ކުޅިވަރު

ރޮނާލްޑޯ ކުޅޭނީ ހަތް ނަންބަރަށް، ސަސްޕެންޝަނުގައި ހުރުމުން ޕޯޗުގަލް ކޭމްޕުން ޔުނައިޓެޑަށް ދޫކޮށްފި

މުޙައްމަދު ޝަމްޢޫން

1

ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ލެޖެންޑަރީ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަންގައި ކުޅޭނީ ހަތް ނަންބަރަށް ކަން އެ ކްލަބުން އިއުލާނު ކޮށްފިއެވެ.

ޔުނައިޓެޑްގެ ހަތް ނަންބަރަކީ ރޮނާލްޑޯއަށް ހާއްސަ ނަންބަރެކެވެ. އެ ކްލަބުގައި އޭނާ ހޭދަކުރި އެންމެ ކާމިޔާބު ދުވަސްތަކުގައި ރޮނާލްޑޯ ލާފައިވަނީ ހަތް ނަންބަރު ޖާޒީއެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ ކްލަބަށް އައުމުގެ ކުރިން އެންމެފަހުން ޔުނައިޓެޑްގެ ހަތް ނަންބަރު ބޭނުން ކުރީ އެޑިސަން ކަވާނީއެވެ. ރޮނާލްޑޯ އަށް ނަންބަރު ދީ މިހާރު ކަވާނީ ވަނީ އޭނާ ލާނީ 21 ނަންބަރު ކަން އާންމު ކޮށްފައެވެ.

ރޮނާލްޑޯ އިންގްލެންޑަށް މިހާރު ގޮސްފައިވާއިރު، އޭނާ ތަމްރީނު ތަކަށް ނުކުންނާނީ ފަސް ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހުއެވެ. އިންޓަނޭޝަނަލް ބްރޭކުގައި ޕޯޗުގަލް އަށް އަދި ދެ މެޗު އޮތް ނަމަވެސް ރޮނާލްޑޯ ވަނީ ކޭމްޕު ދޫކޮށް ކަރަންޓީނަށް ގޮސްފައެވެ. އެއީ ޔުނައިޓެޑުން ނިއުކާސަލްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރުވުމަށެވެ. ރޮނާލްޑޯ ރިލީސް ކުރަން ޕޯޗުގަލް އިން ނިންމީ ރީނދޫ ކާޑު ހަމަ ވެ، ސަސްޕެންޑް ވެފައި ހުރުމުން ދެން އޮތް ކޮލިފިކޭޝަން މެޗުގައި ރޮނާލްޑޯ އަށް ނުކުޅެވޭނެތީއެވެ.

ބުދަ ދުވަހުގެރޭ ވޯލްޑް ކަޕް ކޮލިފައިންގައި ފަހު ހަ މިނިޓް ތެރޭ ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައި ފަހަތުން އަރައި 2-1 އިން އަޔަލެންޑް އަތުން ޕޯޗުގަލް މޮޅުކޮށްދީފަ އެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދައިފަ އެވެ. ރޮނާލްޑޯ ރެކޯޑް ގާއިމު ކުރީ 180 މެޗުން 111 ގޯލު ޖަހައިގެންނެވެ.

ޕޯޗުގަލް މޮޅުވި ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ ވަނީ އުފާފާޅު ކުރުމުގެ ގޮތުން ޖޯޒީ ބާލައިފަ އެވެ. އެހެންވެ، ރެފްރީ ވަނީ ރޮނާލްޑޯ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ. އެ ކާޑާ އެކު ކޮލިފައިން ގައި ދެން ޕޯޗުގަލް އިން އަޒަރުބައިޖާނާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑް ވެފައެވެ. އެ މެޗު އޮތީ އަންގާރަ ދުވަހު އެވެ. އޭގެ ކުރިން އެކުވެރިކަމުގެ މެޗެއްގައި މާދަމާ ޕޯޗުގަލް އިން ގަތަރާ ދެކޮޅަށް މެޗެއް ކުޅޭނެ އެވެ.

ޔުނައިޓެޑަށް އެނބުރި ގޮސް، ތަމްރީނު ތަކަށް ރޮނާލްޑޯ ތައްޔާރުވަމުން އަންނައިރު، އޭނާއަށް ހަތް ނަންބަރު ދިނުމުން ކަވާނީ އަށް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.