫނެވެ.

އާންމުން ހީކުރި ގޮތަށް ޖުމުލަ ޖަވާބުތަކެއް އެމަނިކުފާނު މިފަހަރަކު ނުދެއްވަ އެވެ. ސިޔާސީ ކުރިމަގާ ބެހޭ ގޮތުން ހަމަ އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ. އަދި މީގެ ކުރިން އެމަނިކުފާނު ގަދަ ހައްދަވައި ވިދާޅުވަމުން ގެންދެވި ބަސްފުޅުތަކާއި ރައީސް ސޯލިހު ވިދާޅުވެފައިވާ ބަސްފުޅުތަކަށް ރައްދު ދެއްވައި ވެސް ނުވަތަ ދިފާއުގައި ވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ. ޖަދަލެއް ވެސް ނުކުރައްވަ އެވެ. އެމަނިކުފާނުގެ މޫނުފުޅާއި ބަސްފުޅުތަކުން ފެނުނީ ހިމޭން ކަމެވެ. އަދި މުޅި ރާގު ހުރީ ދޫދެއްވައިފާނެ ކަމުގެ ވިސްނުމެއްގައި ހުންނެވި ކަހަލަ ގޮތަކަށެވެ. މިއީ އަޅުގަނޑަށް ސިފަވި ގޮތެވެ.

ސަބަބުތައް ވެސް ބައިވަރެވެ. އެމަނިކުފާނު އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ކަމަކީ ބަރުލަމާނީ ނިޒާމު ގެނައުމެވެ. އެކަމާ ބެހޭ ގޮތުން ނުވަތަ އެ ނިޒާމު ޕްރޮމޯޓް ކުރުމުގެ އެއްވެސް ވާހަކަފުޅެއް ނެތެވެ. ތަކުރާރުކޮށް ވިދާޅުވީ އެއީ އެމްޑީޕީން ގެންނަން ނިންމާފައިވާ ނިޒާމެއް ކަމާއި އެ ނިޒާމު ގެނައުން މުހިންމު ކަމަށެވެ. ދެން ދެއްކެވި ވާހަކަފުޅުތައް ބިނާކުރެއްވީ ސަރުކާރުގެ މަސައްކަތްތައް ރަނގަޅު ކަމާއި ނަތީޖާ ރަނގަޅު ކަމުގެ މައްޗަށެވެ. ރައީސް ސޯލިހު ދިފާއު ކުރައްވައި، އެތައް ވާހަކަފުޅެއް ދެއްކެވި އެވެ. ސަރުކާރުގައި، މިސާލަަކަށް ދައުލަތުގެ ދަރަނީގެ މައްސަލައިގައި މީގެ ކުރިން އެމަނިކުފާނު "އަލިފާން އަޅާލި" ވަޒީރު ވެސް އިއްޔެ ރަނގަޅުވި އެވެ. ވިދާޅުވީ، ފިނޭންސް މިނިސްޓަރަށް އިތުބާރު އެބައޮތް ކަމަށާއި އެކަން ރަނގަޅަށް ކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މުޅި ނިއުސް ކޮންފަރެންސްގައި ދެއްކެވި އެއް ވާހަކަފުޅަކީ އެމަނިކުފާނުގެ ސިއްހީ ހާލަތު އޮތް ގޮތާއި ރާއްޖެ ވަޑައިގަންނަވަން ކިތަންމެ ބޭނުންފުޅަސް އެކަން ވާން ނެތް ކަމެވެ. އަދި ފަރުވާ ނުވެސް ނިމޭ ވާހަކަތަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވަން ގަސްތު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދުގެ ފަރާތްޕުޅުން މި ފެނުނު ބަސްމަގާ ގުޅިގެން ވަރަށް ގިނަ ސުވާލުތައް މިއޮތީ ފެންމަތިވެފަ އެވެ. ސިޔާސީ ބައެއް ބޭފުޅުން މިހާތަނަށް ފާޅުކުރައްވާފައިވާ ހިޔާލުތަކަށް ބަލާއިރު، އެމަނިކުފާނު މިހާރު އެހުރީ އަމިއްލަ އަށް ސައިޒް ވެފަ އެވެ. އެހިސާބަށް ނަޝީދު "ކުޑަވީ" ބެލެވޭ ގޮތުގައި އެމްޑީޕީގެ ތެރޭގައި އޮތް ސިޔާސީ ތަޅާފޮޅުމުގައި ކޮންމެ ފަހަރަކު ވެސް ނަޝީދު ބަލިވެ އެންމެ ފަހުން އެހެން ގޮތެއް ނެތިގެންނެވެ. އަދި ޚުދު ރައީސް ސޯލިހު ވެސް ފާޅުގައި މިހާރު ދައްކަވަން ބޭނުންފުޅުވާ ހުރިހާ ވާހަކަފުޅެއް ދައްކަވަމުން ވެސް ގެންދަވާތީ އެވެ.

ސިޔާސީ ގޮތުން އެމްޑީޕީގެ ތެރޭގައި ކުރިމަގު އިތުރަށް ބަނަވެދާނެ ކަމުގެ އިޝާރާތެއް ނަޝީދަށް ލިބިވަޑައިގަތުން އެއީ އެއްގޮތެވެ. ނުވަތަ އެމަނިކުފާނު އެހާ މައިތިރިވީ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށް ވުން އެއީ އަނެއް ގޮތެވެ. ދެން އޮތް ގޮތަކީ، ރައީސް ސޯލިހާ އެކު މަސައްކަތްޕުޅު ކުރައްވަން ނިންމެވުމެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައި ވެސް އޮތީ އެންމެ ކަމެކެވެ. ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވަން މަޖުބޫރުވެ ވަޑައިގަތުމެވެ.

ގިނިކަންޏާ ނުކުމެވަޑައިގެން ރައީސް ކަން، ނުވަތަ ބޮޑުވަޒީރުކަން ހޯއްދެވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ބަރުލަމާނީގެ ބަހުސް ރާއްޖެއަކު ނުހިނގި އެވެ. ރައީސް ނަޝީދަށް ވަފާތެރި ވަރަށް ގިނަ ބަޔަކު ބަރުލަމާނީ ލިޔުމުގައި ސޮއެއް ނުކުރި އެވެ. އެހެންވެ، އެ މަގު ވެސް މުޅީން ބަންދުވީ އެވެ. ދެން އޮތީ ރައީސް ކަމެވެ. އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވޯޓުތަކަށް ބަލާއިރު އެއިން ވެސް ކުރި ހޯއްދަވާނީ ކާކުކަން މިހާރު ވެސް ސާފުކޮށް އެބަ އެނގެ އެވެ.