ސިވިލް ކޯޓް

ފިއުލްސަޕްލައިސްގެ ޑެލިވަރީ ނޯޓެއްގައި ސޮއިކޮށް މަކަރުހެދި މައްސަލައިގައި ވަކިކުރި ޝަފީއުއަށް ވަޒީފާދޭން އަންގައިފި

އިބްރާހިމް ޒަކީ

ފިއުލްސަޕްލައިސް މޯލްޑިވްސްގެ ސައްހަ ނޫން ޑެލިވަރީ ނޯޓެއްގައި ސޮއިކޮށް، މަކަރާއި ހީލަތުގެ އަމަލުތަކެއްގައި ބައިވެރިވި ކަމަށް ބުނެ އެސްޓީއޯގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރި، ކ. ކާށިދޫ މާފަހި މުހައްމަދު ޝަފީއުއަށް ވަޒީފާ ދިނުމަށާއި، އޭނާ ވަޒީފާއިން ވަކި ކުރި ދުވަސްތަކަށް ލިބެން ޖެހޭ ފައިސާ ދިނުމަށް ވަޒީފާއާބެހޭ ޓްރައި ބިއުނަލުން އަންގައިފިއެވެ.

މި މައްސަލައަކީ، ކ. ކާށިދޫ މާފަހި މުހައްމަދު ޝަފީއު 25 އޭޕްރީލް 2013 އިން ފެށިގެން އެސްޓީއޯގެ މެކޭނިކަލް އެސިސްޓެންޓް ގެ މަގާމުގައި އުޅެމުން ދަނިކޮށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ފިއުލްސަޕްލައިސް މޯލްޑިވްސްގެ ސައްހަ ނޫން ޑެލިވަރީ ނޯޓެއްގައި ސޮއިކޮށް، މަކަރާއި ހީލަތުގެ އަމަލުތަކެއްގައި ބައިވެރިވި ކަމަށް ބުނެ 22 ޖެނުއަރީ 2020 ގައި އޭނާ ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލައެކެވެ.

އޭނާ މައްސަލަ ހުށަހަޅާފައި ވަނީ، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ވަރަށް ނުބަލައި ހެއްކަށް ރިއާޔަތް ނުކޮށް އަދުލުވެރިކަމެއް ނެތި ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ކަމަށް ނުބެލުމަށާއި، ވަޒފާއިން ވަކިކުރި ތާރިހުން ފެށިގެން ވަޒީފާ އަނބުރާ އިއާދަ ކުރުމާ ހަމައަށް، އެ ވަޒީފާގައި ދެމިހުރި ނަމަ ލިބޭނެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެން ޖެހޭ އެންމެހައި ފައިސާ ނަގައިދިނުމަށާއި، ވަޒީފާއިން ވަކިކުރުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަަށް އެސްޓީއޯގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

މި މައްސަލަ އިއްޔެ ޓްރައި ބިއުނަލުން ނިންމި، ބަޔާނުގައި ވަނީ ފިއުލްސަޕްލައިސްގެ ސައްހަ ނޫން ޑެލިވަރީ ނޯޓެއްގައި ސޮއިކޮށް، މަކަރާއި ހީލަތުގެ އަމަލެއްގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކޮށް، އެ މައްސަލަ ކުންފުނީގެ ފަރާތުން ބެލި ބެލުމުން ޝަފީއު ކުންފުނީގެ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ކުންފުންޏަށާއި، ކުންފުނީގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް އެކަށީގެންވާ ހަމަތަކުން ގަބޫލު ކުރެވޭތީ، އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ވަޒީފާއާ ބެހޭ ގާނޫގެ ދަށުން ކަމަށް ބުނެ މި މައްސަލައިގަ އެސްޓީއޯއިން ޖަވާބުދާރީވެފައިވާ ކަމަށެވެ.

ނަމަވެސް ޝަހުސު އޮޅުވާލައި ސްޓެލްކޯގެ މުވައްޒަފެއް ކަމަށް ދެއްކުމުގެ ގޮތުން މަކަރާއި ހީލަތުން ފިއުލްސަޕްލައިސްގެ ޑެލިވަރީ ނޯޓެއްގައި ޝަފީއު ސޮއިކޮށްފައިވާކަން އެނގެން ނެތުމާއި، އޭނާ ހިޔާނާތްތެރިވެފައިވާ ކަން މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ އެއްވެސް ލިޔެކިއުމަކުން ސާބިތު ނުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރަން ނިންމި ހަމައަކީ އެކަށީގެންވާ ހަމައެއް ކަމަށް އެނގެން ނެތުމާއެކު އޭނާ ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

އެހެންކަމުން އެސްޓީއޯގައި އޭނާ އަދާކުރަމުންދިޔަ މަގާމަށް އަނބުރާ ރުޖޫއަ ކުރުމަށާއި، އޭނާއަކީ ވަޒީފާއިން ވަކި ވެފައިވާ ފަރާތެއް ކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް ވަޒީފާގައި ދެމިހުރި ނަމަ ހައްގުވާނެ މުސާރަ އާއި އިނާޔަތްތަކާއި އަދި ރަމަލާން މަސްތަކުގެ އިނާޔަތްތަކަށްވާ ފައިސާ 21 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދިނުމަށް ޓްރައިބިއުނަލުން ވަނީ އަންގައިފައެވެ.