އަންހެނަކު ކޮވިޑް ޕޮޒިޓިވް ކަމަށް ދެއްކި ފޮޓޯއެއް ރަހުމަތްތެރިއަކާ ހިއްސާކޮށްލުމުން އޭނާ ބަނޑުބޮޑުވީ ކަމަށް ހީކޮށްފިއެވެ.

ހެލެން ފިލިޕްސް ކިޔާ އަންހެނަކު ވަނީ އޭނާ ގޭގައި ހެދި ކޮވިޑު ޓެސްޓުގެ ފޮޓޯއެއް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ އޭނާގެ ރަހުމަތްތެރިޔާއަށް ފޮނުވާފައެވެ. ދެމީހުންގެ މެދުގައި މެސެޖުން ކުރެވުނު މުއާމަލާތަކުގެ ސްކްރީންޝޮޓުތައް ހެލެން ހިއްސާކޮށްފައިވާއިރު ގިނަ ބަޔަކަށް ވަނީ ދެމީހުންގެ ވާހަކަތައް މަޖާ ވެފައެވެ.

ޓެސްޓުގެ ނަތީޖާ ގެ ފޮޓޯ ފެނުމާއެކު ހެލެންގެ ހާލު ކިހިނެއްތޯ ރަހުމަތްތެރިޔާ ވަނީ އަހައިފައެވެ. ޖަވާބުގައި ކުޑަކޮށް ކަރަށް ތަދުވެ ކެއްސާ ކަމަށާއި އަނެއްހެން މާބޮޑު އުނދަގުލެއް ދިމާ ނުވާ ކަމަށް ހެލެން ވަނީ ބުނެފައެވެ. ނަތީޖާ ލިބުމުން ހެލެން ހުރީ ވަރަށް އުފަލުންތޯ ރަހުމަތްތެރިޔާ އަހައެވެ. ނަމަވެސް އެ ސުވާލު ކުރުމުން ހެލެން ހައިރާންވެ އެވެ.

ކޮވިޑުޖެހުމުން އުފާ ވާންވީ ކީއްވެތޯ ރަހުމަތްތެރިޔާ ކުރެން އޭނާ ވަނީ އަހާފައެވެ. ހެލެންގެ މި ޖަވާބުން ވެގެން މިއުޅެނީ ކިހިނެއް ކަން ރަހުމަތްތެރިޔާ އަށް ރޭކާ ލައެވެ. އަދި ރަހުމަތްތެރިޔާ އަށް ހެލެން ހިއްސާ ކުރި ފޮޓޯއަކީ ބަނޑުބޮޑު ކަން އަންގައިދޭ ޓެސްޓެއް ކަމަށް ބެލުވުނީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ރަހުމަތްތެރިޔާ ފަހުން ބުނެފައިވަނީ ހެލެން އެ ފޮޓޯ ފޮނުވީ ހެނދުނު 6.00 ގައި ކަމަށާއި، ވާހަކަ ދެއްކިއިރު ރަނގަޅަށް އޭނާގެ ނިދި ނުފިލާ ކަމަށެވެ. އަދި އެ ދެމީހުންނަކީ ފެށުނީއްސުރެ ގާތް ރަހުމަތްތެރިން ކަމަށާއި ހެލެން ހިއްސާ ކުރި ފޮޓޯއިން ދުވަސް ފެށިގެން ދިޔައީ މަޖާކޮށް ވެސް އޭނާ ވަނީ ބުނެފައެވެ.

ހެލެން އަކީ ބުރަކޮށް މަސައްކަތްކުރަމުން އަންނަ ވިޔަފާރިވެރިއެއް ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ބޮޑު އިވެންޓަކަށް އެތަކެއް މަހެއް ވާންދެން ތައްޔާރުވަމުން އައިސް އިވެންޓު ބޭއްވުމަށް އެއް ދުވަހަށް ވެފައި ވަނިކޮށް ކަމުގައިވެސް ހެލެން ބުނެއެވެ.

ރަހުމަތްތެރިޔާއާ އެކު ދެކެވުނު މި މަޖާ ވާހަކަ ހިއްސާކުރަމުން ހެލެން ބުނެފައިވަނީ އޭނާގެ ކޮވިޑް ޓެސްޓު ޕޮޒިޓިވް ކަމަށް ދައްކައިދޭ ފޮޓޯތަކާއެކު އެހެން މީހުން އޭނާ ބަނޑުބޮޑު ކަމަށް ހީނުކުރާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.