ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރި މައްސަލައިގައި މ. ބްރައިޓްފްލާވާ ހުސައިން ޔޫސުފްގެ މައްޗަށް ދައުވާކުރަން ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވިކަން ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ޕީޖީ ހުސެއިން ޝަމީމު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭ މ.ބްރައިޓްފްލަވާ ގޭގައި، އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައި ނުވާތީ، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެގޭ ވެރިމީހާ (ހުސައިން ޔޫސުފް)ގެ މައްޗަށް ޖިނާއީ ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާގެ މައްޗަށް ދައުވާ ކުރާ މި މައްސަލައިގައި ބުނެފައި ވަނީ، މ. ބްރައިޓްފްލާވަރ ގޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި، އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުން ކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާ ކަމަށް ގަބޫލު ކުރެވޭ ހާލަތު އޮވެ، ނުވަތަ އެގޮތަށް ގަބޫލު ކުރާނެ ފުރުސަތު އޮވެ، އެކަން ހުއްދަކޮށްފައި ވާތީ ކަމަށްވެސް ބުނެފައިވެއެވެ.

އެ މައްސަލަ އިއްޔެ ކުރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 127 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލުކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލު ކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދައުވާ ކުރުމަށެވެ.

މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައިގައި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ގޭގެ ވެރިފަރާތުގެ މައްޗަށް ދައުވާކުރެވުނު ފުރަތަމަ ފަހަރެވެ.