"ދައުރު" ނޫހުގައި ޝާއިއުކުރި ރިޕޯޓެއްގައި އަބުރަށް އަރައިގެންފައިވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އޭނާ އެދިފައިވާ ގޮތަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އަޒާން އެ ދައުވާ ކޮށްފައިވަނީ އެ ނޫސް ހިންގާ "ނެކްސްޓް މީޑިއާ ގްރޫޕް" އާއި ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށެވެ. މި މައްސަލަ އުފެދުނީ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން މޫސާ ލަތީފް ލިޔުއްވި ރިޕޯޓަކާ ގުޅިގެންނެވެ.

އަޒާން، ކޯޓުގައި އެދިވަޑައިގެންފައިވަނީ އެ ރިޕޯޓަކީ އޭނާގެ އަބުރަށް އަރައިގަނެފައިވާ ލިޔުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ބަދަލުގެ ގޮތުގައި 5،000 ރުފިޔާ އާއި، ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ހިނގި 28،670 ރުފިޔާ ނަގައިދިނުމަށްވެސް ވަނީ އެދިފައެވެ. އަދި ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން އެ ލިޔުން ޕަބްލިޝް ނުކޮށް "ޑްރާފްޓް" ސްޓޭޓަސްގައި ބެހެއްޓުމުގެ އަމުރަކަށްވެސް އަޒާން ވަނީ އެދިވަޑައިގެންފައެވެ.

މޫސާ ލަތީފްގެ އެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޒާން ކުރެއްވި ސުވާލަކާ ގުޅިގެން ހިނގި ކަންތައްތަކެވެ. އަދި އެ ހާދިސާ އަޅާކިޔާފައިވަނީ "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާއެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބަޔާންކޮށްފައިވަނީ މޫސަ ލަތީފުގެ އެ ރިޕޯޓު މިހާރު އޮތީ އެ ރިޕޯޓު ކިޔަން ބޭނުންވާ ކޮންމެ މީހަކަށްވެސް ކިޔޭނެ ގޮތަށް ކަމަށެވެ. އަމުރުގައި ބަޔާންކޮށްފައިވަނީ މައްސަލަ ހުށަހެޅި ފަރާތް ކަމުގައިވާ އަޒާންގެ ހައްގެއް ހިމާޔަތް ކުރަން ޖެހޭ ކަމަށާއި، އެހެންކަމުން މޫސާ ލަތީފުގެ ރިޕޯޓު "ޑްރާފްޓް" ލުމަކުން ދައުވާ ރައްދުވާ ފަރާތަށް ގެއްލުން ލިބޭނެކަމަށް ޝަރީއަތަށް ގަބޫލުނުކުރެވޭ ކަމަށެވެ.

މޫސާ ލަތީފު ލިޔުނު އެ ރިޕޯޓު ގިނަ ބަޔަކަށް މިހާރު ފެނިފައިވާތީ، އަޒާންގެ އަބުރަށް މިހާތަނަށް ލިބިފައިވާ ގެއްލުމަށް ވުރެ އިތުރަށް ގެއްލުންވުމުގެ އިހުތިމާލު ފަހިވެފައިވާކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެހެންވެ ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ އެ ރިޕޯޓު "ޑްރާފްޓް" ސްޓޭޓަސްއަށް ބަދަލު ކުރުމަށެވެ. އެއީ އެ ރިޕޯޓު ޑިލީޓް ކުރުންކަމުގައި ނުބެލެވޭނެކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.