ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ރަށްރަށުގައި ޖަމާވާ ކުނި ނައްތާލާނީ ރ. ވަންދޫގައި ގާއިމު ކުރާ ވޭސްޓް މެނޭޖުމެންޓް ރީޖަނަލް ފެސިލިޓީގައި ކަމަށާއި ދެކުނުގެ ކުނި ނައްތާލާނީ އައްޑޫ ސިޓީގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ، ކުނި މެނޭޖުކުރުމަކީ އެ މިނިސްޓްރީން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން ތިލަފުށީގައި ޒަމާންވީ ކުނިފުނި، ނައްތާލައި އެތަނަކީ ފެހި ތަނަކަށް ހެދުމުގެ މަސައްކަތް ވެމްކޯއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މާލޭ ސަރަހައްދުގައި ވޭސްޓް މެނޭޖުމެންޓް ސެންޓަރުތަކެއް ގާއިމްކުރަން ޖެހޭކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ، ތިލަފުށީގައި އެފަދަ ސެންޓަރެއް އޭޑީބީ ފަންޑުގެ އެހީގައި ގާއިމު ކުރާނެ ކަމަށާއި އޭރުން އެންމެ އެކަށީގެން ވާ ގޮތެއްގައި ތިލަފުށީގައި ކުނި ނައްތާލެވޭނެ ކަމަށެވެ. މާލެ އަތޮޅު ހިމެނޭހެން މެދުރާއްޖެތެރޭގެ ހަތަރު އަތޮޅެއްގެ ކުނި ތިލަފުށީގައި ނައްތާލަން ވަނީ ނިންމާފައެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ވޭސްޓް މެނޭޖުމެންޓް ސެންޓަރުތަކެއް ގާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން އަންނަނީ މިއަހަރުގެ ނިޔަލަށް ރ. ވަންދޫގައި ގާއިމު ކޮށްފައިވާ ވޭސްޓް މެނޭޖުމެންޓް ފެސިލިޓީ އޮޕަރޭޝަނަލް ކުރުމުގެ މަސައްކަތް ކަމަށެވެ. އެ ފެސިލިޓީގައި ނ، ބ، ރ، ޅ، ހއ، ހދ، އަދި ށ އަތޮޅުގެ ކުނިވެސް ނައްތާލެވޭނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

"ހއ، ހދ، އަދި ށ ގައި ފެސިލިޓީއެއް އަޅަން ނުފެންނަ ކަމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ބޭފުޅުން މި ވިދާޅުވަނީ، އެހެންކަމުން އެއަތޮޅުތަކުގެ ރަށްރަށުން ކުނި ކަލެކްޓްކޮށްގެން ޓްރާންސްފާ ސެންޓަރުތަކަށް ގެންގޮސް އެއަށް ފަހު ވަންދުއަށް ގެނެސް ނައްތާލާ ގޮތަށް މިއޮތީ" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ، ދެކުނުގެ އަތޮޅުތައް ކަމަށްވާ އައްޑު ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ ކުނި ނައްތާލާނީ އައްޑޫގައި ގާއިމްކުރާ ވޭސްޓް މެނޭޖުމެންޓް ފެސިލިޓީގައި ކަމަށެވެ.

ޝައުނާ ވިދާޅުވީ، މި ސަރުކާރުގެ ދައުރު ނިމޭއިރު ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށެވެ.