މެއި ހަވަނަ ދުވަހުގެރޭ ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައިގައި އެމަނިކުފާނުގެ ބަޔާން ދެއްވަން ނިންމަވައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެކަން ޔަގީން ކޮށްދެއްވައިފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަން ޝަފީއު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، ރައީސް ނަޝީދުގެ ގާނޫނީ ވަކީލު (އެމަނިކުފާނުގެ ކޮއްކޯ ފުޅު) ނާޒިމް އަބްދުއްސައްތާރު އެކަމާ ބެހޭ ގޮތުން އެ އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެ ސިޓީގައި މައްސަލައާ ގުޅޭ ގޮތުން ބޭނުންވާ ބައެއް ޑޮކިއުމެންޓްތައް ހޯދުމަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެކަމާ ބެހޭގޮތުން ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.
މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލައިގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.
ބޮމުގެ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ ބަޔާނެއް މުހިއްމު ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އާއި ފުލުންވެސް މީގެ ކުރިން ވަނީ ބުނެފައެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ހަތަރު މީހަކަށް ވަނީ ދައުވާ ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމް އެވެ.
ޚަބަރު
ޚަބަރު
ޚަބަރު